އަޑުއެހުން ތާވަލުނުކޮށް ފުއްގިރި މައްސަލާގައި ސަން ކުންފުނިތަކަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދެ ކުންފުންޏެއްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފުރަތަމަ ގެންދިޔައީ އެކުގަ އެވެ. ނަމަވެސް ވަކި ހިސާބަކުން ކޯޓުން ޔާމީނުގެ ބައާއި ސަންގެ ދެ ކުންފުނީގެ ބައި ގެންދިޔައީ ވަކިވަކިންނެވެ.
މިދިޔަ ޖޫން މަހު ސަންގެ ދެ ކުންފުނީގެ ބައިގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރިކަން މިދިޔަ މަހުގެ ކޯޓުގެ ޝެޑިއުލްތަކުން ފެންނާކަށް ނެތެވެ. ނަމަވެސް ހުކުމްކޮށްފައިވާ ކަން މިހާރު ވަނީ އެނގިފަ އެވެ.
ތަފްސީލް - ކްރިިމިނަލް ކޯޓުގެ އިސް އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި ސަންގެ ދެ ކުންފުނީގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
އަދި އަޑުއެހުން ޝެޑިއުލްގައި ނެތީ އިދާރީ އޮޅުމެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ. އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ސިއްރުން ގޮސްގެންފައިނުވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް މިހެން ވިދާޅުވި އިރު، ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ވެސް އެ ހުކުމް އަދި ފެންނާކަށް ނެތެވެ. އެހެންވެ ޝަރީއަތުން ކުށް ސާބިތުނުވާ ކަމުގެ ނިންމުމަކާ ހަމައަށް ވާސިލްވި ގޮތުގެ ތަފްސީލްތަކެއް އަދި ނޭނގެ އެވެ.
މި މައްސަލާގައި ސަންގެ އެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ގުޅުން ހުރި - މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ދައުވާތައް ގެންދިޔައީ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދިއުމުން ކަމަށް ބުނެ އެވެ.
މައްސަލައިގެ ހުލާސާ
ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް 9 ސެޕްޓެމްބަރު 2015ގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ.
މި މުއާމަލާތާ ގުޅިގެން ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި:
-
29 މޭ 2016 - ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޔާމީންގެ އެންގުމަށް، ރިޒާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން ސަން ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވޭ
-
31 މޭ 2016 - ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކައިގެން، މި ޗެކް ސަން ކޮންސްޓްރަކްޝަންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި
-
7 ޖޫން 2016 - އެ ފައިސާ ސަން އިންވެސްޓްމަންޓްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 'އިންހައުސް ފަންޑް ޓްރާންސްފާ'އެއްގެ ގޮތުގައި ޖަމާކުރި
-
7 ޖޫން 2016 - މި ފައިސާއަށް އިތުރު 1،000 ޑޮލަރު އެއްކުރުމަށް ފަހު، ޖުމްލަ 1.18 މިލިއަން ޑޮލަރު 'އިންޓަ ކޮމްޕެނީ ފަންޑް ޓްރާންސްފަ'އެއްގެ ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަކޮށްފައިވޭ