އޭސީސީން ނުކުމެވަޑައިގެން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)
ފައްޔާޒު އޭސީސީއަށް ހާޒިރުކޮށްފި؛ ވިދާޅުވީ ތަހުގީގުގެ ތަފުސީލެއް ނެތް ކަމަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހާޒިރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފައްޔާޒު އެ ތަނަށް ހާޒިރުކުރީ، ސްވިފްޓް އިންޖިނިއަރިންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިންކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
އޭސީސީއިން ތުހުމަތު ކުރަނީ:
-
މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒު އިސްމާއިލް ބައިވެރިވެފައިވާތީ
-
އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގައި ބައިވެރިވި ކަމަށް އޭސީސީން ތުހުމަތުކުރޭ
ބުނީ ކީކޭ؟ - މިއަދު ހެނދުނު 9:30ގައި ފައްޔާޒު އޭސީސީއަށް ހާޒިރުވުމަށް ފަހު ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުން އެ ތަނުން ނުކުމެވަޑައިގެން، އޭނާ ވިދާޅުވީ އޭސީސީން ކުރަމުންދާ ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ނެތް ކަމަށެވެ.
"ތަހުގީގު ކުރަމުންދާއިރު ތަހުގީގާ ބެހޭ އެއްވެސް ތަފްސީލެއް އެ ބޭފުޅުންގެ ނެތް. ޑޮކިއުމަންޓްތަކެއް ނެތް. ކުރަނީ ކޮން ތަހުގީގެއް ކަމެއް ވެސް ސާފެއް ނުވޭ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ މެންބަރުން ތިއްބެވީ ވެސް، މި ވަރުގެ މައްސަލައެއް ބަލަން ޖެހުނީތީ ލަދުންނެވެ.
"އެނގޭ ވަކި މީހަކު އަންގައިގެން އޭސީސީއަށް މަޖުބޫރުވެގެން ހިންގާ ތަހުގީގެއް ކަން ވެސް. އެ ބޭފުޅުންގެ ވާހަކަތައް ހުރި ގޮތުންނާއި އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ވެސް އެނގޭ ލަދުން ކަން ތިބީ ވެސް،" ފައްޔާޒު ވިދާޅުވި އެވެ.
"އެއްވެސް އަސާސެއް ނެތް، އެއްވެސް ކަހަލަ ބުރަދަނެއް ނެތް. ސިޔާސީ ގޮތުން އަޅުގަނޑުމެން ބިރުގަނެފާނެ ކަމަށް ހިންގާ ތަހުގީގެއް."
ފާހަގަކޮށްލެވޭ - ސްވިފްޓް އިންޖިނިއަރިން އަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެކެވެ. ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ސައުދުﷲ ވަނީ ކުރީގެ ސަރުކާރުގެ މި ނިންމުންތަކުގެ ދިފާއުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭނާގެ ކުންފުނީގެ އަތުން ހަ މަޝްރޫއެއް އަތުލުމުން އެމްޑީޕީ ސަރުކާރުން އޭނާއަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާނެ ގޮތަށެވެ. އެ ގޮތުން:
-
އެ ކުންފުނިން އެދުނީ ވެސް ފައިސާ ދިނުމުގެ ބަދަލުގައި އެ ހަ މަޝްރޫއުގެ އަގަށް ފެތޭ ވަރުގެ އެހެން މަޝްރޫއުތަކެއް ދިނުމަށް
-
އެ އެދުމާ ގުޅިގެން ސްވިފްޓް އިންޖިނިއަރިންއަށް ފައިސާގެ ބަދަލެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި
-
ވަކިކުރި ހަ މަޝްރޫއުގެ ތެރެއިން ހަތަރު މަޝްރޫއުގެ އަގަށް ފެތޭ ފަސް މަޝްރޫއު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ހިންގަން ދިން
-
އަނެއް ދެ މަޝްރޫއަށް މިހާތަނަށް ފައިސާގެ ބަދަލެއް ވެސް އަދި އެއްވެސް މަޝްރޫއެއް ވެސް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި
ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ޝަރީއަތަށް ދިޔަ ނަމަ، މިއަށް ވުރެ ބޮޑު ބަދަލެއް ސަރުކާރަށް ދޭން ޖެހުނިސް ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.