ބްރޯޑްކޮމްގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ ކޮމިޝަން)

ޗެނަލް 13

ޗެނަލް13ގެ ބްރޯޑްކާސްޓު ހުއްޓާލަން އެންގުން އެމްޖޭއޭން ކުށްވެރިކޮށްފި

ޕީއެންއެފްގެ ޖަލްސާ އޮތް ރެއާ އެ ކޮމިޝަންގެ އެންގުމާ ދިމާވީ އިއްތިފާގަކުން ކަމަށް ބްރޯޑްކޮމް އިން ބުނިކަން އެމްޖޭއޭގެ ބަޔާނުގައި ފާހަގަކުރި

ރޭ ވަކި ވަގުތެއްގައި ޗެނަލް13ގެ ބްރޯޑްކާސްޓް ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންގި އެންގުމާ މެދު ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރޭ 8 އިން 9އަށް ޗެނަލް13ގެ ބްރޮޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމް އިން ވަނީ އަންގައިފަ އެވެ. އެގޮތަށް އެންގީ މީގެ 10 ދުވަސް ކުރިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ތަފްސީލް - ބްރޯޑްކޮމްގެ އެންގުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނުގައި، ޖެނުއަރީ މަހު އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް ބަލަން ފެށި މައްސަލައެއްގެ ތަހުގީގު މި މަހުގެ 11 ވަނަ ދުވަހު ނިންމައި 21 ވަނަ ދުވަހުގެ ރޭގެ 8އަށް ޗެނަލް13ގެ ބްރޮޑްކާސްޓް ހުއްޓާލަން އެންގިއިރު، އެ ތާރީހުގައި ބާއްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އެއްވުމެއް އެ ޗެނަލުން ވަގުތުން ދައްކާނެކަން 9 އޮގަސްޓްގައި އިއުލާންކޮށްފައި އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން، އެމްޖޭއޭން ބްރޯޑްކޮމްއާ ސުވާލުކުރުމުން، އެ މައްސަލަ ނިންމިއިރު އެ ޗެނަލުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ދައްކަން ތާވަލްކޮށްފައި އޮތްކަން ކޮމިޝަނަށް ނޭނގޭ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވާ ކަމަށް އެމްޖޭއޭން ބުންޏެވެ.

އެ ޖަލްސާ އޮތް ރެއާ އެ ކޮމިޝަންގެ އެންގުމާ ދިމާވީ އިއްތިފާގަކުން ކަމަށް ބްރޯޑްކޮމް އިން ބުނި ކަމަށާއި ކޮމިޝަނުން އެހެން ބުނި ނަމަވެސް މައްސަލައިގެ ޓައިމްލައިނަށް ބަލާއިރު ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވަލްކޮށްފައި ވަނިކޮށް، އެ ވަގުތާ ދިމާވާ ގޮތަށް އެ ޗެނަލްގެ ބްރޯޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމް އިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލްކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޖޭއޭން ބުންޏެވެ.

މިއީ ޗެނަލެއްގެ ބްރޯޑްކާސްޓް ހުއްޓާލުމަށް މިފަހުން އެ ކޮމިޝަނުން އެންގި ފުރަތަމަ ފަހަރު ކަމަށް ވެސް ބްރޯޑްކޮމް އިން ބުނި ކަމަށް އެމްޖޭއޭން ބުންޏެވެ.

"މިފަހުން އެފަދަ ހަރުކަށި ފިޔަވަޅެއް ޗެނަލެއްގެ މައްޗަށް އަޅަން ކޮމިޝަނުން ނިންމިއިރު، އެކަން ކުރީ ވަކި ހަރަކާތެއް ދެއްކުމަށް ޗެނަލުން ތައްޔާރީތައް ވަމުން ދަނިކޮށް ކަމަށްވާއިރު، އަދި އެކަމަކީ އާންމުކޮށް އެނގެން ހުރި މައުލޫމާތަށް ވާއިރު މިއީ ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތްކަމަށް ފާހަގަވޭ،" ނޫސްވެރިންގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެމްޖޭއޭން ބުނީ:

  • މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަތައް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް ވަކާލާތު ކުރާ ކަމަށް

  • އެފަދަ އިދާރާތަކުން މައްސަލަތައް ބަލަން ޖެހޭނީ ކޮމިޝަނަށް ލިބޭ ޝަކުވާތަކަށް އެކަނި ކަމަށް

  • ސޫމޯޓޯ އުސޫލުން މައްސަލަ ބަލާ ނަމަ އިންސާފުގެ ހަމައިން ބޭރުވެވި ނާޖާއިޒު ނުފޫޒަށް ޖާގަލިބޭ ކަމަށް

  • މި މައްސަލަ ބްރޯޑްކޮމް އިން ބެލުމުގައި ވެސް އާންމުކޮށް ހުޅުވާލައިގެން ދެ ފުއްފެންނަ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން ފާހަގަކުރެވޭތީ ބްރޯޑްކޮމްގެ މި ފިޔަވަޅު އެ ޖަމްއިއްޔާ އިން ކުށްވެރިކުރާ ކަމަށް

އެމްޖޭއޭން ވަނީ، ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްގައި ދެފުށް ފެންނަ އުސޫލަކުން މީޑިއާތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ނުފޫޒުން އެއްކިބާވެ ތިބެ، އިންސާފާއި ހަމަހަމަކަމާ އެކު ބެލުމަށް ބްރޯޑްކޮމްއަށް ގޮވާލައިފަ އެވެ.

ބްރޯޑްކޮމްގެ މި އަމަލުން ވެސް ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓްކުރާ ނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ކުރިމަތިވެދާނޭ ހުރަސްތަކާއި ނުރައްކާތައް އެނގޭ ކަމަށް އެމްޖޭއޭން ބުންޏެވެ.

އެ ޖަމިއްޔާ އިން ވަނީ، މިހާރު މަޖިލީހަށް ވައްދާފައިވާ 'ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލް' އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އެ ބިލު ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދުކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށިދާނެ ކަމަށް ވެސް އެމްޖޭއޭން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް