ފުލުހުންގެ ބޯޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ސީޕީ ހަމީދު ވާހަކަ ދައްކަވަނީ؛ ބޮޑީވޯން ކެމެރާ ގަތުމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތު - (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފުލުހުންގެ ބޮޑީ ވޯން ކެމެރާ ގަންނަން 66 މިލިއަނަށް ދިނުމުގައި ވެސް ކޮރަޕްޝަންގެ ތުހުމަތު

މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވި ގޮތުގައި، ކެމެރާ ގަތުމަށް ސިންގަލް ސޯސްކޮށްގެން ހަވާލުކުރީ އޭގެ ކުރިން ބީލަމަށް ހުޅުވާލައި އެ ބީލަން ބާތިލްކުރުމަށް ފަހު
14 އޮކްޓޯބަރު 2025
1

ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުންގެ އަމަލުތަކުގެ މަންޒަރު ފެންނަ ގޮތް ހެދުމަށް ފުލުހުންގެ ޔުނީފޯމުގައި އަޅާ ބޮޑީވޯން ކެމެރާ ގަތުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބެލެވޭ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ފާހަގަކޮށްފި އެވެ.

ވީކިިހިނެއް؟ - ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތަކެއް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބަލަމުން ދަނިކޮށް އެ ކޮމިޓީއަށް ވިސްބްލޯވަރުން ވަނީ ފުލުހުންގެ ހުރި ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިކޮށް އޭގެ މައުލޫމާތު ފޮނުވައިފަ އެވެ.

އެ މައުލޫމާތުތައް މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ހާމަކުރައްވައިފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މި ބޮޑީވޯން ކެމެރާގެ މައްސަލަ ހިމެނެ އެވެ.

ތަފްސީލް - ނާޒިމް ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓް ބަޔަކަށް 66 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސިންގަލް ސޯސްކޮށްގެނެވެ. އޭގެ ކުރިން ބީލަމަށް ހުޅުވާލި ކަމަށާއި ނަމަވެސް ފަހުން ބީލަން ބާތިލްކުރިކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"މީގައި ޝައްކު އުފެދޭ ހިސާބަކީ ބީލަންކުރުމަށް ފަހު ބީލަން ކެންސަލް ކުރީމައި. ދެން ހަމަ ބީލަންކުރި ފަރާތަކަށް މި ހަވާލުކުރަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ގޮތުގައި،" ނާޒިމް ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ރިޓަޔާކުރައްވަނީ މީގެ ފައިސާގެ މުއާމަލާތް ވެސް ނިމޭ ފަހުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ރިޓަޔާކުރެއްވުމަށް ފަހު ހަމީދު ވަޒީފާއަކަށް ގުޅިވަޑައިގަންނަވަނީ ވެސް މި ބޮޑީވޯން ކެމެރާތައް ސަޕްލައިކޮށްދިން ކުންފުންޏަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ރިޓަޔާކުރެއްވުމަށް ފަހު އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގަތުމަކީ އޭގެ މޯރަލް އިޝޫ ވެސް ހުރި ކަމެއްގެ ގޮތުގައި ފާހަގަކޮށް އެ މައްސަލަ ބެލުމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާނެ،" މައްސަލަ ބެލުމަށް ފަހު ސަބް ކޮމިޓީން އެކުލަވާލާ ރިޕޯޓަށް އިޝާރާތްކުރައްވައި ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް (1)

އާދަނިކު

14 އޮކްޓޯބަރު 2025
ހުދު ކާފޫރު ނާޒިމް. ތިޔައީ ރަންގަނޑެއް ހަމަ ލިބިފަ އޮތް މިގައުމަށް. ތިޔަހާ އަމާނާތްތެރި ނަޒާހާތްތެރި ފަސްބައިގަ ކިލަނބުކަމެއް ނެތް ސިޔާސީ އާރުކާޓީއަކު މިގައުމުގެ ތާރީހުންވެސް ފެންނާން ނެތް ކަމީ މުޅި މިގައުމު ހެކިވާނެ ކަމެއް. 2028ގަ ކުރިމަތި ލައްވާންވީ ނޫންތޯ. 100% ހޮވޭނެ، މައުމޫނަށްވެސް ސަތޭކަ ނުލިބޭ ނޫންތޯ އެއްފަހަރުވެސް.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް