ކޮންޓްރޯލް ބިލް ފާސްކުރި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ކޮމިޓީގައި ނުހިމެނޭ އިދިކޮޅު ދެ މެންބަރަކު މައިކުން ވާހަކަ ދައްކަވަން ފެއްޓެވުމުން މެންބަރު އިމްރާން މައިކަށް ދަމައިގަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މައިކުތައް ހަލާކުކޮށްލި މައްސަލަތައް: 3 މެންބަރުން އަތުން 24،000ރ. އަދި ޝަމްހީދު އަތުން 3،000ރ. ނަގަނީ

ޝަމްހީދާއި ފަލާހުގެ ހަމަނުޖެހުންތަކުގެ ތެރެއިން މައިކު ހަލާކުވި މައްސަލާގައި ކުށްވެރިވަނީ ޝަމްހީދު އެކަނި ކަމަށް ކޮމިޓީން ނިންމި؛ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މައިކު ހަލާކުވި މައްސަލާގައި މައުރޫފް، އިމްރާން އަދި ސަމީރު ވެސް ކުށްވެރިވާ ކަމަށް ކޮމިޓީން ނިންމި
25 ނޮވެމްބަރު 2025

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ މައިކެއް ހަލާކުކޮށްލި މައްސަލައާއި ކޮމިޓީގެ މައިކެއް ހަލާކުކޮށްލި މައްސަލާގައި ކުށްވެރިވާ މެންބަރުންގެ އަތުން ބަދަލު ނަގާނެ ފައިސާގެ އަދަދުތައް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ވީކިހިނެއް؟ - މަޖިލީހުގެ ކޮމިޓީގެ މައިކެއް ހަލާކުކޮށްލަނީ މިދިޔަ 15 ސެޕްޓެމްބަރުގައި، މީޑިއާ ކޮންޓްރޯލް ގާނޫނު ފާސްކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގަ އެވެ.

އަދި ތަޅުމުގެ މައިކެއް ހަލާކުވަނީ މިދިޔަ 22 އޮކްޓޯބަރުގައި ބޭއްވި ޖަލްސާއެއްގައި އިސްލާމިކް މިނިސްޓަރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް އާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ.

ތަފްސީލް - ސުލޫކު ކޮމިޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ވިދާޅުވީ ކޮމިޓީން ބެލިބެލުމުގައި 22 އޮކްޓޯބަރުގައި ހިނގި ހާދިސާގައި ކުށްވެރިވަނީ ޝަމްހީދު އެކަނި ކަމަށެވެ. އެހެންވެ ޝަމްހީދު އަތުން 3،000ރ. ނެގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

15 ސެޕްޓެމްބަރުގައި ކޮމިޓީގައި ހިނގި ހާދިސާގައި ތިން މެންބަރަކު ކުށްވެރިވާ ކަމަށް ނިންމި އެވެ. އެ ތިން މެންބަރުންގެ އަތުން ޖުމުލަ 24،000ރ. ބަހާލައިގެން ނެގުމަށް ނިންމާފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. އެ ތިން މެންބަރުންނަކީ:

  • 1-

    ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް

  • 2-

    ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު

  • 3-

    ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު

އެ ދުވަހު ކޮމިޓީގައި ކަން ހިނގި ގޮތަކީ:

  • މެންބަރު މައުރޫފް ކޮމިޓީގެ މައިކެއް އޮންކުރެއްވުމަށްފަހު ވާހަކަ ދައްކަވަން ފެއްޓެވި؛ މައުރޫފަކީ ކޮމިޓީއަށް ނިސްބަތްވާ މެންބަރެއް ނޫން

  • މިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަމައިގަންނަން ފެއްޓެވި

  • އެ ވަގުތު މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި އިމްރާނަށް ދަމައިނުގަނެވޭތޯ މަސައްކަތް ކުރައްވާ

  • މި ކަންތައްތަކުގެ ތެރޭގައި މައިކަށް ގެއްލުން ލިބިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް