އާޒިމާ: އޭނާގެ މައްޗަށް އުފުލި ދެ ދައުވާ އަނބުރާ ގެންދަން ޕީޖީ އޮފީހުން ވަނީ ނިންމާފައި (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އާޒިމާއަށް ކުރި ދައުވާތައް ނަގަައިފި

ޝަރީއަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ އެ މައްސަލައިގައި ހިމެނޭ އެ ދެ ދައުވާ ވެސް އަނބުރާ ގެންދަން ނިންމިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފައި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ މައްޗަށް މިދިޔަ ވެރިކަމުގައި އުފުލި ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާޒިމާގެ މައްޗަށް ފެބްރުއަރީ 2019ގައި ދައުލަތުން ދެ ދައުވާއެއް ކުރި އެވެ. އެއީ:

  • ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ 

  • މަނީ ލޯންޑްރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާ

ޝަރީއަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ އެ މައްސަލައިގައި ހިމެނޭ އެ ދެ ދައުވާ ވެސް އަނބުރާ ގެންދަން ނިންމިކަން ހާމަކޮށް، ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި ބުނީ، އާޒިމާގެ ދައުވާތައް އަނބުރާ ގެންދަން އެ އޮފީހުން ނިންމީ އޭނާގެ ފަރާތުން ދައުވާތައް މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމުން ކަމަށެވެ.

"އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ، އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ މި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފަ އެވެ،" އެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި އިޝާރާތްކޮށްފައިވާ މައްސަލައަކީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް އޭރު ތުހުމަތު ކުރެވުނު މައްސަލައިގައި ކްރިމިނަލް ކޯޓުން ނޮވެމްބަރު 2019ގައި އިއްވި ހުކުމް، ސުޕްރީމް ކޯޓުން ބާތިލު ކުރި ކުރުމެވެ.

ގުޅުން ހުރި - ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވެގެން އާޒިމާގެ މައްސަލަ އަނބުރާ ގެންދަން ޕީޖީން ނިންމި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާތައް ވެސް ގެންދަން މިދިޔަ އަހަރު އޮގަސްޓުގައި ޕީޖީ އޮފީހުން ނިންމާފައިވެ އެވެ. 

ރިޒާގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. 

މި މައްސަލައިގައި ޔާމީނަށް ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ޔާމީންގެ ދައުވާ ކުރިއަށް ގެންދިޔުމަށް ފަހު، ރިޝަވަތު ހުށަހެޅި ކަމަށް ތުހުމަތުވާ ރިޒާގެ މައްސަލަ ފައިލްކުރުމުން އޭރު އެ މަނިކުފާނުގެ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ބޭއްވި މާލޭ މޭޔަރު އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި އާޒިމާ ވާދަ ކުރެއްވި އެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް