ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ބޮޑީ ކެމެރާގެ އަގު ބޮޑެއް ނުކުރަން؛ ކުންފުނީގެ ޝަރުތު ވެސް ހަމަވާނެ: ޒެޓާ އެންޓަޕްރައިޒަސް
ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުންގެ އަމަލުތަކުގެ މަންޒަރު ފެންނަ ގޮތް ހެދުމަށް ފުލުހުންގެ ޔުނީފޯމުގައި އަޅާ ބޮޑީވޯން ކެމެރާ ދޫކުރުމުގެ އަގަށް ބަދަލުތަކެއް ގެނައި ކަމާއި ޝަރުތު ހަމަނުވާ ކުންފުންޏެއް ކަމަށް ދެކެވޭ ވާހަކަތަކަށް ޒެޓާ އެންޓަޕްރައިޒަސް އިން މިއަދު ރައްދު ދީފި އެވެ.
ވީކިހިނެއް؟ - މި ތުހުމަތުތަކުގެ ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އެއީ އޭނާ މުގައްރިރުކަން ކުރައްވާ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފުލުހުންތަކެއް ފޮނުވި ލިޔެކިއުންތަކަކުން ތިލަވި މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ އެވެ.
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައި، އެ ލިޔެކިއުންތަކާ ހަވާލާދެއްވައި ނާޒިމް ފާހަގަކުރެއްވި ގޮތުގައި:
-
އެ މަސައްކަތަށް ފުރަތަމަ ކުރި އިއުލާނުގެ ދަށުން ޒެޓާ އެންޓަޕްރައިޒަސް ކުރިމަތިލުމުން ޓެންޑާ ބޯޑުން ނިންމީ އެ ކުންފުނި ޝަރުތު ހަމަނުވާ ކަމަށް؛ އެއީ އެ ކުންފުންޏަކީ އިލެކްޓްރޯނިކް ސާމާނު އެތެރެކޮށް ވިއްކާ ބަޔަކަށް ވާތީވެ
-
ދެވަނަ ފަހަރަށް ވެސް އިއުލާންކުރުމުން، ޒެޓާ އެންޓަޕްރައިޒަސްގެ ހިއްސާދާރުން ޝާމިލުވާ އެހެން ކުންފުންޏެއް ކަމަށްވާ ޒެޓާ ޓެކްނޮލޮޖީސް އިން ކުރިމަތިލި؛ ޒެޓާ ޓެކްނޮލޮޖީއާ އެ މަސައްކަތް ހަވާލުކުރަނީ އޭގެ ފަހުގައި
-
އެކްސަން ބްރޭންޑްގެ ބޮޑީ ވޯން ކެމެރާ ގަތުމުގެ މަސައްކަތް ޒެޓާއިން ފެށީ 2021ގައި؛ އެ ކުންފުންޏަށް އެކްސްކްލޫސިވް ރައިޓް ލިބިފައިވަނީ އޭޕްރީލް 2022ގައި
-
އެ ޕްރޮޖެކްޓްގެ އަގަކަށް 66 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް އެންމެ ފުރަތަމަ އަގުގެ ގޮތުގައި ލަފާކޮށްފައި އޮތީ 12 މިލިއަން ރުފިޔާ
ތަފްސީލް - ނާޒިމްގެ ވާހަކަތަކަށް ރައްދު ދީ، ޒެޓާ އެންޓަޕްރައިޒަސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް އެ ކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ހުރިކަން ސާބިތުވާނެ ލިޔެކިއުންތައް ހިމެނޭ ގޮތަށް ޓެންޑާއަށް އޭރު ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހެޅި ކަމަށެވެ.
ނަމަވެސް ޝަރުތު ހަމަނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ފާހަގަކުރީ، އެކްސަންއާއި ޒެޓާއާ އެކު އޮތް އެކްސްކްލޫސިވް އެންޑް ސޯލް ޑިސްޓްރިބިއުޓާޝިޕްގެ ލިޔެކިއުންތަކަށް ރަނގަޅަށް ނުބަލާ ކަމަށް ވެސް ޒެޓާ އިން ބުންޏެވެ. އެ ގޮތުން:
-
ޒެޓާ އެންޓަޕްރައިޒަސް އަކީ 2019 އިން ފެށިގެން އެކްސަންއާއެކު ސޯލް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި ވިޔަފާރީގެ ބައިވެރިއަކަށް މަސައްކަތްކުރަމުންދާ ކުންފުންޏެއް
-
އަދި އެކްސަންގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި ޒެޓާ އައްޔަންކޮށްފައިވަނީ 24 އޮގަސްޓް 2020ގައި
އޭގެ އިތުރުން ފުރަތަމަ ލަފާކޮށްފައިވާ އަގަށްވުރެ18 މިލިއަން ރުފިޔާ ފަހުން ބޮޑުކުރިކަމަށް ނާޒިިމް ދެއްކެވި ވާހަކަ ވެސް ޒެޓާއިން ދޮގުކޮށްފައިވެ އެވެ. ޒެޓާއިން ނެރުނު ބަޔާނުގައި އަގާ ގުޅޭ ގޮތުން ފާހަގަކޮށްފައިވަނީ:
-
ސިންގަލް ސޯސްކޮށްގެން 1،20ަ0 ކެމެރާ ފޯރުކޮށްދޭން ޕްރޮޕޯޒަލް ހުށަހެޅި އަގުގެ ތެރޭގައި ކެމެރާތަކަށް ބޭނުންވާ އިތުރު ހާޑްވެއާއާއި، 3 އަހަރުގެ ވޮރެންޓީ ފޯރުކޮށްދިނުން، ޑިޖިޓަލް އެވިޑެންސް މެނޭޖުމަންޓް ސިސްޓަމަކާއި، ކެމެރާއާ ގުޅުންހުރި މެއިންޓެނެންސް އަދި ސަޕޯޓް 4 އަހަރަށް ފޯރުކޮށްދިނުން ހިމެނޭ
-
ބޮވީ ވޯން ކެމެރާގެ ލައިވް ސްޓްރީމް މެދުކެނޑުމެއް ނެތި ބޭނުންކުރެވޭ ގޮތަށް އިންޓަނެޓްގެ ހަރަދުތަކާއި، ފުލުހުންނަށް އެ ކެމެރާ ބޭނުންކުރާ ގޮތުގެ ތަމްރީންތައް ދިނުމުގެ ހަރަދުތައް ވެސް ޕްރޮޕޯޒަލްގެ އަގުގެ ތެރޭގައި ހިމަނާފައިވޭ
-
ސިންގަލް ސޯސްކޮށްގެން ގެންދިޔަ ޓެންޑާގައި ޒެޓާއިން މަސައްކަތުގެ އަގުގެ ގޮތުގައި، ޕްރޮޕޯޒަލްގައި ހިމެނޭ ހުރިހާ ހިދުމަތާއި ޓެކްސް ވެސް ހިމަނައިގެން ހުށަހަޅާފައި އޮންނާނީ 66.4 މިލިއަން ރުފިޔާ
-
ފުލުހުން އެ ތަކެތީގެ އަގު އަދާކުރުމަށް ވެސް، 4 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ލުއި ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާދީފައިވާނެ އަދި ތަކެތި ފޯރކޮށްދިނީ ވެސް އެޑްވާންސްއަށް ފައިސާ ނެގުމެއް ނެތި
"ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައިވާކަން ދޭހަވާ ފަދަ މޭރުމަކުން އަހުމަދު ނާޒިމްގެ ވާހަކައިން ތުހުމަތުކޮށްފައިވާތީ، މިއީ ކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް ލިބިފައި ނެތި ދައްކާފައިވާ ވާހަކައެއް ކަމުގައި ދެކެމެވެ،" ޒެޓާގެ ބަޔާނުގައިވެ އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިހާތަނަށް ޒެޓާގެ ބަހެއް ހޯދާފައި ނެތް ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ - މި ކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ނާޒިމް އެންމެ ފުރަތަމަ އިނގިލި ދިއްކުރެއްވީ، ބޮޑީ ކެމެރާ ގަތް އިރު ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ސަރުކާރު ބަދަލުވާ ފަހުން ޒެޓާގެ ވަޒީފާއަކާ ގުޅިވަޑައިގަތުމުންނެވެ. ހަމީދު ވެސް ވަނީ މީގެ ކުރިން ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
ކޮމެންޓް (2)
ނާތެދެއްތަ
ވިންދު