ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ސިޔާމް؛ ސަންގެ ކުުންފުނިތަކަށް ކުށް ސާބިތުނުވި ކަމަށް ހުކުމްކުރީ ޝެޑިއުލް ވެސް ނުކޮށް - (ފޮޓޯ/ރައީސް އޮފީސް)

ސަން ސިޔާމް

ސަން ކުންފުނިތަކަށް ކުށް ސާބިނުވި މައްސަލަ އަދިވެސް ދިރާސާކުރަނީ

ސަންގެ ދެ ކުުންފުންޏަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވި ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިތާ މަހެއްހާ ދުވަސްވެއްޖެ؛ މައްސަލާގައި އިސްތިއުނާފްކުރުމާ މެދު ޕީޖީން އަދިވެސް ގޮތެއް ނުނިންމާ
14 އޮކްޓޯބަރު 2025
1

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވި މައްސަލަ އަދިވެސް ދިރާސާކުރަމުންދާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.

ވީކިިހިނެއް؟ - ސަންގެ ދެ ކުންފުންޏަށް ކުރި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހު މެދުތެރޭގަ އެވެ. އޭގެ ފަހުން މަހެއްހާ ދުވަސްވީއިރު އެ މައްސަލަ އިސްތިއުނާފްކުރުމާ މެދު އަދިވެސް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ގޮތެއް ނުނިންމަ އެވެ.

ބުނީ ކީކޭ؟ - "އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމޭ. ދިރާސާކުރަން ޖެހޭ ކަންކަން ހުރުމުން އެ މަސައްކަތް ކުރިއަށްދަނީ،" ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދެ ކުންފުންޏެއްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފުރަތަމަ ގެންދިޔައީ އެކުގަ އެވެ.

ނަމަވެސް ވަކި ހިސާބަކުން ކޯޓުން ޔާމީނުގެ ބައާއި ސަންގެ ދެ ކުންފުނީގެ ބައި ގެންދިޔައީ ވަކިވަކިންނެވެ.

މިދިޔަ ޖޫން މަހު ސަންގެ ދެ ކުންފުނީގެ ބައިގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރިކަން މިދިޔަ މަހުގެ ކޯޓުގެ ޝެޑިއުލްތަކުން ފެންނާކަށް ނެތެވެ. ނަމަވެސް ހުކުމްކޮށްފައިވާކަން މިހާރު ވަނީ އެނގިފަ އެވެ.

މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ދައުވާތައް ގެންދިޔައީ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދިއުމުން ކަމަށް ބުނެ އެވެ.

މައްސަލައިގެ ހުލާސާ

ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް 9 ސެޕްޓެމްބަރު 2015ގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ.

މި މުއާމަލާތާ ގުޅިގެން ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި:

  • 29 މޭ 2016 - ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޔާމީންގެ އެންގުމަށް، ރިޒާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން ސަން ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވޭ

  • 31 މޭ 2016 - ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކައިގެން، މި ޗެކް ސަން ކޮންސްޓްރަކްޝަންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި

  • 7 ޖޫން 2016 - އެ ފައިސާ ސަން އިންވެސްޓްމަންޓްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 'އިންހައުސް ފަންޑް ޓްރާންސްފާ'އެއްގެ ގޮތުގައި ޖަމާކުރި

  • 7 ޖޫން 2016 - މި ފައިސާއަށް އިތުރު 1،000 ޑޮލަރު އެއްކުރުމަށް ފަހު، ޖުމްލަ 1.18 މިލިއަން ޑޮލަރު 'އިންޓަ ކޮމްޕެނީ ފަންޑް ޓްރާންސްފަ'އެއްގެ ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަކޮށްފައިވޭ

ކޮމެންޓް (1)

ތެފައާސާ.

14 އޮކްޓޯބަރު 2025
17 ނޮވެމްބަރ 2023: އޭ މިހިރަ ދިދަޔާއޭ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމުނީއޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް