ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އިން މިރޭ 'ވޭކް އަޕް' ނަމުގައި ބާއްވާ ޖަލްސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ސަލާންކުރައްވަނީ - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޗެނަލް 13

ޔާމީންގެ ޕީއެންއެފްގެ ޖަލްސާ މިރޭ ބާއްވާއިރު ވަކި ވަގުތެއްގައި ބްރޯޑްކާސްޓްނުކުރަން ޗެނަލް 13އަށް ބްރޯޑް ކޮމުން އެންގި

ބްރޯޑްކާސްޓިން ކޮމިޝަނުން މިފަދަ އެންގުމެއް މިރޭ އެންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޖަލްސާ ލައިވްކުރަން އެ ސްޓޭޝަނުން ތައްޔާރުވަމުން ދަނިކޮށް
21 އޯގަސްޓު 2025

ޗެނަލް 13އިން މިދިޔަ ޖެނުއަރީ މަހު ގެނެސްދިން ކޮންޓެންޓަކާ ގުޅިގެން މާފަށް އެދެން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެންގި އެންގުމަށް އަމަލުނުކުރާތީ ކަމަށް ބުނެ އެ ޗެނަލްގެ ބްރޯޑްކާސްޓިން މިރޭ ގަޑިއިރަކަށް މެދުކަނޑާލަން މީގެ 10 ދުވަސް ކުރިން އަންގާފައިވާ ކަން އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީއެންއެފުން މިރޭ ބާއްވަމުން ގެންދާ ބޮޑު ޖަލްސާ ލައިވްކުރަން އެ ސްޓޭޝަނުން ތައްޔާރުވަމުން ދަނިކޮށް ބްރޯޑްކޮމުން ބުނީ މީގެ 10 ދުވަސް ކުރިން އެ ކޮމިޝަނުން އަންގާފައިވަނީ މިރޭ 8އިން 9އަށް ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށެވެ.

ތަފްސީލް - ބްރޯޑްކަމުން މިފަދަ އެންގުމެއްް އެންގީ، ޗެނަލް 13އިން 'އިރާދަން ހަބަރުގެ ބޮޑު ރިޕޯޓް' ގެ ކޮންޓެންޓްތަކާ ގުޅިގެން އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު އެންގި އެންގުމަކަށް އަމަލުނުކޮށްގެނެވެ. އެ ގޮތުން:

  • ޗެނެލް 13ގައި ކުރިން ދެއްކި ކޮންޓެންޓްތަކުގައި މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިގެންދާ ފަދަ މަންޒަރާއި ބަސް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެފައިވޭ

  • މި މައްސަލާގައި ޗެނަލް 13އިން ޖަވާބުދާރީއެއްނުވޭ. މާފަށް އެދި ބަޔާނެއް ނެރެން ކޮމިޝަނުން 6 ޖުލައިގައި އަންގާފައި އޮތް

ބްރޯޑްކޮމުން މިރޭ ބުނީ އެ އެންގުމަށް އަމަލުނުކުރާތީ، މިރޭގެ ޕްރޮގްރާމް ޝެޑިއުލް ގަޑިއިރިކަށް މެދުކަނޑާލަން އެންގީ ބްރޯޑްކާސްޓިން ގާނޫނުން އެ ކޮމިޝަނަށް ލިބިދޭ އިހުތިޔާރެއްގެ ދަށުން ކަމަށެވެ.

ބްރޯޑްކޮމުން ހަލާވާދީފައިވާ ގާނޫނުގެ މާއްދާގައި އޮންނާނީ:

  • ބްރޯޑްކާސްޓިން ހިދުމަތުގެ ލައިސެންސް ދޫކޮށްފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާ ނަމަ ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ އެންގުމަކަށް އަމަލުނުކުރާ ނަމަ، ވަކި ވަގުތަކަށް ބްރޯޑްކާސްޓްކުރުން މެދުކަނޑާލަން އެންގޭނެ ކަމަށް

  • ދެން ވެސް ތަކުރާރުކޮށް އެންގުމަށް އަމަލުކުރަމުން ނުދާ ނަމަ ކޯޓަށް ހުށަހަޅައިގެން ކޯޓުން ނިންމާ ގޮތެއްގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ބާތިލްކުރެވިދާނެ ކަމަށް

ބްރޯޑްކޮމުން ދެން ބުނެފައިވަނީ އެ ކޮމިޝަނުގެ ޒިންމާ އަދާކުރުމަށް ހުރަސްއަޅާ ނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ވީމާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅާ ކަމަށް މި ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެ ބްރޯޑްކާސްޓަރަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ބްރޯޑްކޮމުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް