ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ؛ އޭނާގެ ކުންފުންޏަކަށް ފެނަކައިން 9 މިލިއަން ރުފިޔާ ލިބުނު ކަމެއް ނޭނގޭ (ފޮޓޯ/ މަޖިލިސް)
އިބްރާހީމް ދީދީ ވިދާޅުވީ ވިޔަފާރީގައި ނޫޅުއްވާތީ 9.8 މިލިއަން ލިބުނުކަން ނޭނގޭ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީގެ ހިއްސާ އޮންނަ 'ޑީ އެންޑް ވީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް'އަށް މަޖިލިސް އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ފައިސާ ލިބުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މެންބަރު އިބްރާހީމް ދީދީ އާއި އޭނާގެ އަނބިކަނބަލުންގެ ހިއްސާ އެކަނި އޮންނަ އެ ކުންފުންޏަށް ފެނަކައިން 9.8 މިލިއަން ރުފިޔާ ދޫކޮށް، މަޖިލިސް އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ފައިސާ ދައުރުކުރިކަން ތިލަވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން ތައްޔާރުކުރި ރިޕޯޓެއް އާންމުވެގެނެވެ.
އެ ރިޕޯޓްގައި ބުނާ ކުންފުނީގެ ހިއްސާ އޮންނަނީ އިބްރާހީމް ދީދީގެ ދެކަނބަލުންނަށް އެކަނިކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރޭޝަން ޕޯޓަލުން ވެސް އެނގެ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން މެންބަރުގެ ބަހެއް ހޯދުމަށް 'ދައުރު'ން އިއްޔެ ހެނދުނުން ފެށިގެން ވެސް ކުރަމުންދިޔަ މަަސައްކަތުން މިއަދު މެންދުރު ފޯނަށް ޖަވާބު ދެއްވައި ވިދާޅުވީ އެ ކުންފުނީގެ އާމްދަނީ އާއި ކަންކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ހަމައެކަނި މެންބަރުގެ ދެކަނބަލުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ލިބޭ އާމްދަނީ، ހާއްސަކޮށް ސަރުކާރުގެ ކުންފުންޏަކުން 9 މިލިއަންގެ ބޮޑު އާމްދަނީއެއް ލިބުނުކަން އެނގިވަޑައިނުގަންނަވަނީ ކީއްވެގެންތޯ ސުވާލުކުރީމެވެ.
ތަކުރާރުކޮށް 'ދައުރު'ން މި ސުވާލުކުރަން ފެށުމުން މެންބަރު ވިދާޅުވީ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އޭނާގެ ނަން އޮތް ނަމަވެސް ކުންފުނީގެ ވިޔަފާރީގައި އޭނާ ބައިވެރިވެ ނޫޅުއްވާތާ ވަރަށް ގިނަ އަހަރު ވެފައިވާ ކަމަށެވެ.
"ފެނަކައިން ސާފުކޮށްލަންވީ ނޫންތޯ ކިހިނެއް ލިބުނު ފައިސާއެއްކަން. އަޅުގަނޑާ ގުޅޭ ގޮތުން ވެސް ތިޔަބޭފުޅުން [ނޫސްވެރިން] ދައްކަން ނުޖެހޭ ވާހަކަ ދެއްކެވިފައި މި އޮތީ. އަޅުގަނޑަށް ވެސް ޝޮކެއް ލިބުނީ، އަޅުގަނޑަށް އެނގޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިބްރާހީމް ދީދީއަށް އެ ވަރުގެ ތުހުމަތެއް އަމާޒުވާ ކަމެއްގައި ކިހިނެއް ހިނގި ކަމެއްތޯ ސާފުނުކުރަންތޯ ސުވާލުކުރުމުން ވިދާޅުވީ "އަދި ރާއްޖޭން ބޭރުގައި އުޅެފައި މި އައީ" ކަމަށެވެ. ފެނަކައިން އެކަން ސާފުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުންފުނީގައި އަދިވެސް ހިއްސާ އޮންނާނެތޯ ސުވާލުކުރުމުން މެންބަރު ވިދާޅުވީ "ހިއްސާ އޮތަސް، ހަމައެކަނި އަޅުގަނޑުގެ ނަން އޮންނާނީ. ވިޔަފާރިން އެއްވެސް ފައިސާއެއް ވެސް ނުނަގަން" ކަމަށެވެ.
"ހިއްސާ އޮންނާނެ، ރަނގަޅު ވާހަކައެއް ތިއީ،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
ދެން އެ ކުންފުނީގެ ވިޔަފާރި ހިންގަނީ ކޮން ބަޔަކުތޯ ސުވާލުކުރުމުން ވިދާޅުވީ "ކުންފުނީގެ ވިޔަފާރީގައި އުޅުނީ ގާތް ބަޔަކު" ކަމަށެވެ. ހަމައެކަނި އެނގިވަޑައިގަންނަވަނީ މިދިޔަ އަހަރު އެ ކުންފުނިން ވިޔަފާރިތަކެއް ކުރި ކަމަށެވެ.
"ތި ފައިސާއެއް ލިބުނަސް ލިބިފައި އޮންނާނީ ވިޔަފާރިކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އިބްރާހީމް ދީދީގެ މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި އަހަރު ދުވަހު އޭނާއަށް ލިބިވަޑައިގެންނެވި ހަމައެކަނި އާމްދަނީއަކީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވި 912،200ރ. އެވެ.
އަދި އެ މާލީ ބަޔާނުގައި ވެސް އިބްރާހީމް ދީދީގެ %50 ހިއްސާ އެ ކުންފުނީގައި އޮންނަކަން ވެސް ހިމަނާފައިވެ އެވެ. ނަމަވެސް ފާއިތުވި އަހަރު ދުވަހު އެ ކުންފުނިން އެއްވެސް ފައިސާއެއް އިބްރާހީމް ދީދީއަށް ލިބިވަޑައިނުގަންނަވާކަން މާލީ ބަޔާނުގައިވެ އެވެ.
އެފްއައިޔޫ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ 9 މިލިއަން ރުފިޔާއަކީ އިބްރާހީމް ދީދީ މެންބަރަކަށް ވުމުގެ ކުރިން ހިނގާފައިވާ މުއާމަލާތަކަށް ވާތީ، މި ވަގުތު ގަވައިދު އޮންނަ ގޮތުން އެ ބައި މާލީ ބަޔާނުގައި ހިމެނުން ލާޒިމެއް ނުވެ އެވެ.
އެފްއައިޔޫ ރިޕޯޓްގެ ތަފްސީލް - އެ ރިޕޯޓްގައި ބުނާ ގޮތުން އިބްރާހީމް ދީދީ ކުންފުންޏަށް ފައިސާ ލިބުމަށް ފަހު، އެއިން 750،000ރ. ކެންގޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ފޮނުވި އެވެ. އެ ކުންފުންޏަށް ފެނަކައިން ވަކިން 2.45 މިލިއަން ރުފިޔާ ފޮނުވާފައި ވެސްވެ އެވެ.
މި ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު އިންތިހާބާ ދިމާކޮށް މި ފައިސާ ދައުރުކުރަން ބޭނުންކޮށްފައިވަނީ، އެފްއައިޔޫ ރިޕޯޓްގައި ބުނާ ގޮތުން މި ކެންގޯ ކުންފުންޏެވެ. އެގޮތުން:
-
ދެ މުއާމަލާތުން ޑީ އެންޑް ވީ އިންވެސްޓްމަންޓްއަށް ފެނަކައިން ގާތްގަނޑަކަށް 9.8 މިލިއަން ރުފިޔާ ދޫކުރި؛ އެއީ މަޖިލިސް އިންތިހާބަށް ހަތަރު ދުވަހަށް ވެފައި އޮއްވާ
-
އެ ކުުންފުނިން ކެންގޯ ކުންފުންޏަށް ދެ ދުވަހުގެ ތެރޭގައި ފަސް މުއާމަލާތަކުން ޖުމްލަ 750،000ރ. ދޫކުރި؛ ދެން ކެންގޯއިން އެކި މީހުންނަށް މި ފައިސާ ފޮނުވާފައިވޭ
-
ކެންގޯއިން ފެނަކައަށް ދިން މުދަލުގެ އަގެއްގެ ގޮތުގައި 2.45 މިލިއަން ރުފިޔާ ޕްރޮސެސް ކުރަނީ 18 އޭޕްރީލް 2024ގެ ދަންވަރު 2 ޖަހާކަށް ހާއިރު
-
މި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ ރިޕޯޓްގައި ސުވާލު އުފައްދާފައިވަނީ، ދަންވަރު ވަގުތު ފައިސާ ޕްރޮސެސްކުރުމާއި ދެ ގޮތަކުން ކެންގޯ ކުންފުންޏަށް ފައިސާ ފޮނުވައިގެން ފައިސާ ދައުރުކޮށްފައިވާތީވެ
ކޮމެންޓް (3)
0 ޓޮލަރަންސް
ތެފައާސާ.
ކޮސް