ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލީސް)

ޝަހީމްގެ ޖަވާބަކަށް ހިތްހަމަނުޖެހިގެން މަޖިލިސް ހޫނުވެ، މައުރޫފް ތަޅުމުން ނެރެފި

ހިތަދޫގައި އިސްލާމީ މަރުކަޒު އަޅަން ދިން ކުންފުންޏަށް ފައިސާ ނުދޭ ވާހަކަ ނާޒިލް ވިދާޅުވުމުން، މިނިސްޓަރު ޝަހީމް އެކަން ދޮގު ކުރެއްވި؛ ދޮގު މައުލޫމާތު ދެއްވަނީ ކަމަށް ޝަހީމް ވިދާޅުވުމާ އެކީ މަޖިލިސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ
22 އޮކްޓޯބަރު 2025
3

އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ނުދީ ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވުމުން އެކަމާ އެމްޑީޕީގެ މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާއެކު މަޖިލިސް މިއަދު ހޫނުވެއްޖެ އެވެ. އެއާ އެކު، ރިޔާސަތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތަޅުމުން ނުކުންނަވަން އަންގަވައި ނެރެފައިވެ އެވެ.

ވީކިހިނެއް؟ - މަޖިލީހުގެ މެންބަރަކު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަން މިނިސްޓަރު މަޖިލީހަށް ހާޒިރުވިއިރު، މަޖިލިސް ހޫނުވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލްގެ ސުވާލާ އެކީ އެވެ.

އިތުރު ސުވާލުކުރުމަށް މެންބަރުންނަށް ދިން ފުރުސަތުގައި، ނާޒިލް ސުވާލުކުރައްވަނީ ހިތަދޫގައި ކުރީގެ ސަރުކާރުން އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކުރި ކޮންޓްރެކްޓަކަށް ފައިސާ ނުދޭ ކަމަށް މައުލޫމާތު ލިބޭތީ އެ ކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝަހީމް ވިދާޅުވަނީ އެއްވެސް ކޮންޓްރެކްޓަރަކަށް ދޭން ޖެހޭ ފައިސާ ނުދީ ނުހުންނާނެ ކަމަށެވެ. އެ ވަގުތު ނާޒިލް ކޮންމެވެސް ވަރަކަށް އަޑުގަދަކުރައްވަން ފެއްޓެވުމުން، ޝަހީމް ވެސް އިތުރަށް ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވަމުން ގެންދެވި އެވެ.

ބުނީ ކީކޭ؟ - "އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ. ސުވާލުކުރައްވާފައި ޖަވާބު އަޑު އައްސަވަން ވާނެ، އިއްޒަތްތެރި މެންބަރު. ފައިސާ ނުދީ [އެމްޑީޕީގެ ސަރުކާރުން] މަސައްކަތްކުރުވާފައި އޮތީ. ފައިސާ ދީ، ހުރިހާ ދަރަންޏެއް އަދާކުރަން ޖެހުނީ އަޅުގަނޑުމެންނަށް. ޖަވާބު އަޑުއެހުމުގެ ގާބިލްކަން ތިބޭފުޅާގެ ކިބައިގައި ހުންނަވަން ޖެހޭނެ،" ކޯފާ އިސްކުރައްވައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އޭނާ މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި އިރު އެ މިނިސްޓްރީގައި ވެސް 50 މިލިއަން ރުފިޔާގެ ދަރަނި ނުދައްކާ އޮތް ކަމަށެވެ. އެ ދަރަނި ވެސް ދައްކަމުން، މިހާރު ދައްކަން ޖެހޭ ފައިސާ ވެސް މި ސަރުކާރުން ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމިކް މިނިސްޓްރީ 50 މިލިއަނުން ދަރުވާލާފައި ދިޔައީ. ލަދު ގަންނަން ޖެހޭނެ ތިބޭފުޅުން މިއަދު ސުވާލުކުރަން،" ޝަހީމް ވިދާޅުވި އެވެ.

ތަފްސީލް - ޝަހީމް އެހެން ވިދާޅުވުމާ އެކު، މަޖިލީހުގެ ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން އަޑުގަދަކުރައްވައި ޒުވާބު ކުރައްވަން ފެއްޓެވި އެވެ.

އޭގެ ފަހުން:

  • ނާޒިލް، ޝަހީމް އިންނެވި މޭޒާ ގާތްވާން މަސައްކަތްކުރެއްވުމުން، ބައެއް މެންބަރުން ގޮސް ނާޒިލް ދުރަށް ގެންދާ މަންޒަރު ފެނޭ

  • ޝަހީމް އިންނެވި މޭޒާ ދިމާއަށް އެމްޑީޕީގެ މެންބަރުން ދާތީވެ، މަޖިލީހުގެ ސެކިއުރިޓީގެ ދެ ބޭފުޅަކު އެ މެންބަރުން ހުއްޓުވަން ވެގެން އެ ތަނުގެ ކުރިމަތީގައި ދެން ތިއްބެވި

އެ ވަގުތު ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން މައުރޫފް ގެންދެވީ އަޑުގަދަކުރައްވަމުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ގެންދެވީ ފުރަތަމަ އިށީނދެވަޑައިގަތުމަށް ނަސޭހަތް ދެއްވަމުންނެވެ. 

ނަމަވެސް މައުރޫފް އެ އެންގެވުމަށް ތަބާނުވުމުން، އޭނާގެ ނަން އިއްވި އެވެ. ނަން އިއްވުމުން މައުރޫފް ވަނީ ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

ކޮމެންޓް (3)

އިބްރާހީމް

22 އޮކްޓޯބަރު 2025
މިއޮތީ ވެސް ޚުޠުބާއެއް އެ ދައުރުގައި ކިޔާފައި އޮތް https://thepress.mv/135914
0 0

ތެފައާސާ.

22 އޮކްޓޯބަރު 2025
ރައީސް މުއިއްޒުގެ ރެސްޕެކްޓް ކެމްޕޭނު ފުރަތަމަ ހިންގަވަންވީ އެމަނިކުފާނުގެ ކެބިނެޓަށްތާ؟؟
1 0

ހުވަދޫ އަހައްމަދޭ

22 އޮކްޓޯބަރު 2025
ފެންވަރު ފެނިގެން އެދިޔައީ. ޙުތުބާގަ ލިޔުއްވާ އެއްޗަކާ އަމަލާ ދިމާނުވިކަން އެނގުނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް