ފެނަށް ޖެހި، ފެން ޕްލާންޓް ކުރިމަތީގައި ފުވައްމުލަކުގެ މީހުން މުޒާހަރާ ކުރަނީ - (ފޮޓޯ/ ސޯޝަލް މީޑިއާ)
އެފްޑީއޭން ޔަގީންކަން ދިނަސް ފުވައްމުލަކުގައި ފެން ނުސާފުކަމުގެ ޝަކުވާ
ފުވައްމުލަކުގައި ސަޕްލައި ފެން ތަގައްޔަރުވެގެން ތިން ދުވަހަށް ފެން މެދުކަނޑާލާފައި އޮތުމަށް ފަހު، އަލުން ފެން ދޫކުރިއިރު ފެނުގެ ރައްކާތެރިކަމުގެ ޔަގީންކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ދިން ނަމަވެސް އަދިވެސް ފެން ނުސާފުކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.
ވީކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 10،000އާ ގާތްކުރާ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލުމަށްފަހުގައި ގޭގެއަށް ފެން ދޫކުރަން ފެށުނީ ބުރާސްފަތި ދުވަހުގަ އެވެ.
އެފްޑީއޭން އިއްޔެ ނޫސްބަޔާނެއް ނެރެ، ފުވައްމުލަކުގައި މިހާރު ސަޕްލައި ފެން ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ގަބޫލުކުރާ މިންގަނޑަށް ކަމަށް ބަޔާންކުރި އެވެ.
ނަމަވެސް އޭގެ ފަހުން ފުވައްމުލަކުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ބިއްލޫރި ތަށިތަކަށް ސަޕްލައި ފެން އެޅުމުން، ފެން ނުސާފުކަން ފެންނަ ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.
ތަފްސީލް - ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު މިއަދު 'ދައުރު'އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ވެސް އެ ފެންނަ ގޮތަށް، ސަޕްލައި ފެން އަދިވެސް ނުސާފުވެގެން ވަރަށް ގިނަ ގޭގެއިން ކައުންސިލްގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން [ކައުންސިލުން] ގޮސް ބެލިއިރު ވެސް ފާހަގަވި، ހަމަ އެ ގޮތަށް ބަލާބެލުމަށް ފެނުގެ [އަސްލު، ސާފު] ކުލައަށްވުރެ މާ ނުސާފު ކުލައެއްގައި ފެން ހުންނަކަން،" މޭޔަރު ވިދާޅުވި އެވެ.
އިއްޔެ ނެރުނު ނޫސްބަޔާނުން ފެނުގެ ރައްކާތެރިކަން ހުރި ކަމަށް އެފްޑީއޭން ބުނި ނަމަވަސް ބައެއް ގޭގެއިން މިހެން ނުސާފު ކުލައެއްގައި ފެން އަންނާތީ އެ ކަމުގެ ޔަގީންކަން ހަގީގަތުގައި ނުލިބޭ ކަމަށް އިސްމާއީލް ރަފީގު ވިދާޅުވި އެވެ.
އެހެންވެގެން އެފްޑީއޭން ފެން ޓެސްޓްކުރުމަށް ފަހު ހޯދާފައިވާ ނަތީޖާ، ފުވައްމުލައް ސިޓީ ކައުންސިލާ ހިއްސާކުރުމަށް އިއްޔެގެ ވަގުތެއްގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ކުރިން ވެސް އަޅުގަނޑުމެން ގުޅައިގެން ވަރަށް މަސައްކަތްކުރިން، ޓެސްޓްތަކުގެ ނަތީޖާ ހޯދުމަށް. އިއްޔެގައި މި ނޫސްބަޔާން ނެރުމުން މިހާރު ވާނެ ރަސްމީކޮށް އެދިފައި ޓެސްޓްތަކުގެ ނަތީޖާ ފޮނުވައިދޭން،" މޭޔަރު ވިދާޅުވި އެވެ.
ނަމަވެސް އަދި އެފްޑީއޭން އެއްވެސް ޖަވާބެއް ނުލިބޭކަން ވެސް ފާހަގަކުރެއްވި އެވެ.
Pls explain this then! @MFDA_mv @MoHmv https://t.co/3q8cpCixR5 pic.twitter.com/DU4QLXOnrv
— 𝑨🇵🇸♥️🇲🇻 (@Fathimahmv) November 14, 2025
އެނގުން މުހިންމު - ފުވައްމުލަކަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.
ފެނަކައިން ބުނާ ގޮތުގައި، ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ އެވެ. ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ އެވެ. އެ މީހުން ބުނާ ގޮތުގައި، ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެކެވެ.
ފުވަމުލަކު މޭޔަރު އިސްމާއިލް ރަފީގް ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.
"ބޮޑު ޑިޒާސްޓާއަކަށް މިކަންކަން ގޮސްދާނެތީ، އެކަށީގެންވާ ގޮތަށް މިކަންކަމަށް އެޓެންޑްވެ، ފެނަކައިން މިކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން އެބަ ޖެހޭ. ގަވައިދުން ފެން ޓެސްޓުކުރުމާއި ހޮޅިތައް ސާފު ކުރުން ފަދަ ކަންކަމަކީ ވެސް ނުވެ ހުރި ކަންކަން. ރައްކާތެރި ބޯފެން ރައްޔިތުންނަށް ލިބުމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ކުރިއަކުން ވެސް އަދި މިހާރަކު ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (2)
ހަތަރެސްކަން
ތެފައާސާ.