ސިނގިރޭޓް ކޮންޓެއިނާ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ވަހީދު(ކ) އަދި އަހުމަދު އާރިފް (ވ)

އާރިފް އަދި ވަހީދަށް ކުރަނީ ސިނގިރޭޓް ކޮންޓެއިނަރުގެ ވައްކަން ރާވައި ފައިސާ ދިން ކަމަށް

ދެން މި މައްސަލާގައި ހައްޔަރުކުރި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަދި ކަސްޓަމްސްގެ އިސްވެރިއެއްގެ މަގާމުގައި ހުރި ޒިވާރުގެ މައްޗަށް ކުރަނީ އެކަން އަމަލީ ގޮތުން ރާވައި ހިންގުމުގައި ބައިވެރިވި ކަމަށް

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އަށް ކުރަނީ އެކަން ރާވައި ފައިސާ ދިން ކަމުގެ ތުހުމަތު ކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަތަރު މީހަކު ހައްޔަރުކުރިއިރު، މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި މީހުން ކޯޓަށް ހާޒިރުކުރުމުން:

  • މުހައްމަދު ވަހީދު - ބަންދަށް 10 ދުވަސް ޖަހާފައިވޭ

  • އަހުމަދު އާރިފް - ބަންދަށް 15 ދުވަސް ޖަހާފައިވޭ

  • ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރު (އިންޖިނިއަރިން ޕްރޮޖެކްޓްސް)ގެ މަގާމުގައި މިހާރު ވެސް ހުންނެވި އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ - ބަންދަށް 5 ދުވަސް ޖަހާފައިވޭ

  • ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް - ބަންދަށް 15 ދުވަސް ޖަހާފައިވޭ

ތަފްސީލް - އާރިިފް، 61، އަދި މުހައްމަދު ވަހީދު، 65،ގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ. އަދި އެ ވައްކަން ރާވައި ފަންޑުކުރިކަމަށް ތުހުމަތުކުރެވެ އެވެ.

އެގޮތުން، ކޯޓު އަމުރުގައި ވަނީ:

  • މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގިނަ ބަޔަކު ބައިވެރިވެގެން އެމްޕީއެލް ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ގަވާއިދާ ހިލާފަށް ވަގަށް ބޭރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ

  • މިކަން ރޭވުމާއި މި އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް މީނާގެ މައްޗަށް ތުުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި އެބަހުރި

މުހައްމަދު ވަހީދުގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ ވަކީލުންނާއި މަޝްވަރާކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް އޭނާ ކޯޓުގައި ފާހަގަކުރުމުން އެކަމަށް ބަލައިގެންނެވެ.

ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުރި ޒިވާރު: އޭނާ ވަނީ އެތަނުން މިހާރު ސަސްޕެންޑްކޮށްފައި
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ

ދެން މި މައްސަލާގައި ހައްޔަރުކުރި ޒިވާރު، 40، އަދި މުއާޒް، 48،އަށް ވެސް ކުރަނީ ވައްކަމުގެ ތުހުމަތެވެ. އަދި އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރެވެ އެވެ. މުއާޒުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ ވަކީލަކު އައްޔަންކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މި މައްސަލާގައި ހައްޔަރުކުރުމާ އެކު އެ ދެ މީހުން މަގާމުން މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި، ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާގައި ހިމެނޭ ސިނގިރޭޓެވެ. އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:

  • 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި

  • މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް