އައްޑޫއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިލިޓަރީ ޝިޕްމަންޓް ގެނައި ބޯޓު އައްޑޫ އެއާޕޯޓްގައި - (ފޮޓޯ/ ސޯޝަލް މީޑިއާ)

ތުރުކީގެ އަސްކަރީ ޝިޕްމަންޓްއެއް އައްޑުއަށް ގެނެސްފި

ފްލައިޓް ދަތުރުކޮށްފައިވާ މަގަށް ބަލާއިރު އައްޑުއަށް ދަނީ ޔޫއޭއީގެ ޝަރްޖަހް ސިޓީން އަދި ޔޫއޭއީއަށް އެ ބޯޓު ދަނީ ތުރުކީގެ ތެކިރްދާގް ސިޓީން
19 އޮކްޓޯބަރު 2025
1

ތުރުކީގެ އަސްކަރީ ޝިޕްމަންޓްއެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައިކަން އެނގިއްޖެ އެވެ.

ވީކިހިނެއް؟ - ފްލައިޓް ރާޑަރުން ދައްކާ ގޮތުގައި އައްޑުއަށް މި ޝިޕްމަންޓް ގެނައީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:44 ހާއިރެވެ.

ތަފްސީލް - އެ ރޭ މެންދަމު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ އެއާ މާސްޓާ އެއާލައިނުގެ ބޯއިން 737-8F2 މަރުކާގެ ބޯޓެކެވެ.

އެއީ މިސްރުގައި ރަޖިސްޓްރީކޮށްފައި އޮންނަ ބޯޓެކެވެ.

އައްޑޫއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖެއްސި ބޯޓް - (ފޮޓޯ/ ފްލައިޓްރާޑަރު ސްކްރީންޝޮޓް)

ފްލައިޓް ދަތުރުކޮށްފައިވާ ރޫޓަށް ބަލާއިރު އައްޑުއަށް ދަނީ ޔޫއޭއީގެ ޝަރްޖަހް ސިޓީންނެވެ. ޔޫއޭއީއަށް އެ ބޯޓު ދަނީ ތުރުކީންނެވެ. ތުރުކީގެ ތެކިރްދާގް ސިޓީންނެވެ.

އައްޑޫއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖެއްސި ބޯޓް ދަތުރުކުރި ރޫޓު ދައްކައިދޭ ޓޭބަލްއެއް - (ފޮޓޯ/ ފްލައިޓްރާޑަރު ސްކްރީންޝޮޓް)

ތެކިރްދާގް ސިޓީއަކީ ތުރުކީގެ އަސްކަރިއްޔާގެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައި ހުންނަ ސަހަރެެކެވެ. އޭގެ ތެރޭގައި އަސްކަރީ ބޭސްއެއް ހިމެނޭ ކޯރްލޫ އެއާޕޯޓް ފާހަގަކޮށްލެވެ އެވެ.

އެންމެ ފަހުން ރާއްޖެއަށް ތުރުކީން ދިން ޑްރޯންތައް އުފައްދާ ކުންފުނި، ބެއިކަރް ޓެކްނޮލޮޖީސްގެ ބައެއް ފެސިލިޓީސް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ފްލައިޓާއި ޑްރޯން ދުއްވުމުގެ ޓްރެއިނިން އެންޑް ޓެސްޓް ސެންޓަރުތައް ވެސް ހިމެނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައްޑުއަށް ގެނައީ ތުރުކީން ދިން ބައެއް އަސްކަރީ އާލާތްތަކެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުލިބެ އެވެ. މިފަދަ ކަންކަމުގައި ސަރުކާރުން އިސްވެ މައުލޫމާތެއް ނުދެ އެވެ. ސުވާލުކުރުމުން ވެސް މައުލޫމާތު ނުދެ އެވެ.

ކުރިން ވެސް ތުރުކީން ދިނީ ޑްރޯންތަކަކަށް ވާތީވެ، މި ފަހަރު ވެސް ގެނައީ ޑްރޯންތަކެއް ކަމަށް ބުނެ އެ އަޑު ވަރަށް ބޮޑަށް ގަދަވެފައިވެ އެވެ.

އެނގުން މުހިންމު - ތުރުކީން ޑްރޯންތަކެއް ގަނެގެން ސަރުކާރުން ވަނީ އެމްއެންޑީއެފްގެ އެއާކޯ 15 މާޗު 2024ގައި އިފްތިތާހްކޮށްފަ އެވެ. އެ ކަމަށް ނ. މާފަރުގައި، ރައީސް މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ބައިވެރިވެވަޑައިގެން ބޮޑު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

ނަމަވެސް ގައުމީ ސަލާމަތަށް ޓަކައި ކަމަށް ބުނެ އެ ފަހަރު ގެނައި ޑްރޯންތަކުގެ ތަފްސީލާއި ޑްރޯން ގަތުމަށް ސަރުކާރުން ހިނގި ހަރަދު ވެސް ކުޑަމިނުން ހާމަކުރަން ދެކޮޅު ހަދާފައިވެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

19 އޮކްޓޯބަރު 2025
ކޮންމެ އިންތިޚާބަކާއި ދިމާކޮށް ތުރުކީއިން ބޮޑުއަގުގައި މިގެންނަ ޑްރޯންތަކުގެ ޑީލްތަކުގެ ހަގީގަތްވެސް އެނގޭނޭ ދުވަހެއް އަންނާނެ ދޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް