ކުރީގެ ރައީސުންނާއި އިސްލާހުގެ ދަށުން އިނާޔަތް ލިބޭނެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.

ކުރީގެ ރައީސުންގެ އިނާޔަތުން 175،000ރ. އުނިކޮށް، ދައުރު ފުރިހަމަ ކުރާ ނައިބުންނަށް އެލަވަންސެއް ދެނީ

ނައިބު ރައީސުންނަށް މަހަކު 25،000ރ.ގެ އެލަވަންސަކާ އެކު ރާއްޖެ އާއި ރާެއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުމަށް ވެސް ހިމަނާފައިވޭ

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން މަހަކު ދޭ 275،000ރ. އިން 175،000ރ. އުނިކޮށް، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާގައި މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ސްޕޮންސާ ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/މަޖިލިސް)

ތަފްސީލު - އެ ގާނޫނު މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކުރައްވާ ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:

  • މާލީ އިނާޔަތް: 50،000ރ.

  • ދިރިއުޅޭނެ ތަނުގެ ހަރަދަށް: 50،000ރ.

  • އޮފީސް ހިންގުމުގެ ހަރަދަށް: 175،000ރ.

އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާ ކުރައްވާ ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި ދެނީ، ގާނޫނުގައިވާ ގޮތުން 75،000ރ. އެވެ. އެ އިނާޔަތް ލިބެނީ ހަމައެކަނި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.

އެހެންކަމުން، މައުމޫން ފިޔަވައި ދެން ތިއްބެވި ރައީސުންނަށް އެ ހުރިހާ އިނާޔަތްތަކާ އެކު މަހަކު 275،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް ބައެއް ރައީސުން އޭގެ ތެރެއިން ބައެއް އިނާޔަތްތައް ނުނަންގަވަ އެވެ.

ސަރުކާރުން ހުށަހެޅީ އެ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދަށް ދޭ 175،000ރ. އުނިކުުރުމަށެވެ.

ގާނޫނުގައި މިހާރު ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމެއް ނޯވެ އެވެ. އެގޮތުން:

  • ސަރުކާރުން ހުށަހެޅީ ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް މަހަކު 25،000ރ.ގެ މާލީ އިނާޔަތެއް ދިނުމަށް 

  • ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުން ވެސް ހިމަނާފައިވޭ

  • އެ ބޭފުޅުންގެ ދައުރު ތެރޭ ކުރެއްވި ކަމުން ކުށެއް ސާބިތުވެއްޖެ ނަމަ، އެ އިނާޔަތާއި ދައުލަތުން ދޭ ރައްކާތެރިކަން ކަނޑާލެވޭނެ ކަމަށް ވެސް އިސްލާހުގައި ހިމަނާފައިވޭ

މިއަށް އަމަލު ކުރަން ފެށުން އޮތީ، ބިލު ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

މި އިސްލާހުގައި "ނައިބު ރައީސްކަންކޮށްފައިވާ މީހާ" މާނަކޮށްފައިވަނީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި ނައިބު ރައީސްގެ މަގާމުގެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ހަ ނައިބު ރައީސުން މަގާމު އަދާކުރައްވައިފި އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވީ، މިދިޔަ ވެރިކަމުގައި އެ މަގާމު އަދާ ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.

އެހެންވެ، ބިލު މި އޮތް ގޮތަށް ފާސްވެއްޖެ ނަމަ، މި އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް އަށެވެ.

ދައުލަތުގެ އެހެން މަގާމެއް އަދާ ކުރާ ނަމަ، އިނާޔަތެއް ނުލިބޭނެ

ގާނޫނު މިހާރު އޮންނަ ގޮތުން ކުރީގެ ރައީސަކު ދައުލަތުގެ މާގަމެއް އަދާ ކުރެއްވިޔަސް، އެ ބޭފުޅަކަށް ގާނޫނުގެ ދަށުން ލިބޭ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ. އެ އިނާޔަތް ނެގުމަކީ އެ ބޭފުޅެއްގެ އިހްތިޔާރުގައި އޮންނަ ކަމެކެވެ.

ސަރުކާރުން ދެން މި އިސްލާހުގައި ގެންނަ އަނެއް ބޮޑު ބަދަލަކީ އެގޮތަށް ކުރީގެ ރައީސުން ދައުލަތުގެ އިތުރު މަގާމެއް ފުރުއްވާ ނަމަ، އެ މަގާމު ފުރުއްވާ މުއްދަތުގައި މި އިނާޔަތްތައް ނުލިބޭ ގޮތަށް ހެދުމަށެވެ.

ނައިބު ރައީސުންނަށް ދޭން ހުށަހެޅި 25،000ރ.ގެ އިނާޔަތް ވެސް އެ ބޭފުޅަކު ދައުލަޔުގެ އިތުރު މަގާމެއް އަދާ ކުރައްވާ މުއްދުގައި ނުލިބޭ ގޮތަށް ހެދުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް