ވ. ފުލިދޫ ރައްޔިތުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފުލިދޫގައި ގޯތި ނުދެވޭތާ 15 އަހަރު؛ ރައީސް އެދިވަޑައިގެންނެވީ ބިން ހިއްކަން ބޭނުންވާ ނަމަ ސިޓީއަކުން އަންގައިދޭން

ބ. ދޮންފަނު ބިން ހިއްކަން ސަރުކާރުން ނިންމުމާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކާ އެކު އެ މަޝްރޫއު ފަހުން ހުއްޓާލަން ޖެހުމުން، އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެފަދަ ކަމެއް ތަކުރާރުވެދާނެތީ ލިޔުމެއް ބޭނުންވާ ކަމަށް
19 ސެޕްޓެމްބަރު 2025

ވ. ފުލިދޫގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރަށުގައި ބިން ނެތުމުން ގޯތި ނުދެވޭތާ އެތައް އަހަރެއްވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ރަށަށް ބިން އިތުރުކުރަން ވެފައިވާ ވައުދު ފުއްދައިދެވޭނީ ބިން ހިއްކުމާ މެދު ރައްޔިތުންގެ މައްސަލައެއް ނެތްކަން އަންގައި އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު އެ ރަށުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ބ. ދޮންފަނު ބިން ހިއްކަން ސަރުކާރުން ނިންމުމާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކާ އެކު އެ މަޝްރޫއު ވަނީ ހުއްޓާލައިފަ އެވެ. ރައީސް ވިދާޅުވީ ސިޓީއެއް ބޭނުންވަނީ އެފަދަ ކަމެއް ތަކުރާރުވާން ބޭނުންނުވާތީ ކަމަށެވެ.

ތަފްސީލް - ވ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުލިދޫއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާބާދީއަށް ބޭނުންވާ ވަރަށް ބިން ނެތް އެ ރަށުގައި ދިރިއުޅުމުގެ ބޭނުމަށް ބިން ނުދެވޭތާ 15 އަހަރުވެފައިވާ ކަމަށެވެ. އެެހެންވެ، އެ ރަށަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭން ބޭނުންފުޅުވަނީ ބިން އިތުރުކުރުމުގެ މަސައްކަތަށް ކަމަށާއި އެ ރަށަށް 12 ހެކްޓަރުގެ ބިން އިތުރުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި:

  • ވިސްނުން އޮތީ މިއަދު ފެށި ބަނދަރުގެ މަޝްރޫއުގެ ތެރެއިން، ބޯހިޔާވަހިކަމުގެ ބޭނުމަށް 12 ހެކްޓަރުގެ ބިން ހިއްކަން

  • އެކަމަކު އެކަން ކުރުމަށް ރައްޔިތުންގެ މައްސަލައެއް ނެތްކަން ޔަގީންކުރަން ބޭނުންވޭ

  • ބަނދަރު މަޝްރޫއުގެ ތެރެއިން މިއަދު އެ މަސައްކަތް ނުފެށީ އެއީ ހަގީގަތުގައި ވެސް ރައްޔިތުން ބޭނުންވާ ކަމެއްކަން ޔަގީންކޮށްފައި ނޫނީ މަޝްރޫއުގެ ކަންކަން ކުރަން ބޭނުންނުވާތީ 

  • މަޝްރޫއު ފަށާ ފަހުން އެކަން ބޭނުންނުވާ ކަމަށް ރައްޔިތުން ބުނަން ފަށައިފި ނަމަ ދެން އެ މަޝްރޫއު ހުއްޓާލަން އުނދަގޫތަކެއް ކުރިމަތިވާނެ؛ މިފަހުން އެފަދަ ކަމެއް ހިނގާފައިވާތީ އެކަން ތަކުރާރުވާކަށް ބޭނުމެއް ނޫން

  • އެހެންވެ، ބަނދަރުގެ މަޝްރޫއުގައި ބިން ހިއްކުމުގެ ބައި ހިމަނަން ރައްޔިތުން ބޭނުންވާ ނަމަ އެކަން ބަޔާންކޮށް ކައުންސިލުން ސިޓީއަކުން ހުށަހެޅުމަށް ރައީސް އެދިވަޑައިގެންނެވި

  • ރައްޔިތުން އެގޮތް ބޭނުންވާކަން އަންގައި އެފަދަ ސިޓީއެއް ލިބިއްޖެ ނަމަ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ

"އަޅުގަނޑު ބޭނުމެއް ނޫން އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދާއިރު، ދާދި ފަހުން އެހެން ރަށެއްގައި ދިމާވި ފަދަ ގޮތަަކަށް، ފަހުން މަޝްރޫއު ކެންސަލް ކުރަންޖެހި އެކަހަލަ ކަންތައްތަކެއް ވާކަށް،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުން އެދޭ ގޮތް ލިޔެކިޔުމުން ކައުންސިލް މެދުވެރިކޮށް ފޮނުވައިދިނުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. އެއީ މިސާލަކަށް ބަޔަކު ތިބޭފުޅުން ބޭނުންވާ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ އޭރުން އެކަމާ ދެކޮޅަށް ދެކޭނެ ލިޔުމަކަށް އޮންނާނެ [އެ ލިއުން]." 

ވ. ފުލިދޫ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގެ ބައެއް ބައިވެރިން (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވިގޮތުން ފުލިދޫގައި ކުރާ އިތުރު މަސައްކަތްތަކަކީ:

  • އަންނަ އަހަރުގެ މާޗުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބެހެއްޓުން

  • ފުޓްސަލް ދަނޑެއްގެ މަސައްކަތް މި އަހަރު ތެރޭ ފެށުން

  • ގާތްގަނޑަކަށް 20 އެނދުގެ ދެ ބުރި ސިއްހީ މަރުކަޒެއް އެޅުން

  • ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަަސައްކަތް

  • ރަށުގެ ބިން ހިއްކާއިރު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުން

އެނގުން މުހިންމު - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު އިއުލާނުކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބި ރާއްޖޭގެ ޓޫރިޒަމަށް ވެސް ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެ އާންމުންނާއި ތިމާވެއްޓާ ގުޅުން ހުރި ޖަމްއިއްޔާތަކުން ފާޅުކުރަން ފެށި ކަންބޮޑުވުންތަކާ އެކު، އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމާ މެދު ރައީސް ވިދާޅުވެފައިވަނީ، އެ މަޝްރޫއު ފަށަން ނިންމީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ. އެ މަޝްރޫއު ހުއްޓާލަން ނިންމީ، އެކަން މިހާރު ބޭނުންނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ. 

އެކަމަކު އޭގެ ފަހުން:

  • ދޮންފަނު ކައުންސިލުން ބުނީ ރައީސް އެހެން ވިދާޅުވިޔަސް އެ މަޝްރޫއު ހުއްޓާލުމާމެދު ސަރުކާރުން ރައްޔިތުންނާ ވާހަކަ ދައްކާފައިނުވާ ކަމަށް

  • މަޝްރޫއު ހުއްޓާލަން އެދިފައިނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް

  • އެ މަޝްރޫއު އަލުން ފެށުމަށް އެދި މުޒާހަރާ ވެސް ރަށުގައި ކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް