ޓައި ނާޅާ މަޖިލީހަށް ވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން؛ މައުރޫފް (ކ) އާއި ޒިޔާދު (ވ) - (ފޮޓޯ/ މަޖިލިސް)
ވަށައިގެން ޓައި އެޅިއަސް މަޖިލީހަށް ލިބޭނެ ގަދަރެއް ނެތް: އިދިކޮޅު މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ވަށައިގެން ޓައި އެޅުއްވިއަސް މަޖިލީހަށް ލިބޭނެ ގަދަރެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ އެއް ބަހުސަކީ މަޖިލިސް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ތުރުކުރައްވާނެ ހެދުމުގެ ބާވަތް ބަޔާންކޮށް އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހުގެ ކޮމިޓީ ރިޕޯޓްގެ ބަހުސެވެ.
ބަހުސްގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ، އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅުއްވައި ޖަލްސާއަށް ވަޑައިގަންނަވާތީ އެ ކަމަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ޓައީ އެޅުއްވުން ހުއްޓާލީ ވަޒީރުން ހާޒިރުކުރަން ޖެހޭ މުއްދަތުގައި މަޖިލީހުން ހާޒިރުކުރަން މަސައްކަތް ނުކުރާތީ އެ ކަމުގެ އިހުތިޖާޖުގަ އެވެ.
ތަފްސީލް - ސަރުކާރުގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި މާ ކުރިން ވެސް ވަޒީރުން ހާޒިރުކުރަން އޮތް މާއްދާއަށް އަމަލުކުރަމުން ނުދާ ކަމަށެވެ.
އެހެންކަމުން ފަހުން ގަވާއިދަށް ގެންނަ އިސްލާހަކުން މެންބަރުން ހެދުން ތުރުކުރައްވަންވީ ގޮތް މަޖުބޫރުކުރުމުގެ މާނައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓައި އަޅައިގެން އައިސްގެން މި މަޖިލީހުގެ ކަރާމާތް ހިފެހެއްޓެންޏާ އަޅުގަނޑުމެން މި ތަނުގައި ބަހުސްކުރުމުގެ މާނައެއް ވެސް ނެތް. ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ މާނައެއް ވެސް ނެތް. ކޮންމެ މީހަކު ހަތަރު ޓައީ އަޅައިގެން ތިބީމައި ނިމުނީ،" ޒިޔާދު ވިދާޅުވި އެވެ.
ރައްޔިތުންގެ ކުރިމަތީގައި ލޯތްބާއި ގަދަރު ހިފެހެއްޓޭނީ މަޖިލީހުގެ މެންބަރުން އަމަލުކުރައްވާ ގޮތުން ކަމަށް ވިދާޅުވި އެވެ.
ދައުލަތް ހިންގުމުގެ ތެރެއިން ތިލަވަމުންދާ ކޮރަޕްޝަނާއި އެކި ގޯސްތަކުގެ ވާހަކަ ސަރުކާރުގެ މެންބަރުންނަށް ނުދެއްކޭ ކަމަށް ވާނަމަ ރައްޔިތުން ކުރާނެ އިހުތިރާމެއް ނޯންނާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ރައްޔިތަކަށް އަނިޔާވެގެން ރައްޔިތުންގެ ތެރޭގައި ބަޔަކު ކަންބޮޑުވުން އޮތް އިރު ހެކި ހުށަހަޅައި ތަހުގީގެއްކޮށް ޝަރީއަތުން ހުކުމްކޮށްގެން ނޫނީ އެ ވާހަކަ ނުދެކެވެންޏާ މިއީ ރައްޔިތުންގެ މަޖިލީހެއް ވެސް ނޫން،" ޒިޔާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަތިމަތިން 10،12 ޓައި އެޅިއަސް މި ތަން ނަޒާހަތްތެރިއެއް ނުވާނެ،" މަޖިލީހަށް މިއަދު ވެސް ޓައީ ނާޅުއްވައި ވަޑައިގެންނެވި ޒިޔާދު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް މަޖިލީހުގެ މެންބަރުންނަށް ދީފައިވާ ބާރުވެރިކަން އަތުލައި ސިޔާސީ ޕާޓީއަކަށް މެންބަރުގެ ގޮނޑި ގެއްލުވޭ ގޮތަށް ދިނުމުން ލިބޭނެ ކަރާމާތާއި ގަދަރު ނުލިބޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މިހާރު ވެސް ކިޔަނީ 'ބަކަރިކޮށި' ކަމަށް މައުރޫފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވި ބައެއް މިނިސްޓަރުން ދޮގު ހެދި ކަމަށް ބެލެވިގެން ސުލޫކީ މައްސަލައެއް ގޮތަށް ހުށަހެޅުމުން މަޖިލީހަށް ނުބެލެވޭ ކަމަށް މައުރޫފް ވިދާޅުވި އެވެ. ހާޒިރުކުރަން ޖެހޭ މުއްދަތުގައި މިނިސްޓަރުން ހާޒިރު ވެސް ނުކުރެވޭ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ހުރި މިފަދަ ކަންކަން ނުކޮށް މަޖިލީހުގެ މެންބަރުން ޓައީ އަޅަން މަޖުބޫރުކުރާކަށް ނުޖެހޭނެ ކަމަށް، މިއަދު ވެސް މަޖިލީހަށް ޓައި ނާޅުއްވާ ވަޑައިގަތް މައުރޫފް ވިދާޅުވި އެވެ.
"މިއީ މަޖުބޫރުން ކަންކަން ކުރުވާ ޒަމާނެއް ވެސް ނޫން. މަޖުބޫރުކުރިއްޔާ އަޅުގަނޑުމެން ވަށައިގެން ޓައީ އަޅައިގެން މަޖިލީހަށް އަންނާނަން. އެކަމަކު ވަށައިގެން ޓައި އެޅިއަސް މި މަޖިލީހަށް ލިބޭނެ ގަދަރާއި ކަރާމާތެއް ދެން ނެތް،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ލާލު