ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)
ކުރީގެ ފަނޑިޔާރުންނަށް ވަކި މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި
ފަނޑިޔާރުކަމުން އިސްތިއުފާ ދީގެން ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް އެ މީހަކު ވަޒީފާ އަދާކުރި ކޯޓެއްގައި ވަކި މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ގެނައި އިސްލާހުތަަކާއެކު ފަނޑިޔާރުންގެ ގާނޫނު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ބިލު ދިރާސާކުރި ކޮމިޓީން ކުދިކުދި ބަދަލުތަކެއް ގެނެސް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިިދިޔަ ހޯމަ ދުވަހު ބިލު ވަނީ ފާސްކޮށްފަ އެެވެ.
ތަފްސީލް - ރައީސް އެ ބިލު މިއަދު ތަސްދީގުކުރެއްވުމާ އެކު އެ އިސްލާހުތަކަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.
މި ބިލު ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު އޮތީ ފަނޑިޔާރަކު ފާއިތުވި ތިން އަހަރު މަސައްކަތް ކުރި ކޯޓަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނެ ގޮތަށް ހެެދުމަށެވެ. އެކަމަކު ކޮމިޓީން ނިންމީ ވަކީލުކަން ނުކުރެވޭ މުއްދަތު ހަ މަސްދުވަހަށް ކުރުކުރުމަށެވެ.
އެހެންކަމުން، މި އިސްލާހާ އެކު، ފަނޑިޔާރުކަމުން އިސްތިއުފާދިން ނުވަތަ ވަކިކުރި މީހަކު، ފާއިތުވި ތިން އަހަރު އޭނާ މަސައްކަތްކުރި އެއްވެސް ކޯޓެއްގައި، މަގާމުން ވަކިވި ތާރީހުން ފެށިގެން ހަ މަސްދުވަސް ވަންދެން ވަކީލެއްގެ ގޮތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
އޭގެ އިތުރުން، އެހެން ކޯޓެއްގައި ބައެއް ހާލަތްތަކުގައި ވަކީލުކަން ނުކުރެވޭ ގޮތަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެއީ:
-
ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އެ މީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތު ފަހަނައަޅާ ފަހުން ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއް ނުވެވޭނެ
-
އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ނޫން ވެސް މަސައްކަތެއް ނުކުރެވޭނެ
މި ގާނޫނަށް އިތުރަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެ ފަނޑިޔާރަކު އެ މަގާމުން އިސްތިއުފާ ދޭ ހާލަތުގައި އޭނާއަށް މަގާމުން އަމިއްލައަށް ވަކިވުމުން ދޭ އިނާޔަތްތަކެއް ނުލިބޭނެ އެވެ.
ދެން ގެނެސްފައިވާ އަނެއް ބަދަލަކީ ފަނޑިޔާރުކަމުން ވަކިވުމަށް ފަހު ވެސް އާއިލާ ހިމެނޭހެން އެ މީހެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހެދުމެވެ.