ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު (ކ) އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް (ވ) - ދެ މެންބަރުންގެ ކުރިމަތިލުމެއްގައި މައިކެއް ހަލާކުވެފައިވާ ކަމަށް ރިޔާސަތުން ފާހަގަކުރި--

ތަޅުމުގެ މައިކެއް ހަލާކުވެއްޖެ؛ ޝަމްހީދާއި ފަލާހުގެ މައްސަލަ ސުލޫކު ކޮމިޓީއަށް ފޮނުވައިފި

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، އެ މައިކް ހަލާކުވީ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން
22 އޮކްޓޯބަރު 2025

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވި ވަގުތު ތަޅުމުގެ މައިކެއް ހަލާކުވި މައްސަލާގައި އޭގެ އަގު ނެގުމާއި އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފި އެވެ.

ވީކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވީ، އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހާޒިރުކުރެއްވުމުން ދެއްވި ޖަވާބަކާ މެދު ނުރުހިގެން އެމްޑީޕީގެ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވި ހިސާބުންނެވެ.

އެ ކަމުގެ ތެރޭގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އިންނަވާ މޭޒުގެ މައިކު ހަލާކުވި ކަމަށް އޭގެ ފަހުން ގަރާރަކަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވި އެވެ. ނަމަވެސް އޭރު މައިކުން އަޑު އިވެ އެވެ.

ތަފްސީލް - މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައިކު ބަދަލުކުރަން ޖެހޭ ވަރަށް ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

ނާޒިމް ވިދާޅުވި ގޮތުގައި، އެ މައިކް ހަލާކުވީ ފަލާހާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ.

"އެ ކަން ހިނގައިދިޔަ ގޮތެއް ބަލާފައި އޭގެ އަގު ޖެހޭނެ ދައްކަވަން. އެ މައްސަލަ ސުލޫކާ ބެހޭ ކޮމިޓީއަށް ފޮނުވަން،" ނާޒިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މަޖިލީހުގެ ތަޅުމުގެ މައިކެއް ހަލާކުވި އިރު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުމެއް ތެރެއިން އެ ކޮމިޓީގެ މައިކެއް ވެސް ހަލާކުވެފައިވެ އެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ބިލު ފާސްކުރި އެ ކޮމިޓީގައިކަން ހިނގި ގޮތަކީ:

  •  ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮންކުރެއްވުމަށް ފަހު ވާހަކަ ދައްކަވަން ފެއްޓެވި

  • ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދަމައިގަންނަން ފެއްޓެވި

  • އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި އިމްރާނަށް ދަމައިނުގަނެވޭތޯ މަސައްކަތް ކުރައްވާ

  • ނަމަވެސް މެންބަރު އިމްރާން މައިކަށް ވަރަށް ބާރަށް ދަމައިގަނެފައި މައިކް ބިންމައްޗަށް ވައްޓާލާ

  • މި ކަންތައްތަކުގެ ތެރޭގައި މައިކަށް ގެއްލުން ލިބިފައިވޭ

އެ މައްސަލާގައި މައިކް ބަދަލުކުރުމަށް ދިޔަ ހަރަދު ބެލުމަށް ފަހު، ތިން މެންބަރުންގެ އަތުން ވެސް އެ އަގު ނެގުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް