މެންބަރު ސައުދުﷲ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)
ސެޓުލްމަންޓް ކޮމިޓީން ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް: އެމްޕީ ސައުދުﷲ
މިދިޔަ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިންއަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި މަޝްރޫއުތަކެއް ދީފައިވުމަކީ ދައުލަތަށް ފައިދާވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އެ ކުންފުނީގެ ވެރިޔާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ހުލާސާ - ސްވިފްޓް އިންޖިނިއަރިންނަށް ބަދަލު ދިނުމުގައި ނާޖާއިޒު މަންފާ ހޯދައިދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި ބަދަލު ދިނުމަށް އުފެއްދި ސެޓުލްމަންޓް ކޮމިޓީގައި އިންނެވި މެންބަރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ގެންދަނީ ތަހުގީގުކުރަމުންނެވެ. އެގޮތުން:
-
އެ މައްސަލައިގައި ސުވާލުކުރަން އަންނަ ހޯދަ ދުވަހު އޭސީސީއަށް ހާޒިރުވުމަށް ފައްޔާޒަށް ވަނީ މިއަދު ޗިޓް ފޮނުވާފައި
ތަފްސީލް - އެކަމާ ގުޅިގެން ސައުދުﷲ މިއަދު އޭނާގެ ފޭސްބުކުގައި ލިޔުއްވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސްވިފްޓް އިންޖިނިއަރިންއަށް ދީފައިވާ 6 މަޝްރޫއެއް ގާނޫނާއި ގަވައިދާ ހިލާފަށް ބާތިލްކުރި އެވެ. އެކަމާ ހުރެ އެ ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން އެކުލަވާލެއްވި ސެޓްލްމަންޓް ކޮމިޓީއަށް އޭނާ ހާޒިރުކުރުމުން، ބަދަލުގެ ގޮތުގައި ފައިސާއަށް ވުރެ، ވަކިކުރެވުނު މަޝްރޫއުތަކާ އެއް މިންވަރަށް އަގު ހަމަޖައްސައިގެން މަޝްރޫއުތައް ދިނުމަށް ކޮމިޓީގައި އެދުނު ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އެގޮތުން:
-
އެ އެދުމާ ގުޅިގެން ސްވިފްޓް އިންޖިނިއަރިންއަށް ފައިސާގެ ބަދަލެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި
-
ވަކިކުރެވުނު 6 މަޝްރޫއުގެ ތެރެއިން 4 މަޝްރޫއުގެ އަގަށް ހަމަޖައްސައިގެން 5 މަޝްރޫއު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ހިންގަން ދިން
-
އަނެއް 2 މަޝްރޫއަށް މިހާތަނަށް ފައިސާގެ ބަދަލެއް ވެސް އަދި އެއްވެސް މަޝްރޫއެއް ވެސް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި
"މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު ފައިދާއެއް ލިބިފައިވޭ. މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަ، ސްވިފްޓް އިންޖިނިއަރިންއަށް ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުނީސް،" ސައުދުﷲ ވިދާޅުވި އެވެ.