ކޮންޓްރޯލް ބިލް ފާސްކުރި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ކޮމިޓީގައި ނުހިމެނޭ އިދިކޮޅު ދެ މެންބަރަކު މައިކުން ވާހަކަ ދައްކަވަން ފެއްޓެވުމުން މެންބަރު އިމްރާން މައިކަށް ދަމައިގަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކޮމިޓީގެ މައިކަށް ގެއްލުން ދިން މައްސަލައިގައި 3 މެންބަރުންގެ އަތުން އަގު ނަގަން ނިންމައިފި
މީޑިއާ ކޮންޓްރޯލް ގާނޫނުގެ ބިލު ފާސްކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ތަނުގެ މައިކަކަށް ގެއްލުން ދިން މައްސަލައިގައި، މަޖިލީހުގެ ތިން މެންބަރެއްގެ އަތުން އޭގެ އަގު ނެގުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ މަހު 15 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮންކުރެއްވުމަށް ފަހު ވާހަކަ ދައްކަވަން ފެއްޓެވި އެވެ. ދެން ވީ ގޮތަކީ:
-
ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަމައިގަންނަން ފެއްޓެވި
-
އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި އިމްރާނަށް ދަމައިނުގަނެވޭތޯ މަސައްކަތް ކުރައްވާ
-
މި ކަންތައްތަކުގެ ތެރޭގައި މައިކަށް ގެއްލުން ލިބިފައިވޭ
ތަފްސީލް - މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކޮމިޓީ ބައްދަލުވުމަށް އެޖެންޑާކޮށް މަޝްވަރާކުރި އެވެ. އެ ގޮތުން:
-
ލިބުނު ގެއްލުން ފޫބައްދަން ހިނގި ހަރަދު މަޖިލީހުގެ އިދާރާއިން ސާފުކުރުމަށް ފަހު، އެ އަގު ނެގުމަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް
-
ޝަމީޒްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގު
މަޖިލީހުގެ އޯޑިއޯ ލައިވް ސްޓްރީމުން އިރުކޮޅަކަށް އަޑު މެދުކެނޑުމަށް ފަހު ދެން އިވެނީ ކޮމިޓީ ބައްދަލުވުން ނިންމާލިކަން އިއުލާންކުރެއްވި އަޑެވެ.
ކޮމިޓީގެ ބައެއް މެންބަރުން 'ދައުރު'އަށް ވިދާޅުވީ ކޮމިޓީން ނިންމީ ޝަމީޒް ހުށަހެޅުއްވި ގޮތަށެވެ. އެ ގޮތުން ނިންމީ އޭރު މައިކް ކައިރީގައި ތިއްބެވި ތިން މެންބަރުންގެ އަތުން އަގު ނެގުމަށެވެ.
MP Imran damages a mic inside the Majilis Committee paid for by tax payers #CtrlBillBeyrukurey #CTRLehNukureveyne #SaveOurSocials #AbolishExMPbenefits #EkkohKandaalaa #SkibidiSarukaaru #ToxicIslaahu pic.twitter.com/mbbXB4y2nT
— Anoof Junaid (@anoojfunaid) September 15, 2025
ފަސްމަންޒަރު - ކޮމިޓީން މީޑިއާ ކޮންޓްރޯލް ބިލް އެ ދުވަހު ފާސްކުރަނީ، ބިލް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާ ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން ގޮތެއް ނުނިންމަ އެވެ. އަދި ކޮމިޓީއަށް ވަދެ ތިބި ނޫސްވެރިން އެ ކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ގެންދަނިކޮށެވެ.
އެ ކޮމިޓީގެ ކުރިން ބޭއްވި ދެ ކޮމިޓީ ބައްދަލުވުމެއް ގެންދިޔައީ ސިއްރުކޮށްގެނެވެ. ސިއްރުކޮށްގެން ކޮމިޓީ ގެންދާތީ އެ ކަމާ ދެކޮޅަށް ވެސް މަޖިލިސް ކުރިމަތީ ނޫސްވެރިން އަޑު އުފުލާފައިވެ އެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނުން އުފައްދާފައިވާ ކޮމިޝަނަކީ ސަރުކާރަށް ބާރު ފޯރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުގެ މެންބަރުން ވަކިކުރެވޭ ގޮތަށް އޮންނަ ކޮމިޝަނެކެވެ.
ކޮމެންޓް (3)
ހޯހޯ ޗަހެންނުބުނޭ
ތާހިރު
ނުތާހިރު ރައްޔިތުން