ފެން މައްސަލާގައި ފުވައްމުލަކުގައި ކުރި މުޒާހަރާއެއްގެ ތެރެއިން( ފޮޓޯ/ ސޯޝަލް މީޑިއާ)

ފުވައްމުލައް

ފުވައްމުލަކުގެ ގިނަ ގޭގައި ހުރީ 2 ފެން އެއްވާ ގޮތަށް؛ ކައުންސިލުން ފެނަަކަ ގޮވައިގެން ކޯޓަށް

ފުވައްމުލަކު ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅަނީ ފެން ފޯރުކޮށްދިނުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ މައްޗަށް އަމުރުކޮށްދެއްވުން އެދި

ފުވައްމުލަކުގައި ސަޕްލައި ފެން ތަގައްޔަރުވެފައިވަނީ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާ ގޮތަށް) ހަދާފައިވާތީ ކަމަށާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ފެން ދޫނުކުރުމަށް އެދިފައިވަނިކޮށް އަލުން ފެންދޫކޮށް ހިދުމަތް ދެމުންދާތީ އެކަން ހުއްޓުވުމަށް މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 10،000އާ ގާތްކުރާ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލުމަށް ފަހު ގޭގެއަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހުގަ އެވެ.

އޭގެ ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން ނެރުނު ނޫސްބަޔާނެއް ބުނީ، ފުވައްމުލަކުގައި ސަޕްލައި ފެން ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ގަބޫލުކުރާ މިންގަނޑަށް ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ވެސް ބައެއް މީހުން ވަނީ ބޯން ބޭނުންކުރާ ފެނުގެ ނުސާފުކަން ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ފުވައްމުލަކު ކައުންސިލުން މިއަދު ބުނި ގޮތުގައި، މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވަނީ:

  • ފެނަކައިން ދޫކުރާ ފެނަކީ ބޭނުންކުރަން ރައްކާތެރި ފެންކަން ޔަގީންކޮށްދިނުމަށް އެދި

  • ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްދެއްވުން އެދި 

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގަކަށްވާއިރު، ފުވައްމުލަކު ރައްޔިތުން އެކަމުން މަހުރޫމްވަމުންދާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ވެސް ހުށަހަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.  

ދެ ފެން އެއްވާ ގޮތަށް ހަދާފައި ވާނަމަ އެކަން ވީހާ ވެސް އަވަހަކަށް ރަނގަޅުކުރުމަށް އިލްތިމާސްކޮށް، ކައުންސިލުން މިއަދު ވަނީ އިއުލާނެއް ވެސް ކޮށްފަ އެވެ. އެ އިއުލާންގައި ބުނީ، ފެނުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ކުރިއަށްގެންދިޔަ ސާވޭއަކުން ގިނަ އަދަދެއްގެ ގޭބިސީތަކުގައި ދެ ފެން އެއްވާ ގޮތަށް ހަދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މިފަދަ ކަނެކްޝަންތައް ހެދުމަކީ 'ފެނާއި ނަރުދަމާގެ ގާނޫނު'ގެ ދަށުން ކަނޑައެޅިގެން މަނާކުރެވިފައިވާ ކަމެއް ކަމަށް ވެސް އިއުލާންގައިވެ އެވެ.

"ވީމާ، ފުވައްމުލައް ސިޓީގެ އެއްވެސް ގޭބިސީއެއްގައި ފެނުގެ ކްރޮސް ކަނެކްޝަން ހަދާފައިވާ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ފެނަކައިގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން އިސްލާހުކުރެއްވުމަށް އިހުތިރާމާ އެކު ދަންނަވަމެވެ،" ކައުންސިލުން މިއަދު ނެރުނު އިއުލާންގައިވެ އެވެ.

މިކަމާ ގުޅިގެން ކައުންސިލުން އިއްޔެ ނުރުނު ބަޔާނެއްގައި ބުނީ، ފެނުގެ ތަހުލީލުތަކެއް ހެދުމަށް ޔޫޓިލަޓީ އޮތޯރިޓީގައި އެދުނީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެމުން ދިއުމާއި ފެން ތަގަައްޔަރުވެފައިވާކަމުގެ ޝަކުވާތައް އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށެވެ. ފެނުގެ ސާމްޕަލް ނަގައިގެން ހެދި އެ ތަހުލީލު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ރިޕޯޓުން ފާހަގަކުރެވުނު، އިސްލާހުކުރަންޖެހޭ ކަންކަން ފެނަކައަށް އޭރު އަންގާއިވާނެ ކަމަށް ބުންޏެވެ.

އެގޮތުން، ފެނަކައަށް އެންގި ކަންކަމަކީ:

  • މައްސަލަ ޖެހިފައިވާ ފެން ޕްލާންޓް އަވަސް މުއްދަތެއްގެ ތެރޭގައި މަރާމާތުކޮށް އޮޕަރޭޝަނަލް ހާލަތަށް ގެނައުން

  • މައްސަލަ ދިމާވެފައިވާ ބޯހޯލްތައް ވީއެންމެ އަވަހަކަށް މަރާމާތުކޮށް ބޭނުންކުރެވޭނެ ހާލަތަށް ގެނައުން

  • ތިންވަނަ ސްޓޯރޭޖް ޓޭންކް މަރާމާތުކޮށް ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުން

  • ފެނުގެ ނިޒާމުގައި ހުރި ލީކުތައް ދެނެގަތުމަށްޓަކައި ލީކް އެސެސްމަންޓެއް ހަދައި ލީކްވުމަށް ދިމާވާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުން

  • ކްރޮސް ކަނެކްޝަން ހަދާފައިވާ ގޭގެ ދެނެގަތުމަށްޓަކައި ސާވޭއެއް ކުރުމަށް ފަހު، އެފަދަ ގޭގެ ފާހަގަކޮށް އެކަން ހުއްޓުވުން

  • ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެން، ޔޫޓިލިޓީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

  • ފެނުގެ ޑިމާންޑު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ މިންވަރަށް ބަލައި އެ ނިޒާމް އަޕްގްރޭޑްކުރުމަށް ޕްރޮޕޯސަލެއް އެކުލަވާލައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލެއް ތައްޔާރުކުރުން

އެ ޓެސްޓުތަކުން ފެނުގައި ޖަރާސީމުގެ މިންވަރު އެކަށީގެންވާ މިންވަރަށްވުރެ މަތިކަމަށް ފާހަގަކުރެވުމާ ގުޅިގެން، މުޅި ސިޓީއަށް ފޯރުކޮށްދެވޭ ފެން ވަގުތީގޮތުން މެދުކަނޑާލުމަށް ފަހު، ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ޔަގީންކުރެވެންދެން އަލުން ފެން ދޫނުކުރުމަށް އޭރު ފެނަކައިގައި އެދިފައިވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު އަލުން ފެން ދޫކުރަން ފެށީ އެކަން ރަނގަޅުނުކޮށް ކަމަށާއި އެކަމާ ގުޅިގެން ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެމްއެފްޑީއޭ އަދި ހެލްތު މިނިސްޓްރީއާ ވެސް އެ ހިއްސާކޮށްފައިވާނެ ކަމަށް ބުންޏެވެ.

ޖެހިގެން އައި ދުވަހު، އެ ފެނަކީ ރައްކާތެރި ފެންކަމުގައި ރަސްމީކޮށް އެފްޑީއޭން އަންގާފައިވިޔަސް، ކުރެވުނު ޓެސްޓުތަކާއި އޭގެ ނަތީޖާތައް މިހާތަނަށް ވެސް ކައުންސިލާ ހިއްސާކޮށްފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ. އޭގެ ފަހުން ވެސް ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންކަމުން، ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޔުޓިލިޓީ އޮތޯރިޓީން ފެނަކައަށް ހުށަހަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު، އެމަސައްކަތް އެ އޮތޯރިޓީން ބަލައިގަނެ ކައުންސިލަށް އެންގުމުން ނޫނީ ފުވައްމުލަކަށް ސަޕްލައި މެދުވެރިކޮށް ބޯފެން ދޫނުކުރުމަށް ފެނަކައަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފެނުގެ ރައްކާތެރިކަމާގުޅޭ ކަންތައްތައް ފުރިހަމަނުކޮށް ދޫކުރާ ފެނުގެ ރައްކާތެރިކަމާ މެދު ޔަގީންކަމެއް ނެތުމުން، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން ފެނަކައިން ދޫކުރާ ސަޕްލައި ފެން ބޭނުންކުރުމުގައި ސަމާލުވުމަށް ރައްޔިތުންނަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް