ފެނަކައިގެ ކުރީގެ އެމްޑީ މުއާޒު އަދި ކޮލަމާފުށި ދާއިރާގައި މެންބަރުން އިބްރާހިމް ދީދީ

މަޖިލިސް އިންތިހާބަށް ހަތަރު ދުވަސް އޮއްވާ ފެނަކައިން 12 މިލިއަން ރުފިޔާ ދައުރުކުރި؛ 9 މިލިއަން ކޮލަމާފުށި ދާއިރާގެ މެންބަރުގެ ކުންފުންޏަށް

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ރިޕޯޓުން ދައްކާ ގޮތުގައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ކުންފުންޏަށް އެކަނި 9 މިލިއަން ރުފިޔާ ދޫކުރި
29 ސެޕްޓެމްބަރު 2025
4

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެންމެ ހަަތަރު ދުވަހަށް ވެފައި އޮއްވާ، ފެނަކަ ކޯޕަރޭޝަނުން ދެ ކުންފުންޏަކަށް 12 މިލިއަން ރުފިޔާ ދޫކޮށް އެ ފައިސާ އެކި މީހުންގެ އެކައުންޓްތަކަށް ދައުރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ރިޕޯޓެއް ތައްޔާރުކުރީ 2023 އިިން ފެށިގެން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފެނަކަ އާއި ކެންގޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ދެމެދު ހިންގި މުއާމަލާތްތަކަށެވެ.

މިހާރު ސޯޝަލް މީޑިއާއަށް ވެސް ލީކުކޮށްލާފައިވާ އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން އެކި މަސްދަރުތަކުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ކުންފުންޏާ އެކު ފެނަކައިން އެއްބަސްވެފައިވަނީ، ފެނަކައަށް ބޭނުންވާ އޮޓޮމެޓިކް ވޯލްޓޭޖް ކޮންޓްރޯލަރާއި، ޓްރާންސްފޯމަރާއި، ރިމޯޓް ރޭޑިއޭޓަރުތައް ފެނަކައަށް ދޫކުރާ ގޮތަށް ޕްރޮކިއުމަންޓް މަސައްކަތްތައް ކޮށްދޭ ގޮތަށެވެ.

ތަފްސީލް - ފެނަކައިން އެ މުއްދަތުގެ ތެރޭގައި ކެންގޯއަށް ޖުމްލަ 37 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެފްއައިޔޫގެ ރިޕޯޓްގައި ސުވާލު އުފެދޭ މުއާމަލާތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ 17 އެޕްރީލް 2024ގައި ދޫކުރި 2.47 މިލިއަން ރުފިޔާގެ ވައުޗަރެވެ. އެ ގޮތުން:

  • އެ ފައިސާ ފެނަކައިން ޕްރޮސެސްކުރީ 18 އޭޕްރީލް 2024ގެ ދަންވަރު 2:00 ހާއިރު ބޭންކިން ޓްރާންސްފާ މެދުވެރިކޮށް

  • މި ފައިސާ ދެއްކީ 21 އޭޕްރީލް 2024ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތިން ދުވަސް ކުރިން

  • ޖެހިގެން އައި ދުވަހު އެއިން ގާތްގަނޑަކަށް 700،000 ރުފިޔާ ކެންގޯއިން އެކި ފަރާތްތަކަށް ދޫކުރި

  • އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ކުންފުނިތަކުގެ ނާޖާއިޒު ފައިދާ ނެގުމާއި، އެކި ސަރުކާރުތަކުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް އޮންނަ ތުހުމަތުތަކަށް ބާރު ލިބޭ

  • މިއީ ކަންބޮޑުވާން ޖެހޭ ކަމެއް

މީގެ އިތުރުން ފެނަކައިން ޑީ އެންޑް ވީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް 16 އޭޕްރީލް 2024ގައި ދެ މުއާމަލާތަކުން ފޮނުވި ފައިސާ ވެސް ކެންގޯ ކުންފުންޏަށް ބަދަލުކުރި އެވެ. އެ ގޮތުން:

  • ޑީ އެންޑް ވީ އިންވެސްޓްމަންޓްގެ ހިއްސާ މި އޮންނަނީ، މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އާއި އޭނާގެ އަނބިކަނބަލުން އިހުސާނާ ޝަރީފަށް

  • ދެ މުއާމަލާތުން ޑީ އެންޑް ވީ އިންވެސްޓްމަންޓްއަށް ފެނަކައިން ގާތްގަނޑަކަށް 9.8 މިލިއަން ރުފިޔާ ދޫކުރި. އެއީ މަޖިލިސް އިންތިހާބަށް ހަތަރު ދުވަހަށް ވެފައި އޮއްވާ

  • އެ ކުުންފުނިން ކެންގޯ ކުންފުންޏަށް ދެ ދުވަހުގެ ތެރޭގައި ފަސް މުއާމަލާތަކުން ޖުމްލަ 750،000 ރުފިޔާ ދޫކުރި

  • އެ ފައިސާ އަނެއްކާ ކެންގޯއިން އެކިއެކި ފަރުދުންނަށް ފޮނުވި

ބުނީ ކީކޭ؟ - މި ރިޕޯޓާ ގުޅިގެން ސުވާލުކުރުމުން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ ރިޕޯޓްގައި މުއާމަލާތްތަކާ ގުޅޭ ގޮތުން ހުރި މައުލޫމާތުތައް ހިމެނޭ ގޮތަށް ސައްހަ ނޫން މައުލޫމާތުތަކެއް ހުރި ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ފެނަކައިގެ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް މުއާޒު ވިދާޅުވި އެވެ. ފެނަކައިން އިސްތިއުފާ ދެއްވި އިރު ވެސް އޭނާއަށް މިފަދަ ތުހުމަތުތައް އަމާޒުވިކަމާއި އޭރު ވެސް ވިދާޅުވި ގޮތަށް، މައްސަލައެއް އޮތް ނަމަ އެކަން ބަލަން އެދިވަޑައިގަތެވެ. 

މި ކަމާ ގުޅިގެން މެންބަރު އިބްރާހީމް ދީދީގެ ބަހެއް ހޯދަން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފޯނަށް މެސެޖު ކުރި ނަމަވެސް މެސެޖަށް ވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އެ އިންތިހާބުގައި މި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް ސުޕާ މެޖޯރިޓީ ލިބުނެވެ.

ކޮމެންޓް (4)

ބުރުމާ "ދަ ޑްރިލް" ގާސިމް

29 ސެޕްޓެމްބަރު 2025
މީ ދެން ކިހާ ދެރަކަމެއްތަ...
1 0
ހަސަން އަލީ Avatar

ހަސަން އަލީ

29 ސެޕްޓެމްބަރު 2025
ކީކޭ ދެން ބުނަންވީ.
1 0

ދަރިވަރު

29 ސެޕްޓެމްބަރު 2025
ކޮބާ ހުކުމާ ޖަލަށްލުން ސްޕީޑް ކޮބާ؟ ވަކިކުލައެއް ނެތި ގެންނަ ބޮޑު އިންގިލާބުގައި ހުރިހަ ކޮރަޕްޓް ވައްކަން ހިންގި އެންމެނާށް އެއްފަހަރާ އިންސާފު ގާއިމުކޮށް ނިންމާލުން އޮތީ. މިކަން ރާއްޖޭގަ ނުކޮށް ހައްލެއް ނެތް. ޒެންޖީ
1 0

ތެފައާސާ.

29 ސެޕްޓެމްބަރު 2025
[".....އެ އިންތިހާބުގައި މި ސަރުކާރު ނިސްބަތްވާ ޕީއެންސީއަށް ސުޕާ މެޖޯރިޓީ ލިބުނެވެ......"] އެހެންވީމާ އެ ސުޕަމެޖޯރިޓީ ހޯދަންވެގެން ފަތިފައްޗަށް ބިއްލޫރި ޓަނަލްގެ ވައުދާއި އިންޑިއާ އައުޓު ވައުދާއި ބެންކޮކް ދުބާއި ހުރުމުގެ ހަރަދާއެކު އާސަންދަ ވައުދާއި ރަސްމާލެ ވައުދާއި ދިވެހިންގެ ޗާގޮސް ދިވެހިންނަށް ވައުދާއި ތުރުކީ ކާޑުގެ ވައުދުފަދަ ހޮޅިވައުދު އެކަނި ވީކީނޫންދޯ؟ ހެސްކިޔާފައި ފައިސާ ބެހިކަމުގެ ތުހުމަތުވެސް އެބަ އުފެދޭތާ!!!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް