ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

66 މިލިއަނަށް ބޮޑީ ކެމެރާ ގަންނަން މުއާމަލާތް ހިންގީ ދެފުށް ފެންނަ ގޮތަށް: ހަމީދު

މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވި ގޮތުގައި، ކެމެރާ ގަތުމަށް ސިންގަލް ސޯސްކޮށްގެން ހަވާލުކުރީ އޭގެ ކުރިން ބީލަމަށް ހުޅުވާލައި އެ ބީލަން ބާތިލްކުރުމަށް ފަހު
16 އޮކްޓޯބަރު 2025

ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުންގެ އަމަލުތަކުގެ މަންޒަރު ފެންނަ ގޮތް ހެދުމަށް ފުލުހުންގެ ޔުނީފޯމުގައި އަޅާ ބޮޑީވޯން ކެމެރާ ގަތުމުގެ މުއާމަލާތް ހިންގީ ދެފުށްފެންނަ ގޮތަށް ހާމަކަން ބޮޑު އުސޫލުތަކެއްގެ ތެރެއިން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ފުލުހުންގެ ތެރޭގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއްގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އެ ދުވަހު ކޮމިޓީގައި ފާހަގަކުރެއްވި ގޮތުގައި:

  • އެ ޕްރޮޖެކްޓް ބަޔަކަށް 66 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސިންގަލް ސޯސްކޮށްގެން

  • އޭގެ ކުރިން ބީލަމަށް ހުޅުވާލި ނަމަވެސް ބީލަން ފަހުން ބާތިލްކުރި

  • ޕޮލިސް ކޮމިޝަނަރުކަމުން ވަކިވެ، ހިދުމަތުން ރިޓަޔާވެވަޑައިގެން ފަހުން ހަމީދު ވަނީ ކެމެރާތައް ސަޕްލައިކޮށްދިން ކުންފުނީގެ ވަޒީފާއަކާ ގުޅިވަޑައިގެންފައި

ހަމީދު އެ ކުންފުންޏަށް ނަހަމަ ފައިދާއެއް ހޯދިން ކަމަށް ބެލެވެނީ ބީލަން ކެންސަލްކޮށް ސިންގަލް ސޯސްކޮށްގެން އެ ކުންފުނިން ކެމެރާތައް ގަތުމުންނާއި، ފަހުން އެ ކުންފުނީގެ ވަޒީފާއަކާ ގުޅުމުން ކަމަށް ނާޒިމް މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމިޓީގައި ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ހަމީދަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ބްލޮގްގައި ލިއުއްވީ ފުލުހުންނަށް އެ ތަކެތި ފޯރުކޮށްދިން ޒެޓާ އެންޓަޕްރައިސަސްގެ ތަކެއްޗަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ބޭނުންކުރާ ތަކެތި ކަމަށެވެ.

އެ ގޮތުން އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ސިންގަޕޫރު ފާހަގަކުރެއްވި އެވެ. އެ ކުންފުނިން ފޯރުކޮށްދީފައިވަނީ އެކްސަންގެ އުފެއްދުންތަކެވެ.

އަދި އެ ކުންފުނީގެ ދަށުން ހިންގާ ޒެޓާ ޓެކްނޮލޮޖީސްއަކީ ރާއްޖޭގައި އެކްސަންގެ އުފެއްދުންތައް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ޑިސްޓްރިބިއުޓަރެވެ.

މި ޕްރޮޕޯސަލް ހުށަހެޅުމުން ފުލުހުން ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓެސްޓްތައް ހެދި ކަމަށް ހަމީދު ވިދާޅުވި އެވެ. އެއަށްފަހު އިންޓާނަލް އެސެސްމަންޓަކާއި ޓެންޑާ ޕްރޮސެސްއެއް ހަދައި، އިންސްޓިޓިއުޝަނަލް ރިވިއުތައް ވެސް ފުރިހަމަ ކުރި ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ކެމެރާތައް ގަނެފައި ވަނީ ހަތަރު އަހަރުގެ ޕޭމަންޓް ޝެޑިއުލްއެއްގެ ދަށުން

  • ކޮވިޑް-19ގައި ކުރިމަތިވި އިގުތިސޯދީ ތަދުމަޑުކަމުގައި ކޮންމެހެން ފުލުހުންގެ ހިދުމަތަށް އިތުރުކުރަން ޖެހުނު ގާބިލިއްޔަތުކަމަކަށް ލިބޭނެ އެންމެ ރަނގަޅު ބީލަން

  • ބީލަން ނާކާމިޔާބުވި ބަޔަކު ކުރިން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅި ނަމަވެސް އޭގައި ގޯހެއް ފެނިފައެއް ނުވޭ

ޒެޓާގައި އޭނާ މިހާރު އަދާކުރައްވާ ވަޒީފާއާ ގުޅޭ ގޮތުން ހަމީދު ވިދާޅުވީ އެ ވަޒީފާ ލިބުނީ ވެސް ރިޓަޔާ ކުރެއްވިތާ ދޮޅު އަަހަރެއްހާ ދުވަސް ފަހުން ކަމަށެވެ. އެއީ އިންޑީއާ ކަނޑުގެ ސަރަހައްދުގެ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ޓެކްނޮލޮޖީ މާކެޓްތަކަށް ކުންފުނި ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވުމުގައި އަދާކުރަން ޖެހޭ މަގާމެކެވެ.

"އެ ކުންފުނިން އަހަރެންނާ މެދު ޝައުގުވެރިވީ އަހަރެންގެ ތަޖުރިބާގެ ސަބަބުން.އެއީ އެއްވެސް ހާލަތެއްގައި ނުފޫޒެއް ހިންގައިގެން ލިބުނު ވަޒީފާއެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

ރިޓަޔާ ކުރުމަށްފަހު، އެ އިދާރާއަކަށް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ކުންފުނިތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގައި ކުރިން މަސައްކަތްކުރި ފަރާތްތަކުން މަސައްކަތް ކުރުމަށް ރާއްޖޭގެ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ވެސް ހުރަސް ނާޅާ ކަމަށް ވިދާޅުވި އެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ކެރިއަރަކުން ރިޓަޔާވުމަށްފަހު ބަދަލެއް ގެނައުމުގެ ކުރިން ހިނގާ މުއްދަތަކަށް އޮންނަނީ ހަ މަސް ދުވަހާއި އެއް އަހަރުގެ މުއްދަތު ކަމަށް ހަމީދު ވިދާޅުވި އެވެ. އޭނާ ވަޒީފާއަކަށް ނުކުންނަވަން ފެއްޓެވީ އެ މުއްދަތަށް ވުރެ މާ ފަހުން ކަން ވެސް ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް