މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި: މެންބަރުންނަށް ޓައި ނާޅާވެސް ޖަލްސާތަކަށް އާދެވޭނެ (ފޮޓޯ/މަޖިލިސް)

މެންބަރުންނަށް ޓައި ނާޅާ ޖަލްސާތަކަށް އާދެވޭނެ އިސްލާހެއް

މެންބަރުން ބޭނުން ނަމަ ގައުމީ ސަގާފީ ހެދުމުގައި ވެސް މަޖިލީހުގެ ޖަލްސާތަކަށް އާދެވޭނޭ ގޮތަށް ވަނީ ހުއްދަ ދީފައި
9 އޮކްޓޯބަރު 2025
1

މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި އެޅުން ލާޒިމް ނުވާނޭ ގޮތަށް އަދި ގައުމީ، ސަގާފީ ހެދުން ލައިގެން ވެސް ޖަލްސާތަކަށް ހާޒިރުވެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރަން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. 

ވީ ކިހިނެއް؟ - މި އިސްލާހު ފާސްކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގެ ރައީސް އެފަދަ އިސްލާހަކަށް ކޮމިޓީގައި އެދިވަޑައިގެންނެވީ: 

  • މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން މި ފަހުން ޓައީ ނާޅުއްވައި މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވަން ފެއްޓެވުމާ ގުޅިގެން 

  • އެމްޑީޕީގެ ބައެއް މެމްބަރުން ޓައީ އެޅުން ހުއްޓަވައިލެއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައި

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ޓައި ނާޅާ ވަޑައިގެންނެވި އެމްޑީޕީގެ ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުން: ޓައި ނޭޅުމަކީ އެބޭފުޅުން ކުރެއްވި އިހުތިޖާޖެއް (ފޮޓޯ/ މަޖިލިސް)

ތަފްސީލް - އާންމު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިގަންނަވާއިރު އެ ބޭފުޅުން ހެދުން އަޅުއްވަންވީ ގޮތުގެ އުސޫލު، މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމެނުމަށެވެ. 'ޖަދުވަލު 5'ގެ ގޮތުގައި، ރަސްމީ ހެދުންތަކާއި މަނާ ހެދުންތަކުގެ ލިސްޓެއް ވަނީ މަޖިލީހުގެ ގަވައިދަށް އިތުރުކުރަން ކޮމިޓީން ފާސްކޮށްފަ އެވެ.

އެ ޖަދުވަލުގައި ރަސްމީ ހެދުމުގެ ގޮތުގައި ހަތަރު ބާވަތެއްގެ ހެދުން ކަނޑައަޅާފައިވެ އެވެ. އެއީ:

  • ކޯޓުފަޓުލޫނު

  • ގައުމީހެދުން/ ދިވެހި ސަގާފީހެދުން

  • ގަމީހާއި ޓައީ އާއި ފަޓުލޫނު

  • ރާއްޖޭގައި ހެދުން އެޅުމުގެ އާންމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން؛ މިއީ ޓައީ ނާޅައި ހަމަ އަތްދިގު ގަމީސް ލާފައި ދަށަށް ޖަހައި، ބޫޓަށް އެރުން ކަމުގައި ބެލެވޭނެ 

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިގަންނަވާއިރު، ހުއްދަ ނޫން ހެދުންތަކުގެ ގޮތުގައި ކަނޑައެޅި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުން

  • ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުން

  • އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން

  • އެއްވެސް ބާވަތެއްގެ ޖީންސް

  • ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު

  • ޓީޝާޓް ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން

  • ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް

އާންމު ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން، ހެދުން އެޅުމުގެ މި ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ. މަޖިލީހުގެ މެންބަރުންނަށް އާންމުކޮށް ދެވޭ އަދަބުތަކަކީ ވަކި މުއްދަތަކަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުމުން މަހުރޫމު ކުރުމެވެ.

މީގެ އިތުރުން، މި ގަވައިދަށް މަޖިލީހުގެ މެންބަރުން ނޫނަސް ތަޅުމަށް ޒިޔާރަތްކުރާ މީހުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން އެ އިސްލާހުތައް ފާސްވެގެންނެވެ. 

ކޮމެންޓް (1)

ފޮނު

9 އޮކްޓޯބަރު 2025
ޓައީ އެޅުމަކީ މުޅިދުނިޔޭގަވެސް މިހާރު ނެތެމުންދާ ޝަގާފަތެއް. މިރާއްޖޭ މީހުން މާ "އަބުއި" ވާންވެގެން މިއޮތް ހޫނުގަދަ ގައުމުގަވެސް ކަރަށް ބާރުވާރަށް ގޮށްއަޅުވާ ޓައީ އަޅަނީއެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް