ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި ބަހާ އެތައް މިލިއަން ފައިސާ ހޯދާ ގޮތެއް ރައީސް އަމިއްލައަށް ވިދާޅުވާން ޖެހޭ: ޔާމީން

ސަރުކާރުން ބޮޑެތި ޖަލްސާތަކަށް މީހުން ޖަމާކުރުމަށާއި މިނިވަން މުއައްސަސާތައް 'އޮޅުކުރަން' މިލިއަނުން އެބަ ހަރަދުކުރާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ތުހުމަތުކުރެއްވި
1 ޑިސެމްބަރު 2025
2

ސަރުކާރުން ބޮޑެތި ޖަލްސާތަކަށް މީހުން ޖަމާކުރުމަށާއި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންތައް "ފޮރުވަން ވެގެން" މިނިވަން މުއައްސަސާތައް "އޮޅުކުރަން" މިލިއަނުން އެބަ ހަރަދުކުރާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތުކުރައްވައިފި އެވެ.

ވީކިހިނެއް؟ - ރައީސް މުއިއްޒުގެ ސަރުކާރުގެ ހިނގާ ކޮރަޕްޝަންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުން ނުބަލަނީ އެ ތަންތަނުގެ ކޮމިޝަނަރުންނަށް ކޮންމެ ވެސް "ނަހަމަ މަންފާ"ތަކެއް ލިބޭތީ ކަމަށް ޔާމީން ވިދާޅުވީ ރޭ ޕީއެންއެފުން އެ ތަނުގެ އޮފީހުގައި ބޭއްވި ޖަލްސާގަ އެވެ.

ތަފްސީލް - ރައީސް މުއިއްޒު އެކި ކަންކަމަށް އެތައް މިލިއަން ރުފިޔާއެއް ބަހަމުންދާ ކަމަށް، ޕީއެންއެފްގެ ރައީސް ޔާމީން ތުހުމަތުކުރެއްވި އެވެ. އެ ގޮތުން:

  • ކޮންމެ މަހަކު ޕީއެންސީގެ ގިނަ މަޖިލިސް މެންބަރުންނަށް 50،000ރ. ބަހަން ކޮންމެ މަހަކު އެތައް މިލިއަނެއް ހަރަދުކުރޭ

  • ސަރުކާރު ހިންގާ ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވަން، ރަށްރަށުން އެތައް ހާސް މީހުން ޖަމާކުރަން ވެގެން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްލާފައިވޭ

  • ސަރުކާރުގެ ކޮރަޕްޝަންތައް ގިނަ ނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި އެހެން މުއައްސަސާތައް ވެސް ނުބަލަނީ އެ ތަންތަނުުގެ ވެރިންނަށް ވެސް މިލިއަނުން ފައިސާ ހަރަދުކުރާތީ

ބުނީ ކީކޭ؟ - "[ރައީސް] މުއިއްޒަކީ ޑިމޮކްރެސީއަށް އެހާ ފަރިތަ ބޭފުޅަކަށް ނުވާތީ، މި ހުރިހާ ތަނެއް އޮޅުކޮށްގެން މި ގެންގުޅެނީ ވެސް. މި ހުރިހާ އެންމެނަށް ކޮރަޕްޝަނާއި އުސޫލުން ބޭރުން ކަންކަން ކުރެވެނީ ކޮމިޝަނަރުންނަށް ފިޝް އެންޑް ޗިޕްސް ކާން ދީގެން،" ސަމާސާ ރާގެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

ރައީސް ވެސް ހިމެނޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ވެރިން އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް އުޅޭ ނަމަ އެ ވެރިއަކު ޖަވާބުދާރީކުރުވެން ޖެހޭނެ ކަމަށް ގާނޫނުގައި ވެސް އޮންނަ ކަމަށް ޔާމީން ވިދާޅުވި އެވެ. އެތައް ކަމަކަށް މިލިއަނުން ފައިސާ ބަހަމުންދާ ނަމަ، އެއީ ރައީސްގެ މުސާރައާ ނުބައްދަލު އަދަދުތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް އުޅެންޏާ، ނުބައްދަލު [އަދަދަކަށް] ފައިސާ ގެންގުޅެންޏާ، މުއައްސަސާއަކުން ނުބެލިއަސް، މުއައްސަސާއެއްގެ ތަނަކުން މީހަކު އައިސް ކިޔައިދޭކަށް ނުޖެހޭ. އަމިއްލައަށް މުއިއްޒު ވަޑައިގެން ކިޔައިދެއްވާކަށް ނުޖެހޭ ހެއްޔެވެ؟ މުއައްސަސާއަކުން ނުބަލާތީ މުއިއްޒު އަމިއްލައަށް ވިދާޅުވާން ޖެހޭ މިހާރު،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

1 ޑިސެމްބަރު 2025
ލުކް ހޫ އިޒް ޓޯލްކިންގ
1 0

ފާތުމާ

1 ޑިސެމްބަރު 2025
އަބަދުވެސް ފައިސާ ފައިސާ. ބޮޑާބެ ދެން ތިނޫން އެއްޗެކޭ ކިޔާންވެއްޖެއްނު
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް