އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސިޔާސީ

މިއީ ޝިކާރަކުރުމުގެ އިންސާފުގެ ސިލްސިލާއެއް

ދައުލަތުގެ ތިން ބާރު ވެސް ވެރިކަންކުރާ ބާރު އޮތް ޕާޓީއަށް ލިބި، ޖިނާއީ އަދަލުގެ ނިޒާމު ހިނގަނީ ވެރިކަންކުރާ ޕާޓީން އެ ވަގުތަކު ނުރުހުންތެރިކަން އޮންނަ މީހުންގެ މައްޗަށް އެކަނި
7 އޮކްޓޯބަރު 2025
1

އޭރު އެއީ ސިޔާސީ އުދަރެހުގައި ފަތުއަޑުކިޔާފައި އެންމެ އުހަށް އުދުހިގަތް ދޫންޏެވެ. އެކަމަކު ޝިކާރަކޮށް، ވަރަތައް ކޮށާލާފައި ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާން ނެގީ ވެސް ދުވަސްކޮޅެކެވެ.

އެކި ފަންތީގެ މީހުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން، ކެބިނެޓް މިނިސްޓަރުން އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީން ވެސް މަންފާ ހޯދި ކަމަށް ބުނާ ބޮޑު ހިޔާނާތުގައި އެ ދުވަހު އަހުމަދު އަދީބަކީ ޝިކާރަކުރި ދޫންޏެކެވެ.

ކުރީގެ ނައިބު ރައީސް އަދީބު ފުރަތަމަ ޖަލަށްލަނީ ވެސް ޔާމީން އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން އޭނާގެ މައްޗަށް ސާބިތުކުރަނީ، އެ ބޮމެއް ތައްޔާރުކުރި ކަމަށް ބުނާ ސިފައިންގެ މީހާ ހެކިބަހަކަށެވެ. އެކަމަކު އަދީބުގެ އަމުރަށް އެހާ ނުރައްކާތެރި ހަތިޔާރެއް ތައްޔާރުކުރި މީހާއަށް ވެސް އެ ދުވަހު ދައުވާއެއް ނުކުރެ އެވެ. ކުށްވެރިވީ އަދީބު އެކަންޏެވެ.

އަދީބު ކުރެއްވި ކަންކަން ދިފާއުކުރަނީއެއް ނޫނެވެ. ދިފާއުކުރެވޭކަށް ވެސް ނެތެވެ. އެއިން ކަމަކަށް މައާފު ވެސް ކުރެވޭކަށް ނެތެވެ. ދިވެހި ދައުލަތަށް މިލިއަން ޑޮލަރުން އާމްދަނީ ލިބޭނެ ރަށްރަށާއި ފަޅުތައް ވިއްކީ ނުއަގުގަ އެވެ. ނުއަގުގައި ވިއްކާފައި އެ ފައިސާ ދައުލަތަށް ރައްދުކޮށްދިނީކީ ނޫނެވެ. ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް މި ވަރުގެ ހިޔާނާތެއް ވުމަކީ މައާފު ކުރެވޭނެ ކަމެއް ނޫނެވެ.

އެއީ އެ ދުވަހެވެ. ބުނަން މި އުޅޭ ވާހަކައަކީ ސިޔާސީ ވެރިންގެ މައްޗަށް ތުހުމަތުވާ މައްސަލަތަކުގެ ތަހުގީގު ހިނގުމާއި ދައުވާކުރުމާއި ނުކުރުމާއި އަދި ޝަރީއަތުގެ ދުވެލި އަބަދުވެސް ބިނާވަނީ އޭރުގެ ސިޔާސީ މަސްރަހަށެވެ. އޭރު ބާރުގައި ތިބި ފަރާތްތަކުން ބޭނުންވާ ގޮތަށެވެ. އަދީބު ވެސް ޝިކާރައެއްގައި ޖެހުނީ މި ބުނާ "ރަތް ރޮނގު" ހުރަސް ކުރެވުނު ހިސާބުންނެވެ.

އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަވައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ބައެއް މަޖިލިސް މެންބަރުންނާ ސަލާން ކުރައްވަނީ - (ފޮޓޯ/ ސަން)

މިއީ ސެލެކްޓިވް ޖަސްޓިސް އެވެ. ވިޗް ހަންޓެކެވެ. ވަކި ބަޔަކު އަމާޒުފަތްގަނޑަކަށް ހަދައިގެން ޝިކާރަކުރުމުގެ ވިސްނުމެއްގައި ހިންގާ އިންސާފެކެވެ. މުޅި ޕެޓާނަށް ބެލުމުން އެ ނޫން ގޮތަކަށް ކަން ހިނގި ކަމަށް ގަބޫލުކުރަން ވެސް ދައްޗެވެ. އަދި މިއީ ކޮންމެ ވެރިކަމެއްގައި ވެސް ތަކުރާރުކޮށް ދައްކާ ސިލްސިލާއެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް މީގެ ސިލްސިލާއެއް ހިނގި އެވެ. މިހާރު ރައީސް މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒު ވެސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މި ސިޔާސީ ޝިކާރަކުރުމުގެ ސިލްސިލާ ފަށައިގެން ކުރިއަށް އެބަ ގެންދަވަ އެވެ. އޭގެ ކޮންމެ މައްސަލައެއް ވެސް ވަށައިގެން އެ ހިނގާ ވައްޓަފާޅިން އެ ނޫން މަންޒަރެއް ނުކުރެހެ އެވެ.

ރައީސް މުއިއްޒު ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފެނަކަ ސައީދުގެ މައްސަލަ؛ ވިޗް ހަންޓްގެ ޕެޓާނެއް

ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ކޮރަޕްޝަންގެ 'ހާއްޔަކަށް' އޮތް ތަނަކީ ފެނަކަ އެވެ. ފެނަކައިގެ ތެރޭގައި ބޮޑެތި ހިޔާނާތް ހިނގަމުންދާ ކަމުގެ އަޑު އޭރު ވެސް ގަދަވި އެވެ. މި ފަހުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ވެސް އެ ކުންފުނީގެ ތެރެއިން ހިނގާފައިވާ ހިޔާނާތުގެ މައްސަލަތައް ފެންމަތިކޮށްފައިވެ އެވެ.

މި މައްސަލަތައް ވެސް ބަލަން ޖެހެ އެވެ. އޭރު ހިނގާފައިވާ ކަންކަމަށް، އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގައި، ކައިރިކައިރީގައި އަޑުއެހުންތައް ބޭއްވުމަށް ފަހު ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައިން ފެންނަނީ ޝިކާރަކުރުމުގެ ވައްޓަފާޅި އެވެ.

ސައީދަށް ހުކުމްކުރި މައްސަލައިގެ ފެށުން އަންނަނީ، ޔާމީނުގެ ވެރިކަމުގައި މެނޭޖިން ޑިރެކްޓަރަށް އަހުމަދު ޝަރީފް ހުންނެވި އިރެވެ. ފެނަކައިގައި މީޑިއާ ޑިޕާޓްމަންޓެއް އޮއްވައި، ބްލޭޒަން އިންކަށް އެ މަސައްކަތް ދެނީ ޝަރީފު ހުންނަވަނިކޮށެވެ. ޝަރީފްގެ ބައި ތަހުގީގު ނުކޮށް އެ ތަހުގީގު ފުރިހަމަ ވާނެ ހެއްޔެވެ؟

ސައީދުގެ މައްޗަށް ހުކުމްކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވެސް އޭނާ ކުރެއްވި ހުކުމުގައި އެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ބައި ތަހުގީގުކޮށްފައި ނެތުމާއި، ޕްރޮސެކިއުޝަން އިން ޝަރީފަށް ދައުވާނުކޮށް އޮތުމަކީ މި ވަރުގެ 'ކޮރަޕްޝަން' މައްސަލައެއްގައި ގޯހެއް ކަމެވެ.

"މި ހާދިސާއާ ގުޅިގެން މި މައްސަލައިގެ ތެރެއިން، އަހުމަދު ޝަރީފްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތުހުމަތުކޮށް އަދި ޕްރޮސެކިއުޝަންގެ ފަރާތުން ދައުވާކުރެވިފައި ނުވުމަކީ މުޅި މައްސަލައިގެ ނިސްބަތުން ވަރަށް ބޮޑު އުނިކަމެއް،" ގާޒީގެ ހުކުމުގައިވެ އެވެ.

ގާޒީ އާދަމް މުހައްމަދު ވެސް ފާހަގަކުރެއްވިހެން ރައްޔިތުންނަށް އަސާސީ ހިދުމަތެއް ދިނުމުގެ މަގުސަދުގައި، އެ ވިޔަފާރީގައި އިތުރު ވާދަވެރިއަކު ވެސް ނެތް ގޮތަށް އުފައްދާ ކުންފުނިތަކުގެ މޫނުމަތި އޮމާންކުރާކަށް ނުޖެހެ އެވެ. ތަނުގެ މޫނުމަތި ރީތިކުރަން ކަމަށް ބުނެ ބަޔަކަށް ފައިސާ ދޭން އުޅެންޏާ އޭގައި ނުރަނގަޅު ނިޔަތެއް އެބަ އުޅެ އެވެ.

މި ރިޕޯޓަށް ވާހަަކަ ދައްކަވަމުން ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ ރަނގަޅު ނިޔަތެއްގައި ރަނގަޅު އުކުޅުތަކާއެކު ކުރާ ތަހުގީގެއްގައި ލިބޭ މައުލޫމާތުތައް ވަށައިޖައްސާނެ އެވެ. މުއާމާލާތުގެ ފުރަތަމަ ތާރީހުން ފަހު ތާރީހާ ހަމައަށް ހުރި ކޮންމެ މުއަމާލާތެއް ބަލާނެ އެވެ. ފުރަތަމަ ނަހަމަ މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން މާ ކުރިން ހެދިކަން ނުހޯދި ނުހުންނާނެ ކަމެވެ.

"ފެނަކައިގެ މައްސަލާގައި ވެސް އެހެން ބަޔަކު އިންވޯލްވާ ކަމަށް ވާނަމަ އެ މައުލޫމާތަކީ ތަހުގީގުގެ ތެރެއިން ނޭނގި އޮންނާނެ މައުލޫމާތެއް ނޫން. އެއީ މައްސަލަ ބަލާ ގާޒީއަށް މައްސަލަ ބަލައި ނިންމަނިކޮށް އަލަށް ފާޅުވާނެ މައުލޫމާތެއް ނޫން. އެއީ ކުރިއާލާ ތަހުގީގު އިދާރާއާއި ޕްރޮސެކިއުޝަނަށް ވެސް އެނގިފައި އޮންނާނެ ކަމެއް،" ޝަމީލް ވިދާޅުވި އެވެ.

ފެނަކަގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދަށް ހުކުމްކުރުމަށްފަހު ޖަލަށް ގެންދަން ކަރެކްޝަންސްގެ ކާރަށް އެރުމުން އާއިލާގެ މީހުން އެ ކާރު ކައިރީގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދައުވާކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާނުކޮށް އޮތް ނަމަވެސް ބަހުސެއް ނެތެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމުން ފެންނަ ގޮތުގައި މި ކަމުގައި އޭސީސީން ތަހުގީގުކޮށް ދައުވާކުރަން ވެސް ފޮނުވާފައި ނެތީ އެވެ. ދެން އޮތީ މީގެ ފައިދާ ނެގި ކަމަށް ބުނާ ކުންފުންޏެވެ. އެ ކުންފުންޏަށް ވެސް ދައުވާކޮށްފައެއް ނެތެވެ.

މި މުޅި ޕެޓާނަށް ބެލުމުން، ޝަމީލަށް ވެސް ގަބޫލުކުރެވެނީ ސެލެކްޓިވް ޖަސްޓިއެއް ގޮތަށެވެ.

"މި މައްސަލާގައި މި ކިޔަނީ ނުކުރާ މަސައްކަތަކަށް އިންވޮއިސްތަކެއް ހަދައިގެން ފައިސާ ދޫކުރީއޭ. އެ ފައިސާ ލިބުނު ބަޔަކު ވެސް ކުށްވެރިވާނެ. އެ ތަހުގީގު ތެރެއިން އުނދަގޫ ކަމެއް ނޫނޭ ބަލާކަށް. އެކަމަކު ބަލަން ބޭނުންވުމާއި ނުވުން އެއީ މުޅިން އެހެން ކަމެއް،" ޝަމީލް ވިދާޅުވި އެވެ.

'ވޭކްއަޕް'ނަމުގައި އާޓިފިޝަލް ބީޗްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް ވަޑައިގެންނެވި ވަގުތު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދެން ޝިކާރައަކަށް ހަދާނީ ޔާމީން؟

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ އެތައް މީހުން ހިމެނޭ ލިސްޓެއް އޮތް ނަމަވެސް މިދިޔަ ވެރިކަމުގައި ބަރިބަރިއަށް ހިންގީ ޔާމީނުގެ މައްސަލަތަކެވެ. އެއިން ފާހަގަކޮށްލެވޭ އެއް މައްސަލައަކީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން އެމަނިކުފާނު ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލަ އެވެ.

މި މައްސަލާގައި ޔާމީންގެ އިތުރުން ދައުވާކުރަނީ ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. 

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އެންމެ ފުރަތަމަ ވަގުތީ ގޮތުން އަނބުރާ ގެންދެ އެވެ. އެއީ ސޯލިހުގެ ވެރިކަމުގަ އެވެ. ޔާމީނާ ދެކޮޅަށް ކްރިކް ރިޒާ ހެކިބަސް ދޭން، ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވާ އޯޑިއޯއެއް ތަހުލީލުކުރަން ވެގެން ކަމަށް ބުނެ އެވެ.

ދެން މި ވާ ގޮތަކީ ވެރިކަން ބަދަލުވާ ފަހުން، އެ އޯޑިއޯ ތަހުލީލުކުރުން ލަސްވާ ކަމަށް ބުނެ ކްރިކް ރިޒާއަށް ކުރާ ދައުވާ ދާއިމީކޮށް އަނބުރާ ގެންދަނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި އެއީ ސެލެކްޓިވް ޖަސްޓިސްތަކުގައި ގެންގުޅޭ އުކުޅެކެވެ. ފުރަތަމަ ކޮންމެ ވެސް ސަބަބެއް ދައްކާފައި ދައުވާ ވަގުތީ ގޮތުން ގެންދާނެ އެވެ. ދެން ފަހުން ދައުވާ އަލުން ނުކޮށް ދިގުދަންމައިލުމެވެ.

"ރާއްޖޭގައި ވެސް ބައެއް މައްސަލަތަކުގައި އެބަހުރި އެގޮތަށް ފާހަގަވާ. ފުރަތަމަ އެކުގައި ޝަރީއަތް ގެންދާނީ. ދެން ކޮންމެވެސް ސަބަބެއް ދައްކާފައި ވަގުތީ ގޮތުން ދައުވާއެއް ގެންގޮސްފައި، ދެން އަލުން އެ ދައުވާ ކުރާ ތަނެއް ނުފެނޭ. ދެން އެއް ބަޔަކުގެ ބައި ވަކިކޮށް، އެ ބައި އަވަސްކޮށްފާނެ. ނޫނީ ލަސްކޮށްފާނެ،" އިމްތިޔާޒް ވިދާޅުވި އެވެ.

ސަންގެ ދެ ކުންފުނީގެ ބައި ވަކިން ހިންގާ ގޮތަށް ނިންމުމަށްފަހު ކުށް ސާބިތުނުވާ ކަމަށް ވެސް ކޯޓުން ހުކުމްކޮށްފި އެވެ. ސަންގެ ބައި މި ގެންދިޔައީ ޔާމީންގެ ބަޔަށްވުރެ ވެސް ދުވެލި ހަލުވިކޮށެވެ. ހުކުމްކުރުމުގެ އަޑުއެހުން ޝެޑިއުލްކުރި ދުވަހެއް ވެސް ނޭނގެ އެވެ. ހުކުމް ވެސް ވެބްސައިޓަށް ލަނީ ހުކުމްކުރިތާ މަހަކަށްވުރެ ފަހުން މި ކަން މީޑިއާގެ ސަމާލުކަމަށް އައުމުންނެވެ.

ކުރީގެ ރައީސް ޔާމީން މިދިޔަ އަހަރުގެ ޑިސެމްބަރުތެރޭ ގެއަށް ބަދަލުކުރިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއެކު މުއިއްޒު

މުޅި ނިޒާމަށް އިތުބާރު ގެއްލުން

ޖުޑިޝަރީގެ ކޮންޓްރޯލް މި އޮންނަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އޮންނަ ބަޔެއްގެ އަތްމަތީގަ އެވެ. މި ސަރުކާރާއި މިދިޔަ ދެ ސަރުކާރުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް އޮތުމުން، ސަރުކާރަށް ޖުޑިޝަރީގެ ކޮންޓްރޯލް އޮތީ ލިބިފަ އެވެ.

އޭގެ ނަތީޖާއަކީ މި ޝިކާރަކުރުމުގެ އިންސާފެވެ. ދައުލަތުގެ ތިން ބާރު ވެސް ވެރިކަންކުރާ ބާރު އޮތް ޕާޓީއަށް ލިބި، ޖިނާއީ އަދަލުގެ ނިޒާމު ހިނގަނީ ހަމައެކަނި ވެރިކަންކުރާ ޕާޓީން އެ ވަގުތަކު ނުރުހުންތެރިކަން އޮންނަ މީހުންގެ މައްޗަށް އެކަންޏެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ބަލާ ކޮންމެ މައްސަލައެއްގައި ވެސް ފެންނަ މަންޒަރުތަކުން ވަކި ބަޔަކަށް އަމާޒުކޮށްގެން މައްސަލަތައް ބަލާކަމަށް ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށް ޝަމީލް ވެސް ވިދާޅުވި އެވެ.

"ޖިނާއީ އަދުލުގެ ނިޒާމަށް ރައްކާތެރި ގޮތެއް ނޫން، ގާނޫނު ހިނގަނީ ވެރިކަން ހިންގަން ތިބޭ މީހުންނާ ނުރުހޭ ބަޔެއްގެ މައްޗަށް އެކަނި ކަން ރައްޔިތުންނަށް ފެންނަން އޮތުމަކީ. އެއީ ކޮރަޕްޝަނަށް ހުޅުވޭ އިތުރު ދޮރެއް،" ޝަމީލް ވިދާޅުވި އެވެ.

އިމްތިޔާޒު ވެސް ވިދާޅުވީ މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ހުކުމަކަށް ވެސް ރައްޔިތުންގެ އިތުބާރު ނުލިބުމެވެ. ހަގީގަތުގައި ވެސް ކޮރަޕްޝަންގެ ކުށްކުރި މީހަކަށް ހުކުމްކުރިއަކަސް އެ ކަން ބަލައިގަންނަން ރައްޔިތުންނަށް އުނދަގޫވުން ކަމަސް ވިދާޅުވި އެވެ.

"ރަނގަޅަށް ކުރިއަސް ބުނާނެ. ތިއީ ތާކުންތާކު ނުޖެހެއޭ. އޭނައަށް އެކަންޏޭ ހުކުމް އެ ކުރީ. ދެން ތިބި މީހުން ވެސް އެ ތިބީއެއްނު. އެހެން ދެކުން އެއީ މާ ނުރައްކާތެރި ކަމެއް. މުޅި ޖަސްޓިސް ސިސްޓަމަށް އިތުބާރު އެ ގެއްލުނީ،" އިމްތިޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުގައި ވެސް ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓްތަކުގެ ތެރެއިންނާއި ޕްރޮޖެކްޓްތައް ދީގެން ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރާ ކިތަންމެ ކަމެއް އެބަ ހިނގަ އެވެ. އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ރިޕޯޓްތައް ތައްޔާރުކޮށް އެބަ ފޮނުވަ އެވެ. އެކަމަކު އެއިން ކަމެއް ބަލައި ފިޔަވަޅު އަޅާކަށް ނޫޅެ އެވެ.

ކޮމެންޓް (1)

ޔާހުންބަރާސް

7 އޮކްޓޯބަރު 2025
ޤައުމުގެ ޕުރެސެކިއުޓަރު ޖެނެރަލްއަށް ނިންމޭނެ މުޅި މައްސަލައިގެ އެންމެން ހިމެނޭހެން ފުރިހަމަ ތަހުޤީޤެއް ނެތް ކަމުގައިވާނަމަ ދަޢުވާ ނުކުރަން.
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް