ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން - (ފޮޓޯ/ މަޖިލިސް)

ދަރަނި ދެއްކިޔަސް ސިނާންގެ ގޮނޑި ގެއްލުން އަދިވެސް ބަހުސަކަށް

މީގެ ކުރިން ސާބިތު ދަރަނީގެ މައްސަލަތަކުގައި މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުގެ އިތުރަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ނުލިބޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އެބަ ހުރި
18 ފެބްރުއަރީ 2025
1

މުހިންމު ނުކުތާތައް

ކޯޓުން ދަރަނި ދެއްކުމަށް ދިން ޖުމްލަ މުއްދަތު އަދި ހަމަނުވާތީ ގޮނޑި ގެއްލިގެން ނުވާނެ ކަމަށް ވެސް ބައެއް ވަކީލުން ދެކޭ

ދަރަނި ދެއްކި ނަމަވެސް ހުކުމާ އެއް ގޮތަށް ދަރަނި ނުދައްކާ މަސްތަކެއް ހިނގުމުން ބައެއް ވަކީލުން ދެކެނީ ގޮނޑި ގެއްލިފައިވާ ކަމަށް

މެންބަރު މުހައްމަދު ސިނާންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދުވަހު އޭނާ ދަރަނި ދައްކައި ހަލާސްކޮށްފި

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ފުރަތަމަ ނަންބަރެވެ. އެއީ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތެކެވެ. އޭގައި އޮންނަނީ "އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ވުން،" މިހެނެވެ.

ހުކުމާ އެއްގޮތަށް ދަރަނި ނުދައްކައިގެން މީގެ ކުރިން ސުޕްރީމް ކޯޓުން ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި ވެސް އެބަ ހުއްޓެވެ.

ނަމަވެސް މި ފަހަރު ވީ ގޮތަކީ މެންބަރުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދުވަހު ދަރަނި ދައްކައި ހަލާސްކުރީ އެެވެ. މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމާއި ނުގެއްލުމުގެ ބަހުސް އިތުރަށް ބޮޑުވީ މި ހިސާބުންނެވެ.

ސިނާން އާއި އިތުރު ދެ މީހަކު ވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އެއިން ނުދައްކާ 2.5 މިލިއަން ރުފިޔާ އޮތެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޮކްޓޯބަރު މަހު ހުކުމްކުރީ:

  • ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް

  • ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކު ޖެހޭ އަދަދު މަދުވެގެން ކޮންމެ މަހަކު ދެއްކުން

ސުވާލު އުފެދިގެން އުޅޭ ކަމަކީ ކޯޓުން ދީފައިވާ މުއްދަތުގެ ތެރޭގައި ދަރަނި ދައްކައި ނިންމާފައިވާ ނަމަ ހުކުމާ އެއްގޮތަށް ދަރަނި ދެއްކި ކަމަށް ނިންމޭނެ ކަން ނުވަތަ ނޫން ކަމެވެ.

އެއީ، ހުކުމުގައި އޮންނަ އެންމެ އިރުޝާދަކަށް ވެސް އެ ގޮތަށް އަމަލު ނުކޮށްފިއްޔާ ހުކުމާ ހިލާފުވި ކަމަށް ބަލައި ގޮނޑި ގެއްލޭނެ ކަމަށް ބައެއް ވަކީލުން ދެކޭތީ އެވެ. އެެހެން ބައެއް ވަކީލުންގެ ހިޔާލު ތަފާތެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން (ކ) - (ފޮޓޯ/ މަޖިލިސް)

ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާފައިވާ ކަމެއް

މީގެ ކުރިން ސާބިތު ދަރަނީގެ މައްސަލަތަކުގައި މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުގެ އިތުރަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ނުލިބޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އެބަ ހުއްޓެވެ.

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްހަމީދު އާއި ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުސްތަފާ މުހައްމަދުގެ މައްސަލާގެ އިތުރުން މި ފަހުން މީގެ މިސާލަކަށް އޮތީ ނިމުނު މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި ވީބީ ހަސަން ޝިޔާމްގެ މައްސަލަ އެވެ.

ޝިޔާމްގެ މައްސަލާގައި ސުޕްރީމް ކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާތަައް:

  • ގާނޫނުއަސާސީގައި ބަޔާންކުރަނީ ސާބިތު ދަރަންޏެއްގެ ވާހަކަ ކަން؛ އޭގެ ތެރޭގައި ރަހުނު ހިމެނޭ ދަރަންޏާއި ރަހުނު ނުހިމެނޭ ދަރަނި އަދި އެކަނި ޒިންމާވާން ޖެހޭ ދަރަންޏާއި ބަޔަކާ އެކީ ޒިންމާވާން ޖެހޭ ދަރަނި ހިމެނޭ

  • ދެން އޮންނަނީ ހުކުމާ އެއްގޮތަށް ދަރަނި ދެއްކުން؛ އޭގައި ރަހުނެއް ބަހައްޓާފައިވޭތޯ އާއި ވަށައިގެން އެހެން ކަމެއް އޮތްތޯ ބަލާކަށް ނޯވޭ

  • ހުކުމުގައިވާ ގޮތަށް ދަރަނި ނުދައްކާ އޮވެއްޖެ ނަމަ އިންތިހާބަށް ކުރިމަތިލާން ޝަރުތު ފުރިހަމަނުވާނެ ކަން

މަސްލަހަތުތަކެއް ހިމެނޭ ކަމަކަށް ވާތީ، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކަށް ބަލައިލި ނަމަވެސް ސިނާންގެ ގޮނޑި ނުގެއްލެންވީ އެއްވެސް ސަބަބެއް ނުފެނެ އެވެ.

ހާއްސަކޮށް އެ ވަކީލު ފާހަގަކުރެެއްވީ ވީބީ ޝިޔާމްގެ ގަޒިއްޔާއަށެވެ.

"އެ ހުކުމް ހިނގާނެ މި މަައްސަލާގައި ވެސް. ރަހުނު އޮތަކަސް، އިތުރު ބަޔަކު ޒިންމާވާން ޖެހޭ ދަރަންޏަކަސް އޭނާ އޭގައި ހިމެނި ދަރަނި ދައްކަމުން ނުދިޔައިމަ ޝިޔާމަށް ކުރިމަތިނުލެވުނު ފަދައިން މެންބަރު ސިނާންގެ ގޮނޑި ވެސް ގެއްލެން ޖެހޭނެ،" ވަކީލު ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވޭ

ދަރަނީގެ ސަބަބުން ގޮނޑި ގެއްލުވާލުމުގެ ވިސްނުން

ޑިމޮކްރެޓިކް ގިނަ މުޖުތަމައުތަކުގައި ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ދިއުމަށް މަޖިލީހުގެ މެންބަރުންގެ މައްޗަށް ޝަރުތުކޮށްފައި ހުރެ އެވެ.

އެހެެން އެ ގޮތަށް އަމަލުކުރުން އާންމުވާން ޖެހޭ ސަބަބެއް އޮންނަން ވާނެ އެވެ. އޭގެ ފަހަތުގައި ކޮންމެ ވެސް ހިކުމަތަކާއި ހިޔާލާތެއް ވާނެ ކަމަށް ބަލަން ޖެހެ އެވެ.

މި މައުލޫގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ އޮންނަ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ފާހަގަކުރެއްވީ ވެސް އެ ކަމެވެ. މަޖިލީހުގެ މެންބަރުންނަކީ މަދަނީ އިގުރާރުތަކަށް އިހުތިރާމުކޮށް އެފަދަ އިގުރާރުތަކާއި އެއްބަސްވުންތަކާ ގުޅިގެން އަންނަ ޝަރުއީ ހުކުމްތަކަށް ވެސް އިހުތިރާމުކުރަން ޖެހޭނެ ބަޔެކެވެ.

"މަޖިލީހުގެ މެންބަރުން ވާން ވާނޭ އިތުބާރު ހުރި ބަޔަކަށް. ވަކި ފަރުދުންނާ އެކީ މިވާ އެއްބަސްވުންތަކަށް އިހުތިރާމުކޮށް، މަދަނީ އެއްްބަސްވުންތަކާ ގުޅިގެން ކޯޓުތަކުން ކުރާ ޝަރުއީ ހުކުމްތަކަށް އިހުތިރާމުކުރާން މެންބަރުންގެ މައްޗަށް ބާރުއަޅުވަން މިފަދަ ޝަރުތުތައް މި އޮންނަނީ،" މި ވަގުތު ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އިމްތިޔާޒު ވިދާޅުވި އެވެ.

"އެހެން ނޫނީ އެފަދަ ޝަރުތެއް ހިމެނުމުގެ ބޭނުމެއް ވެސް ނޯންނާނެ. ސިނާންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް އަޅުގަނޑަށް  ފެންނަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 2021ގައި، 'ދައުރު'ގެ '7 ސުވާލު' ޝޯ އަށް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އިންޓަވިއު ދެއްވަނީ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އިންނެވި އޭރުގެ މެންބަރު ދިޔާނާ ސައީދު ވެސް ވިދާޅުވީ އެ ޝަރުތުގެ ބޭނުމަކީ މެންބަރުންނަކީ ކަރާމާތްތެރި، ބަހުގެ އިތުބާރު ހިފޭ ބަޔެއްގެ ގޮތުގައި ތިބޭ ކަމުގެ ޔަގީންކަން އޮތުން ކަމަށެވެ.

ނަމަވެސް ސިނާންގެ މައްސަލާގައި އޭނާގެ ގޮނޑި ގެއްލޭނެ ކަމަށް ނިންމުމުގައި ކޮންމެވެސް ވަރަކަށް ދިޔާނާގެ ހިޔާލު ތަފާތެވެ. އެއް ކަމަކަށް ދިޔާނާ އިޝާރާތް ކުރައްވަނީ ހުކުމުގައިވާ މުއްދަތު އަދި ހަމަނުވާ ކަމެވެ. މުއްދަތު ހަމަނުވަނީސް ފައިސާ ދެއްކި ކަމެވެ. އަނެއް ކަމަކީ ރަހުނުގެ ގޮތުގައި މުދާ ބެހެއްޓި ކަމާއި ދަރަނި ނުދައްކާ ހާލަތުގައި ރަހުނުން ދަރަނި އަދާކުރުމަށް ހުކުމުގައި އިރުޝާދު ދީފައިވާ ކަމެވެ.

"ހުކުމުގައި އިރުޝާދުތަކެއް ދީފައި އޮވެއްޖެއްޔާ މުޅި ހުކުމަށް ބަލަން ވާނެ. ހުކުމުގައި އޮތް އިރުޝާދެއް އެއީ ދަރަނި ނުދެއްކިގެން އުޅޭ ހާލަތުގައި ރަހުނުގެ ގޮތުގައި ބަހައްޓާފައި މުދަލުން ދަރަނި އަދާކުރުން. އެ މަރުހަލާއަށް ނުގޮސް ހުކުމަށް މެންބަރު އިހުތިރާމު ނުކުރާ ކަމަކަށް ކަނޑައެޅިގެން ނުވާނެ،"  ބަންޑާރަ ނައިބު ކަން ވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ސައީދު (ފޮޓޯ/ ޕީއެސްއެމް)

ދިޔާނާގެ އެ ނުކުތާއަށް ތާއީދުކޮށް އެހެން ވަކީލަކު ވެސް ވާހަކަ ދެއްކެވި އެވެ.

ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި އެ ވަކީލު އިތުރަށް ހަވާލާދެއްވި ގާނޫނީ އަސްލަކީ ސުޕްރީމް ކޯޓުން ކޯޓުތަކަށް ފޮނުވާފައިވާ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ނަމޫނާ އެވެ. ހިތަދޫ ކޯޓުން ވެސް ބަލާ މިންގަނޑަކީ އެއީ އެވެ. އެއީ ހުކުމް ތަންފީޒު ނުވާ ކަމަށް ބަލައި ތަންފީޒު ކުރުމަށް އެދި މައްސަލަ ހުށަހެޅުމުގައި ބަލަން ޖެހޭ މުއްދަތެވެ.

މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 150 ވަނަ މާއްދާގައި ބުނަނީ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހެޅޭނީ ވެސް ހުކުމުގައި އޮންނަ މުއްދަތު ހަމަވުމުން ކަމަށެވެ. ސިނާން ދަރަނި ދައްކަން ހުކުމުގައި ބުނާ މުއްދަތު ހަމަވާނީ އޭޕްރީލް މަހަށެވެ.

"ހަގީގަތުގައި ގަވާއިދު ބުނާ ގޮތުން އެމްއައިބީއަށް ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ވެސް އަދި ހުށަހެޅިގެން ނުވާނެ. މިހާ ވެސް ކުރީ މަރުހަލާގައި އޮތް މައްސަލައެއްގައި ދަރަނި ނުދައްކާ ކަމަށް ބަލައި ގޮނޑި ގެއްލުވައިލެވިގެން  ނުވާނެ،" ސަރުކާރުގެ މަގާމެއްގައި ހުންނެވުމުން ނަން ނުޖެހުމަށް ޝަރުތުކޮށް ވަކީލު ވިދާޅުވި އެވެ.

މުޅި ހުކުމަށް ބަލަން ޖެހޭ ނަމަ ދަރަނި އަދާކުރަމުން ދިއުމަށް ހުކުމުގައި އޮންނަ އިރުޝާދަކަށް ވެސް ބަލަން ޖެހޭނެތާ އެވެ. ކޮންމެ މަހަކު ވަކި ވަރެއް ދެއްކުމަށް ވެސް ހުކުމުގައި އެބަ އޮވެ އެވެ. 

އިމްތިޔާޒު ފަހުމީ ދެން ވިދާޅުވީ އެ ވާހަކަ އެވެ.

"ދަރަނި ދައްކަން އޮންނަ މުއްދަތުގައި ދައްކަންވީ ގޮތުގެ ވަކި އިރުޝާދުތަކެއް ހިމެނޭ ނަމަ އެ އިރުޝާދުތަކާ އެއް ގޮތަށް ދަރަނި ދައްކަން ޖެހޭނެ. ހުކުމާ އެއް ގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވާން ޖެހޭނެ ކަމަށް މި އޮންނަނީ،" މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިމްތިޔާޒު ވިދާޅުވި އެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ކޯޓުގައި މައްސަލަ އަދި ނުފެށިއަސް މިއީ ގާނޫނީ ޝަރުއީ ޖަވާބުތަކެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަން ޔަގީނެވެ.

ކޮމެންޓް (1)

ތެފައާސާ.

18 ފެބްރުއަރީ 2025
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ފުރަތަމަ ނަންބަރުގައި އޮންނަނީ "އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ވުން،" މިހެން.... ހުކުމުގައި ވަކި ގޮތަކަށް ފައިސާ ދައްކަން (ދަރަނި އަދާކުރަން) އޮވެފައި، އެގޮތަކަށް ފައިސާ ނުދެއްކީމާ އެއީ ހުކުމާއި އެއްގޮތަށް ދަރަނި އަދާކުރަމުން ނުދިއުން. ބަހުސަކަށް ދާންޖެހޭވަރުގެ ކަމެއް ނޫން.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް