ފުއްގިރި ހިޔާނާތުގެ ތެރެއިން ޔާމީނަށް ރިޝްވަތު ހޯދައިދޭން މެދުވެރިއަކަށް ވީ ކަމަށް ބުނާ އަހުމަދު ކްރިކް ރިޒާ (ފޮޓޯ/ވަގުތު)

ފުއްގިރި ހިޔާނާތުގެ މައްސަލަ: ކްރިކް ރިޒާއަށް އުފުލި ދައުވާތައް ފައިލްކޮށްފި

ޕީޖީ އޮފީހުން މިދިޔަ އޮކްޓޯބަރު މަހު އެ އޮފީހުގެ ކުރީގެ ނިންމުންތައް ރިވިއުކުރަން އާންމުކޮށް ހުޅުވާލުމުން ރިޒާ ވަނީ އޭނާގެ މައްސަލަ އަނބުރާ ގެންދަން އެދިފައި؛ ކްރިކް ރިޒާގެ ދައުވާތައް އަނބުރާ ގެންދިޔައީ މައްސަލަ ރިވިއުކުރުމަށް ފަހު
28 އޭޕްރީލު 2025

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންގޮސް، މައްސަލައިގެ އެ ބައި ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯއެއް ތަހުލީލުކޮށް ނިމެންދެން ވަގުތީ ގޮތުން ކްރިކްގެ ބައި ދައުލަތުން ގެންދިޔައީ 12 ޖުލައި 2023ގަ އެވެ.

އެ މައްސަލާގައި ދައުވާކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް އަލުން ފަށައި މިއަދު އޮތް އަޑުއެހުމުގައި، ކްރިކް ރިޒާގެ ބަޔަށް ވީ ގޮތް ސާފުކޮށްދިނުމަށް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް އެދިވަޑައިގެންނެވި އެވެ.

ތަފްސީލް - ދިފާއީ ވަކީލުގެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތް ތަމްސީލްކުރައްވާ ޕީޖީގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އޯޑިއޯ ތަހުލީލުކުރުމަށް ފުލުހަށް އެންގި ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޕީޖީން ބޭނުންވާ ވަރަށް ތަހުލީލުނުކުރެވޭނެ ކަން އެނގުނު ކަމަށެވެ.

އޭގެ ފަހުގައި ޕީޖީ އޮފީހުން މިދިޔަ އޮކްޓޯބަރު މަހު އެ އޮފީހުގެ ކުރީގެ ނިންމުންތައް ރިވިއުކުރަން އާންމުކޮށް ހުޅުވާލުމުން ރިޒާ ވަނީ އޭނާގެ މައްސަލަ އަނބުރާ ގެންދަން އެދި ހުށަހަޅައިފަ އެވެ. ޕީޖީން މައްސަލަ ރިވިއުކުރުމަށް ފަހު ނިންމީ ވެސް އެ ގޮތަށެވެ.

"ރިޒާގެ ފަރާތުން ފާހަގަކުރީ މައްސަލާގައި [ވަރަށް ބޮޑު ލަސްކަމެއް] އަންޑިއު ޑިލޭއެއް އުޅޭކަން. ރިޒާގެ މައްސަލަ އަޅުގަނޑުމެން މިހާރު ވާނީ ފައިލްކޮށް ދައުވާތައް އަނބުރާ ގެނެސްފައި،" ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރު ޝަފީއު ވިދާޅުވި އެވެ.

ރިޒާގެ މައްޗަށް އުފުލި ދައުވާތަކަކީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ.

އޭގެ އިތުރުން މި މައްސަލާގައި ދެން ދައުވާކޮށްފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތާއި ޔާމީންގެ ޝަރީއަތް ވަކިން ގެންދިއުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

ކްރިކް ރިޒާގެ އޯޑިއޯ ޔާމީނަށް ދޫކޮށް، ދީފާއީ ހެއްކެއް ގޮތަށް ހުށަހަޅަން ފުރުސަތު ދޭން ވެސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

އެނގުން މުހިންމު - ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ އެ މުއާމަލާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ:

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް