ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން (ފައިލް ފޮޓޯ/ މިހާރު)

ސިނާންގެ ލޯނަށް 1.7 މިލިއަން ރުފިޔާ ދެއްކީ ނަގުދު ފައިސާއިން

ލީކުކޮށްލާފައިވާ އެފްއައިޔޫ ރިޕޯޓްގައި ބުނާ ގޮތުން 1.7 މިލިއަން ރުފިޔާ ހިއްޕަވައިގެން ވަޑައިގަތީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު؛ އެކަމަކު މި ތުހުމަތުތަކާ ގުޅޭ ގޮތުން މުހުތާޒު އެއްޗެއް ވިދާޅުވާން ބޭނުމެއް ނުވޭ
22 ސެޕްޓެމްބަރު 2025
4

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން، އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ދައްކަން ޖެހޭ ލޯނަކަށް 1.7 މިލިއަން ރުފިޔާ ދައްކާފައި ވަނީ ނަގުދު ފައިސާއިންކަން ހާމަވެއްޖެ އެވެ. 

އެނގުން މުހިންމު - ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަކަށް 2.5 މިލިއަން ރުފިޔާ ނުދައްކާ އޮތް މައްސަލައެއްގައި ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން:

  •  ދަރަނި ދެއްކީ މައްސަލަ ހުށަހެޅި ދުވަހު

  • މިހާރު އެ މައްސަލައިގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައި

ވީ ކިހިނެއް؟ - މިދިޔަ ފެބުރުއަރީ މަހު ހިންގި އެ މުއާމަލާތާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއް ވެސް މިހާރު ހާމަވެފައިވާއިރު، 'ދައުރު'އަށް މައުލޫމާތު ދިން އިތުބާރުހުރި ފަރާތްތަކުން ވެސް ވަނީ އެ ރިޕޯޓްގައި ހުރި މައުލޫމާތުގެ ސައްހަކަން ހެއްކާ އެކު ކަށަވަރުކޮށްދީފަ އެވެ.

އެ ރިޕޯޓްގެ ސައްހަކަން ވެސް ވަނީ ކަށަވަރު ކުރެވިފަ އެވެ. 

ތަފްސީލް - 'ދައުރު'އަށް ލިބިފައިވާ މައުލޫމާތުތަކުން ވެސް ކަށަވަރުވާ ގޮތުގައި އަދި އެފްއައިޔޫގެ ރިޕޯޓްގައި ވެސް ބުނެފައި ވަނީ: 

  • ސިނާންގެ ލޯނަށް ފައިސާ ދެއްކުމަށް ނަގުދު ފައިސާއިން 1.7 މިލިއަން ރުފިޔާ ހިއްޕަވައިގެން އެމްއައިބީއަށް ވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭރު ހުންނެވި އަދި މިހާރު ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ ނައިބު، ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން 

  • ނަގުދު ފައިސާއިން ބޭންކަށް ދެއްކުމަށް ފަހު އެ ފައިސާ ހޯދި ގޮތުގެ ހެއްކެއް ކަމަށް ދައްކާފައި ވަނީ ހެލްތު އެންޑް ގްލޯ ކިޔާ ކުންފުންޏަކުން ލޯނެއްގެ ގޮތުގައި އެ ފައިސާ ދިންކަމުގެ އެއްބަސްވުމެއް 

އެފްއައިޔޫ ރިޕޯޓްގައިވާ ގޮތުގައި، ހެލްތު އެންޑް ގްލޯ ކުންފުނިން ސިނާންގެ ލޯނު ދައްކަން ދީފައި ވަނީ، 6 މަސްދުވަސް ތެރޭ އަނބުރާ ދައްކާ ގޮތަށް ލޯނެއްގެ ގޮތުގަ އެވެ. ހެލްތު އެންޑް ގްލޯއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑް ޑިރެކްޓަރެއް ކަމަށްވާ އަބްދުﷲ ނަސީމް އާއި އަލީ ޝިނާން ކިޔާ ފަރާތެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ބީއެމްއެލް ބޯޑް ޑިރެކްޓަރު ނަސީމްއަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. 

މުހްތާޒްގެ ބަސް - މިކަމާ ގުޅޭ ގޮތުން މުހުތާޒްގެ ބަހެއް ހޯދުމަށް މިއަދު ގުޅުމުން އޭނާ ވަކި އެއްޗެކޭ ވިދާޅުވާން އުޒުރުވެވަޑައިގެންނެވި އެވެ.

"އޭރު ތިކަން ހިނގިިރު އޭނާއަކީ [ސިނާންއަކީ] އަޅުގަނޑުގެ މުވައްކިލެއް. އެހެންކަމުން އަޅުގަނޑުގެ ކްލަޔަންޓެއްގެ މައުލޫމާތު އަޅުގަނޑަކަށް ނޫސްވެރިންނަކަށް ނުދެވޭނެ،" މުހުތާޒް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ސިނާންގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (4)

ހަސަން2343

23 ސެޕްޓެމްބަރު 2025
ފައިސާ އެހެން މީހުން އަތުންވެސް ނަގާފަ ފޯނު ނުނަގާ އުޅެނީ ،، ތިކަހަލަ މީހެއް ތި ސިނާނު ތީ ،، ބަލާ ބެލުމަށް މާ މަޑުމައިތިރި ރަގަޅު މީހެއް ހެން ހީވިޔަސް ހަގީގަތުގައި މީހުން އަތުން ފައިސާ ނަގާފައި ފޯނު ނުނަގާ މީހެއް ،
0 0

ތެފައާސާ.

22 ސެޕްޓެމްބަރު 2025
ތީ އަދި 1.7 މިލިއަން ތާ. ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތު އިމާރާތްކުރިއިރު ނާޒިމް ސާރގެ އާރުސީސީއަށް 11 މިލިއަން ރުފިޔާވެސް ނަގުދު ފައިސާއިން ދިންކަން ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ޚަބަރުތަކުގައި ހުރި. އޭރު ރައީސް މުއިއްޒުގެ ތަރުޖަމާނު ތޮލާލު ވިދާޅުވީ އެއީ ރައީސް މުއިއްޒު އެއްކޮށްފައިހުރި ފައިސާކަމަށް. އެހެންވީމާ ދިހަ އެގާރަ މިލިއަންގެ ނަގުދު ފައިސާ ނިދާ ބާލީސް ދަށުގައި ރައްކާކޮށްގެން އެއްކުރާ ގައުމެއްގައި 1.7 މިލިއަންގެ ނަގުދު ފައިސާ ހިފައިގެން މީހަކު ބޭންކަށް ދިއަޔަސް އަދި ކަންބޮޑުވާކަށް ނުވޭތާ!!!
11 2

މުއިއްޒުފޭން

22 ސެޕްޓެމްބަރު 2025
ކޮބާތަ މީގަ މައްސަލައަކީ؟ ކުންފުންޏަކުން ލޯނެއް ނަގައިގެން އެމްއައިބީގެ ލޯނު ދެއްކުމަކީ މައްސަލައެއް ނޫނެއްނު؟ ތިބުނާ ކުންފުންޏަކުން ލޯނު ދިން ކަމަށް އިންކާރު ކުރަނީތަ؟
4 12

ހޮޅި

22 ސެޕްޓެމްބަރު 2025
@މުއިއްޒުފޭން ހެހެ ... މިއޮތްފަދަ ހައިޓެކް ޒަމާނުގަ ލޯނުދެނީ ނަގުދު ފައިސާއިންތަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް