ލަންކާއަށް އެހީވުމަށް ހިންގި ޓެލެތޯނުގައި އިދާރާއަކުން ދިން އެހީތެރިކަމަކާއެކު ފޮޓޯއަށް ހުއްޓިގެން. މި ޓެލެތޯނަށް 11 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން ލިބުނު

ރާއްޖެ-ލަންކާ

ލަންކާގެ ޝުކުރު: 'ދިވެހިން ހާލުގައި ޖެހިއްޖެއްޔާ އޮތް އެއްޗެއް އެ މީހުންނަށް ދޭތި'

މުސީބާތުގެ ވަގުތުގައި ދިވެހިން ދެއްކި އޯގާތެރިކަމާއި ދިން އެހީތެރިކަން، ލަންކާގެ މީހުން ވަނީ ބަލައިގެންފައި

ބާރުގަދަ ތޫފާނުގެ ސަބަބުން ސުންނާފަތިވި ދިރިއުޅުމާއި މިލާމޯޅިވެފައިވާ ހިތްތަކަށް، އެ މީހުން ބުނިގޮތުގައި ބައެއްގެ އޯގާތެރިކަމުން ދިރުން ގެނެސްދީފި އެވެ. މާދުރު ރަށެއްގައިވި ބައެއްގެ ހިތުގައި، ބީރައްޓެހި ބަޔަކަށް މިހާ ކުލުނު އޮވެދާނެ ކަމަކަށް އެ މީހުން ހިޔެއް ވެސް ނުކުރެ އެވެ.

"ކޮން ކަހަލަ ބައެއްތަތީ؟،" ސްރީ ލަންކާގެ މީހަކު ސޯޝަލް މީޑިއާގައި އެހި އެވެ.

އޭނާގެ ޝުއޫރުތައް ނުކުތީ، ބާރުގަދަ ތޫފާން، 'ދީތުވާ'ގެ ސަބަބުން ހާލުގައި ޖެހިފައިވާ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް، ދިވެހިން ފޯރުކޮށްދިން އެހީތެރިކަން ފެނި ކުރި އަސަރުން ކަމަށް ބެލެވެ އެވެ. އޭނާގެ ދިގު ސްޓޭޓަސްގައި ދެން ހުރީ، ރާއްޖޭގެ މީޑިއާތައް އިސްވެ ހިންގި، 'ސިލޯނާއެކު ދިވެހިން' ޓެލެތޯނަށް ލިބުނު އެހީތަކުގެ ފޮޓޯތަކެވެ.

"އަހުވަންތަކަމާއި އިންސާނިއްޔަތުކަން ކަލޭމެން ދިރުވައިފި. ޝުކުރިއްޔާ ދިވެހިރާއްޖެ،" އޭނާ ލިޔުނެވެ.

ދެން ލަންކާގެ އެހެން މީހެއްގެ ޝުއޫރެވެ.

އޭނާގެ ސްޓޭޓަސްގައި ލިޔުނެވެ؛ އެންމެ ދިވެއްސެއް އެކަނި ވެސް ވެސް 200،000 ޑޮލަރު ހަދިޔާކޮށްފި އެވެ. އެ މީހުންގެ ގައުމުން 50،000 ޑޮލަރު ފޮނުވައިފި އެވެ. ރާއްޖޭގައި މަސައްކަތްކުރާ ސްރީ ލަންކާގެ މީހުން، 33،000 ޑޮލަރުު އެއްކޮށްފި އެވެ. އެތަނުގެ ބޭންކެއް 20،000 ޑޮލަރު ދީފި އެވެ. ސަރުކާރުން 25،000 މަސްދަޅު ފޮނުވަން ނިންމައިފި އެވެ.

ދިވެހިންގެ އެހީތެރިކަމާ ގުޅޭގޮތުން ލަންކާގެ މީހަކު ފާޅުކޮށްފައިވާ ޝުއޫރެއް

ކާރިސާ ހިނގައިގެން އުޅޭ ގައުމުގައި އެކަމާ ގުޅޭގޮތުން އަމިއްލަ ކެމްޕޭނެއްހާ ހިސާބު ވެސް ނެތް އިރު، ރާއްޖޭގެ ރިސޯޓުތަކާއި ސްކޫލުތަކާއި އޮފީސްތަކުގައި ދައުރުވަނީ 'ސިލޯނާއެކު ދިވެހިން'ގެ ހޭޝްޓެގް ކަމަށް ބުންޏެވެ.

އެ ކަންކަމަށް އިޝާރާތްކޮށް އޭނާ ބުނީ އިންސާނިއްޔަތުކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން އުޅެނީ، އެ މީހުންގެ އަމިއްލަ ގައުމުގެ މީހުންނަށް ވުރެ އެތައް މޭލެއް ކުރީގައި ކަމަށެވެ.

'އެއް ދުވަހުން، ރާއްޖޭން އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، އެ މީހުންނާ މެދު ހަމަ މިހެން އަމަލު ކުރާށެވެ. އަހަރުމެންގެ އަތުގައި އޮތް އެއްޗެއް އެ މީހުންނަށް ދޭށެވެ،" ސްޓޭޓަސްގައި އޭނާ ލިޔުނެވެ.

ލަންކާއަށް އެހީވުމަށް ހިންގި ޓެލެތޯނުގައި މިހާތަނަށް 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ދިވެހިންގެ އެހީތެރިކަން އެ މީހުން ބަލައިގަތީ ހެޔޮހިތަކާއެކު އެވެ.

ދިވެހިންގެ އެހީތެރިކަމާ ގުޅޭގޮތުން ލަންކާގެ މީހަކު ފާޅުކޮށްފައިވާ ޝުއޫރެއް

ކަވީ ސެނޫގެ ނަމުގައި އެކްސްގައި ޝުއޫރުފާޅު ކުރި މީހަކު ބުނިގޮތުގައި ބޮޑެތި ގައުމުތަކަށް ވުރެ، އެންމެ ފަސްލައްކައެއްހާ މީހުން އުޅޭ ރާއްޖޭން ދެއްކި މިސާލު މާ ފުރިހަމަ އެވެ. ގާތްގަނޑަކަށް އެންމެ ދުވަހެއްގެ ތެރޭގައި 600،000 ޑޮލަރު ނުވަތަ 184 މިލިޔަން ރުޕީސް އެއްކޮށް، ދިވެހިން ދެއްކި އެއްބައިވަންތަ ކަމަކީ ދުލުން ބަޔާން ކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން އެހީއަށް ޖެހުނު ވަގުތު އެ މީހުން މި ދިން އެހީތެރިކަން، ދުވަހަކު ވެސް ހަނދާން ނައްތާލައިެން ނުވާނެ އެވެ،" އޭނާ ލިޔުނެވެ.

"މިކަހަލަ ގައުމެއްގައި މަސައްކަތް ކުރަން ލިބޭނީ ނަސީބުވެރިންނަށެވެ."

މުސީބާތުގެ ވަގުތެއްގައި ދިވެހިން ދެއްކި މި އޯގާތެރިކަމާއި ދީލަތިކަމަށް ހަގީގަތުގައި ވެސް ޝުކުރު ހައްގެވެ.

ކޮމެންޓް (2)

ދާދު

2 ޑިސެމްބަރު 2025
މިއީ މުސްލިމުންގެ ތަފާތަކީ!
7 0

ތެފައާސާ.

2 ޑިސެމްބަރު 2025
ޚަބަރު ކިޔާފައި ވަރަށް އުފާވެއްޖެ.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް