ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ

ސިނގިރޭޓު ވައްކަން: މިފްކޯގެ މަގާމުން މުއާޒު ސަސްޕެންޑްކޮށްފި

މިފްކޯއިން ބުނީ އެތަނުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި މުއާޒް ސަސްޕެންޑްކުރީ 30 ދުވަހަށް ކަމަށް
15 އޮކްޓޯބަރު 2025
2

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި، މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އެ ކުންފުނިން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟- ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މުއާޒުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ މުވައްޒަފަކު ވަނީ ހައްޔަރުކޮށް، ބަންދު ޖަހައިފަ އެވެ.

މިފްކޯއިން ބުނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްގެ މަގާމު ވެސް ފުރުއްވި މުއާޒް ސަސްޕެންޑްކުރީ އެއް މަސް ދުވަހަށް ކަމަށެވެ.

އެކަމާ ގުޅިގެން އެތަނުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި:

  • މުއާޒް ސަސްޕެންޑްކުރީ، އޭނާއާ ގުޅުން ހުރި މައްސަލަތަކެއް، ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީ ގޮތުން މިފްކޯއިން ތަހުގީގުކުރަމުން ދާތީ ކަމަށް

  • މުއާޒުގެ ސަސްޕެންޝަނާ ގުޅިގެން، މަސައްކަތަށް ބުރޫއެރިޔަ ނުދިނުމަށް އޭނާގެ ޒިންމާތައް، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުހައްމަދު ޝަމީމާއި ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ހުސައިންއާ ހަވާލުކޮށްފައިވާ ކަމަށް

މިފްކޯއިން ބުނީ މިއީ އެ ކުންފުންޏާ ގުޅުމެއް ނެތް މައްސަލައެއް ނަމަވެސް އެތަނުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހާތްތެރިކަމާ ގުޅޭ މައްސަލަތައް އެތަނުން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ. ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެނގުން މުހިއްމު: މުއާޒާ ގުޅޭ މައްސަލައެއް އޭސީސީން ވަނީ ދައުވާކުރަން ޕީޖީއަށް ވެސް ފޮނުވައިފަ އެވެ. އެއީ 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ މައްސަލައެއްގައި ރިޝްވަތު ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތުގަ އެވެ.

އެމްޕީއެލް ބަނދަރުން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މުއާޒުގެ އިތުރުން ދެން ހައްޔަރުކުރީ:

  • އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)

  • ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް

  • ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް؛ އޭނާ މަސައްކަތް ކުރަނީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަހީދުގެ ބަންދަށް 10 ދުވަސް، މުއާޒުގެ ބަންދަށް ފަސް ދުވަސް އަދި އާރިފް އާއި ޒިވާރުގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

ކޮމެންޓް (2)

ސިކުނޑި

16 އޮކްޓޯބަރު 2025
މިރާއްޖޭގައި ގާނޫނުގެ ވެރިކަމެއް ނުހިނގާ! ނުފޫޒުގަ ބަޔަކު ބޭނުންގޮތަކަށް މޮޑޭ ފުށްގަނޑަކަށް ދައުލަތްވެއްޖެ! ރިސެޓް ކުރުން ނޫން ގޮތެއްނެތް! ކޮރަޕްޝަން ހިންގަނީ ވެރިކަން ހިންގާ ޕާޓީއަށް ބައިއަޅައިގެން! ފެނަކަ އެމްޑީ މުއާޒުވެސް މަގާމުން ވަކިކުރީ! އޭނަ ކޮއްކޮ ވަޒީފާއިން ވަކިކޮށް އެހެން ތަނެއްގެ ޒިންމާދާރު ވަޒީފާއެއްދިނީ! ސަރުކާރަށް ބަލަދު އަރާފައި ތިބޭ މީހުން ގިނަވެ ސަރުކާރުގެ ކޮންޓްރޯލް ގެއްލިއްޖެ!
3 0

ތެފައާސާ.

16 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން ކަސްޓަމްސްއިން ކަނޑާލައި، އަދި އެތުހުމަތުތައް އޭސީސީއިން ތަހުގީގުކުރަމުންދަނިކޮށް، މިފްކޯގެ *ޕްރޮކިއުމެންޓުގެ* ޖެނެރަލް މެނޭޖަރުކަމަށް މި ބޭފުޅާ އައްޔަންކުރެވި، އަދި އެ މަގާމުގައި 2 އަހަރުވާންދެން ދެމިހުރެވުނުގޮތެއްވެސް ބަލަން އެބަޖެހެއެއްނު؟
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް