ފުލުހުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ދާއޫދު (މ). (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކޮރަޕްޝަން

އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް: 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވޭ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައިވާ ގޮތުން ދާއޫދަށް 2023 އާއި މިދިޔަ އަހަރު ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ޖަމާކޮށްފައި
14 އޮކްޓޯބަރު 2025

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބި، 14.6 މިލިއަން ރުފިޔާގެ އެސެޓް ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފާހަގަވެއްޖެ އެވެ.

ވީކިހިނެއް؟ - ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ބައެއް ކޮރަޕްޝަންގެ މައްސަލަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން ދަނިކޮށް އެ ކޮމިޓީއަށް ވިސްލްބްލޯވަރުން ވަނީ ފުލުހުންގެ ތެރޭގައި ހިނގި އަދި ހިނގަމުންދާ ބައެއް އެހެން ކޮރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތަކާއި ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ އެހެން ބައެއް ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީގައި ސަބް ކޮމިޓީއެއް ވަނީ ނަގައިފަ އެވެ. މިއަދު ބޭއްވި ސަބް ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކޮމިޓީއަށް ވިސްބްލޯވަރުން ހިއްސާކުރި މައްސަލަތަކުގެ ތަފުސީލު ހާމަކުރައްވައިފަ އެވެ.

ތަފްސީލް - ނާޒިމް ވިދާޅުވީ މިދިޔަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި ދާއޫދަށް ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ މިދިޔަ ދެ އަހަރު ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު:

  • އޭނާ ހިއްސާވާ އެއްވެސް ކުންފުންޏެއް ނެތް

  • އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނެތް

މުހައްމަދު ދާއޫދާއި އޭނާގެ އަނބިމީހާގެ އެކައުންޓްތައް އެނަލައިޒްކުރުމުން ނޮވެމްބަރު 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާކުރަމުންދާކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ. އެ ގޮތުން:

  • ދާއޫދަކީ އެ ގޭގެ ވެރިފަރާތެއް ނޫން

  • ކުލި ލިބޭނީ ގެ ހަދަން އިންވެސްޓްކޮށްފައި އޮތުމުން

  • ދާއޫދަށް އެ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ފައިސާ ލިބުނު ގޮތެއް ނޭނގެ

މާލިއްޔަތު ކޮމިޓީން ވަނީ އެ އިންވެސްޓްމަންޓްގެ ތަފްސީލްތައް ވެސް ހޯދާފަ އެވެ. އެ ގޮތުން:

  • މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކުރަން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓެއް ކޮށްފައިވޭ

  • އިންވެސްޓްމަންޓްގައި ބައިވެރިވަނީ ވިޔަފާރިވެރިޔާ ހަސަން ތައުފީގު، ދާއޫދުގެ އަނބިމީހާ އާއި އޭރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ހަބީބް

  • ސިވިލް ކޯޓުގައި މި އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވޭ؛ ރަޖިސްޓްރީގެ ކޮޕީއެއް މާލިއްޔަތު ކޮމިޓީއަށް ވެސް ވަނީ ލިބިފައި

މީގެ އިތުރުން ވެސް މުހައްމަދު ދާއޫދު އިތުރު އެޕާޓްމަންޓެއް އެފްޑަބްލިއު ރެސިޑެންސްއިން ގަނެފައި އެބަހުރިކަން ވެސް ފާހަގަވެފައިވެ އެވެ. އެ ގޮތުން:

  • އެޕާޓްމަންޓް ގަތީ 4.1 މިލިއަން ރުފިޔާއަށް

  • އެ އަގު ދެއްކީ 10 އިންސްޓޯލްމަންޓަަކަށް ބަހާލައިގެން ނަގުދު ފައިސާއިން

  • އާއިލާގެ މީހެއް ނަމުގައި ހުރުމަށް ފަހު މިހާރު މުހައްމަދު ދާއޫދުގެ ދަރިފުޅުގެ ނަންމައްޗަށް ތަން ވަނީ ބަދަލުކޮށްފައި

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލީސް)

ބުނީ ކީކޭ؟ - "އެހެންވީމާ [މއ. ތަޅަމުދިގޭގެ 10 ބުރީގެ އިމާރާތަށް] 10.5 މިލިއަން ރުފިޔާ އާއި [އެފްޑަބްލިއު ރެސިޑެންސްގެ އެޕާޓްމަންޓްއަށް] 4.1 މިލިއަން ރުފިޔާ އެއްކޮށްލީމައި ޖުމުލަ 14.6 މިލިއަން ރުފިޔާގެ އެސެޓް މި ވަނީ ކްރިއޭޓްކޮށްފައި. މިއީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ކަމުގައި ބޮޑަށް ބެލެވެނީ،" ނާޒިމް ވިދާޅުވި އެވެ.

މިއީ ދާއޫދު ނުހައްގު މުއްސަނދިކަން ހޯދުން ކަމަށް ބެލެވޭނެ މައްސަލައެއްކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ފާހަގަކޮށްލެވޭ - މީގެ އިތުރުން މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކަކީ:

  • މިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނެވި ދުވަސްވަރު ބޮޑީ ކެމެރާ ގަތުމަށް ބީލަމަށް ހުޅުވާލުމަށް ފަހު ބީލަން ބާތިލްކޮށް، ސިންގަލް ސޯސް އުސޫލުން ކުންފުންޏަކަށް 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދިން މައްސަލަ

  • ފުލުހުންގެ ކޭޓަރިން ހިދުމަތަށް ޕޮލްކޯ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު އެއްބަސްވުމެއް ހެދީ އަމިއްލަ ކުންފުންޏަށް ނަހަމަ ފައިދާވާ ގޮތަށް އަދި ޕޮލްކޯއަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަމަށް ބުނާ މައްސަލައެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް