މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ފުވައްމުލައް

ހަގީގަތެއް ނެތް ކަމަށް ބުނެ ފުވައްމުލަކު ފެނުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ފުވައްމުލަކަށް ސާފު ފެން ނުލިބުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިިރިއުޅުމަށް ދަތިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް

ފުވައްމުލަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ބުނެ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކަށް ސާފު ފެން ނުލިބުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިިރިއުޅުމަށް ދަތިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

ތަފްސީލް - މެންބަރު ހުށަހެޅުއްވި މައްސަލާގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެެން ފުވައްމުލަކުން އެއްކޮށް ފެނުގެ ހިދުމަތް ކެނޑިފައިވާތީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ފެން ކެނޑުމަށް ފަހު އަލުން ފެން ދޫކުރަން ފަށާފައިވާކަން ފާހަގަކުރައްވައި އެ މައްސަލާގައި ބުނެފައި ވަނީ:

  • ދޫކުރާ ފެން ބޭނުން ކުރުމަށް ރައްކާތެރިކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނި ނަމަވެސް އެ ފެން ތަގައްޔަރުވެފައިވާކަން ލެބޯޓްރީ ޓެސްޓަކާ ނުލާ ފެނުގެ ވަހުންނާއި ކުލަ އިން ވެސް ރައްޔިތުންނަށް އެނގޭ

  • ފެނުގެ ރައްކާތެރިކަން ކަނޑައެޅޭ ފަދަ ޓެސްޓެއްގެ ނަތީޖާ ލިބި، ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުންތަކަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައި

  • ފުވައްމުލައް ފަދަ އާބާދީ ބޮޑު ތަނެއްގައި މިފަދަ ކަންކަން ހިނގުމަކީ ގިނަ ރައްޔިތުންގެ އާންމު ދިިރިއުޅުމަށް ދަތިވެ، އޭގެ ސަބަބުން އެހެން މައްސަލަތައް ވެސް ކުރިމަތިވެދާނެ ކަމެއް

  • ފުވައްމުލަކަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރު ކުރާ ސިޓީއަކަށް ވާއިރު، ގިނަ އަދަދެއްގެ ފަތުރުވެރިން ތިއްބާ މިފަދަ މައްސަލައެއް ދިމާވުމަކީ އެ ވިޔަފާރިއަށް ވެސް އަސަރު ކުރާނެ ކަމެއް

ފުވައްމުލަކުން ފެން ކެނޑުމުގެ މައްސަލަ ބަލައި އެ މައްސަލައާ މެދު ބަހުސްކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ބޭނުންތެރިކަމެއް ކަމަށް ބަޔާންކޮށް ހުށަހެޅި މައްސަލަ ބަލައިނުގަނެ އެ މައްސަލަ ބޭރުކޮށްލަން ނިންމެވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފޮޓޯ/ މަޖިލިސް)

ރިޔާސަތުން އަބްދުއްރަހީމް އިއުލާނު ކުރެއްވި ގޮތުގައި:

  • ފުވައްމުލަކުގައި ދޫކުރާ ފެނަކީ ޑަބްލިޔުއެޗްއޯގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައި

  • ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައެއް ކަމަށް ވާންޖެހޭނެ ކަމަށް ބުނެފައިވޭ

  • މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލާގައި އެ ޝަރުތު ހަމަނުވާތީ މައްސަލަ ހުށަހެޅެން ނެތް ކަމަށް

އެނގުން މުހިންމު - ފުވައްމުލަކަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.

ފެނަކައިން ބުނާ ގޮތުގައި، ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ އެވެ.  ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ އެވެ. އެ މީހުން ބުނާ ގޮތުގައި، ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެކެވެ.

ކޮމެންޓް (1)

ބާޓިނު ފޫގޮސްސަ

16 ނޮވެމްބަރު 2025
އަންނަނީ އަންނަނީ އަހަރުމެންގެ ބަހާރުމޫސުން އަންނައަހަރު ހަނދާނުގަ ބަހައްޓާނަން މިދުވަސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް