ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން - (ފޮޓޯ/ މަޖިލިސް)
ސިނާން ވަނީ ހުކުމް ފޮނުވި މެސެޖު ބަލާފައި؛ އެކަމަކު ބުނީ އެ ދުވަހު ހުކުމް ނުކިޔާ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ސާބިތު ދަރަންޏެއް ދެއްކުމަށް މިދިޔަ 16 އޮކްޓޯބަރުގައި ހުކުމްކޮށް ހަމަ އެ ދުވަހު ވައިބާއިން ފޮނުވި ހުކުމުގެ މެސެޖު ސިނާން ބެއްލެވިކަން މިއަދު އެނގިއްޖެ އެވެ.
ވީކިހިނެއް؟ - އެއީ ސިނާން އާއި އަދިވެސް އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމެކެވެ. އެގޮތުން:
-
ކޯޓުން ހުކުމްކޮށްފައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކަށް ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށް
-
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ 13 ފެބްރުއަރީގައި؛ ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކާފައި
ސުޕްރީމް ކޯޓުގައި ހިނގާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސިނާންގެ ވަކީލު މޫސާ އަލީ ވިދާޅުވީ ދަރަނި ދެއްކުން ލަސްވީ އޭގެ ކުރިން ހުކުމެއް އޮތް ކަން މެންބަރު ސިނާނަށް އެނގިވަޑައިނުގަންނާވާތީ ކަމަށެވެ. އެނގިވަޑައިގަތުމާ އެކު ދަރަނި ދައްކާފައިވާނެ ކަމަށް އެ ދުވަހު ސިނާންގެ ވަކީލު ވިދާޅުވި އެވެ.
އެހެންވެ ސުޕްރީމް ކޯޓުން ވަނީ އެކަން އިތުރަށް ކަށަވަރުކުރުމަށް ބައެއް މައުލޫމާތުތައް ސާފުކޮށްފަ އެވެ.
ތަފްސީލް - ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނާއި އެމްއައިބީން ހޯދި މައުލޫމާތުތައް މިއަދު ބޭއްވި އަޑުއެހުމުގައި ސިނާންގެ ވަކީލުގެ އިތުރުން މައްސަލަ ހުށަހެޅި ގާލިބު ސަލީމްގެ ވަކީލުން ވެސް ފާހަގަކުރައްވައިފަ އެވެ. އެގޮތުން:
-
ހުކުމްކުރި ދުވަހު މެޖިސްޓްރޭޓް ކޯޓުން ވަނީ ވައިބާ މެދުވެރިކޮށް ސިނާނަށް ހުކުމް ފޮނުވާފައި
-
ހުކުމް ލިބުނުކަން ކަށަވަރުކުރުމަށް މެސެޖު ފޮނުވުމަށް ފަހު، ކޯޓުން ވަނީ ސިނާނަށް ގުޅައި ވައިބާއިން ހުކުމް ފޮނުވިކަން އަންގާފައި
-
އޭގެ ފަހުގައި ސިނާން ވަނީ އެ މެސެޖު ބަލައި ރިޕްލައި ވެސް ކޮށްފައި؛ ސިނާން ފޮނުވި މެސެޖުގައި ވަނީ 'ގޮޓް އިޓް' ނުވަތަ މެސެޖު ލިބިފައިވާ ކަމަށް
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ސިނާންގެ ވަކީލު ވިދާޅުވީ އެ ދުވަހު ވައިބާއިން ފޮނުވި މެސެޖު ސިނާން ބެއްލެވި ނަމަވެސް ހުކުމް ބައްލަވައި ވިދާޅުވެފައި ނުވާ ކަމަށެވެ.
"ވައިބާއިން ފޮނުވި މެސެޖު ލިބުނު ނަމަވެސް ހުކުމެއް ނުބައްލަވާ. ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތް ތާރީހު ސާފުކޮށްދެއްވުމަށް ފަނޑިޔާރުން އެދިވަޑައިގަތުމުން އެ ތާރީހު ފާހަގަކޮށްދެއްވާނަން. އެއީ 22 ޖެނުއަރީ 2025،" ސިނާންގެ ވަކީލު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
21 ނޮވެމްބަރުގައި ބޭންކުން ވެސް އީމެއިލްތަކެއް ފޮނުވި؛ ނަމަވެސް މެއިލްތައް ބަލާފައިނުވޭ އަދި މެއިލްތައް ހުޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން އެ ގޮތަށް ބޭންކުން ފާހަގަކުރުމުން
-
ސިނާނަށް ހުކުމެއް އޮތްކަން އެނގިވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތްކުރެއްވީ ހުކުމުގައިވާ ދަރަނި ދެއްކުމަށް؛ ފައިސާ ހަމަޖައްސަން ދުވަސްތަކެއް ނެގި
-
ފައިސާ ހަމަޖެހުމާ އެކު 1.7 މިލިއަން ރުފިޔާ 13 ފެބްރުއަރީގައި ދެއްކެވި؛ އަދި ބާކީ ބައި ހުކުމުގައިވާ ހަ މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިއަށް ވަނީ ދައްކަވާފައި
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް ކުރުމެވެ.
މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ:
-
އައިޝާ ޝުޖޫން (ރިޔާސަތު)
-
އަބްދުﷲ ހަމީދު
-
ޑރ. މުހައްމަދު އިބްރާހީމް
-
އަލީ ރަޝީދު އަހުމަދު
-
ހުސައިން ޝަހީދު
ކޮމެންޓް (6)
މޭޒު
ގޮނޑި
ހހޖބމބބ
ފީލިންގ
ތެފައާސާ.
ާކޮސް