ބޮޑުފުޅަދޫ އަށް ރައީސް މިއަދު ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރައްޔިތުން ނިކުމެފައި(ފޮޓޯ/ރައީސް އޮފީސް)

ރައީސް ބޮޑުފުޅަދޫއަށް ވަޑައިގަތުމުން ކައުންސިލުން އެދުނީ ކައުންސިލުތަކަށް ދަތިނުކުރަން

ޖެހިޖެހިގެން ތިން އަހަރު އެންމެ ރަނގަޅު ކައުންސިލުގެ އެވޯޑު ވެސް ހޯދާފައިވާ ބޮޑުފުޅަދޫގެ ކައުންސިލުގެ ރައީސް ވިދާޅުވީ ވަކި ބަޔަކު ކުރާ ކަމެއްގެ ސަބަބުން މުޅި ނިޒާމު ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް

ރައީސް މުހައްމަދު މުއިއްޒު އއ. ބޮޑުފުޅަދޫއަށް ވަޑައިގަތުމުން، ކައުންސިލުތަކަށް ދަތިނުކުރުމަށާއި އަތޮޅު ކައުންސިލު އުވާނުލުމަށް އެ ރަށު ކައުންސިލުން މިއަދު ރައީސް އަރިހުގައި އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް އެދިވަޑައިގަތީ އއ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުފުޅަދޫއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ރަށު ކައުންސިލުގެ ރައީސް ޝުޖާއު އާދަމް އެވެ.

އެގޮތުން، އެ ބައްދަލުވުމުގައި:

  • ލާމަރުކަޒީ ގާނޫނަށް މިފަހުން ސަރުކާރުން ގެނައި އަދި ގެންނަން ނިންމާފައި އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އޭނާ ވާހަކަދެއްކެވި

  • ކައުންސިލަރުންގެ އަދަދު މަދުކުރުމަށާއި އަތޮޅު ކައުންސިލު އުވާލުމަށް ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމާ އިތުރަށް ވިސްނާވަޑައިގަތުމަށް އޭނާ އެދިވަޑައިގަތް

މަދު ކައުންސިލަކުން ކައުންސިލު ހިންގުން ނޫނީ ކައުންސިލް ނުހިނގާ ގޮތަށް ކަންކަން ބައްޓަންކުރެވިފައި އޮތުމަކީ މުޅި ނިޒާމަށް އަޅުގަނޑުމެން ބަދަލު ގެންނަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.

އާދަމް ޝުޖާއު / ކައުންސިލުގެ ރައީސް

ބުނީ ކީކޭ؟ - ޖެހިޖެހިގެން ތިން އަހަރު އެންމެ ރަނގަޅު ކައުންސިލުގެ އެވޯޑު ވެސް ހޯދާފައިވާ ބޮޑުފުޅަދޫގެ ކައުންސިލުގެ ފަރާތުން އެ ޖަލްސާގައި ވާހަަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ވަކި ބަޔަކު ކުރާ ކަމެއްގެ ސަބަބުން މުޅި ނިޒާމު ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް މިފަހުން މި ގެނެވުނު ބަދަލުން އަޅުގަނޑުމެންނަށް ހަމަ ފުދޭ ވަރަކަށް ދަތިވާ ގޮތަށް އޮތީ... އެހެންވީމާ ވަރަށް ބޮޑަށް އަޅުގަނޑު ރައީސްގެ ކިބައިން އެދެން އެންމެ ފަހުން މި ގެނެވުނު ބަދަލާ މެދު އިތުރަށް ވިސްނާ ކައުންސިލުތަކަށް ފަސޭހަވާނެ ގޮތަކަށް މިކަން ކޮށްދިނުން،" ޝުޖާއު ވިދާޅުވި އެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ކައުންސިލުގެ ރައީސްކަން ކުރައްވާ ޝުޖާއު ވިދާޅުވީ:

  • ލާމަރުކަޒީ ނިޒާމަށް މިފަހުން ގެނައި ބަދަލުގައި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް އޮތް ބާރު ހަނިކޮށްފައިވާތީ އެކަމުގެ ދަތިކަން ކައުންސިލަށް ކުރިމަތިވާނެ

  • ކައުންސިލުތަކުގެ އިދާރީ އޮނިގަނޑަކީ ސިވިލް ސާވިސްއަށް ހުށަހަޅައިގެން މިހާރު ވެސް ފާސްކުރާ އެއްޗެއް

  • މުވައްޒަފުން ނަގަނީ އެ އިދާރީ އޮނިގަނޑުގެ ތެރެއިން އެ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓު ތަންދޭ މިންވަރަކަށް

  • ލާމަރުކަޒީ ނިޒާމު ފެށުނީންސުރެ ކައުންސިލުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެއްގެ ހައިސިއްޔަތުން ކައުންސިލުގައި ތިބޭ މެމްބަރުން މަދުވުމުން ވާނެ ދަތި ހުރީ ތަޖުރިބާކުރެވިފައި

  • ތިން މެމްބަރުން ކައުންސިލް ހިންގުމަކީ ވަަރަށް ދަތިކަމެއް؛ އޭގެ ތެރެއިން މީހަކު ޗުއްޓީއެއްގައި ހުންނަ ހާލަތުގައި ވެސް ކައުންސިލް ހިންގުމަށް ބުރޫ އަރާނެ

  • އެފަދަ ސަބަބުތަކާ ހުރެ ފަސް މެމްބަރުންގެ ކައުންސިލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް

"އަޅުގަނޑު ހަމަ ރައީސްގެ އަރިހު އެދެން އަޅުގަނޑުމެން ކައުންސިލުތަކުން މިދައްކާ ވާހަކަ ރައީސް ވިސްނަވާ މިކަމާމެދު އިތުރަށް ވިސްނުންފުޅު ބެހެއްޓެވުން،" ޝުޖާއު ވިދާޅުވި އެވެ.

ބޮޑުފުޅަދޫ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލުގެ ރައީސް ޝުޖާއު އާދަމް ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އަތޮޅު ކައުންސިލުތައް އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ޝުޖާއު ވިދާޅުވީ އަތޮޅު ކައުންސިލުތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެތަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އަތޮޅުގެ ތަރައްގީއަށް ބޭނުންވާނެ ގިނަ ކަންކަން ކުރަނީ އަތޮޅު ކައުންސިލުތަކުން

  • ރަށު ލެވެލްގައި ހިންގާ މުހިންމު މަސައްކަތްތައް ވެސް އަތޮޅު ކައުންސިލުތަކުން ކުރޭ

  • އަތޮޅު ކައުންސިލުގެ އެހީގައި ގައުމީ ފެންވަރުގެ ކުދިންނާއި މީހުން ބިނާކުރޭ

"މަދު ކައުންސިލަކުން ކައުންސިލު ހިންގުން ނޫނީ ކައުންސިލް ނުހިނގާގޮތައް ކަންކަން ބައްޓަންކުރެވިފައި އޮތުމަކީ މުޅި ނިޒާމަށް އަޅުގަނޑުމެން ބަދަލުގެންނަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޝުޖާއު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ރައީސްގެ އަރިހުން ވަރަށް ބޮޑަށް އެދެން އަތޮޅު ކައުންސިލާމެދު ވެސް ހަމަ ވަރަށް ބޮޑަށް ވިސްނާވަޑައިގަތުމަށް."

މަދު ކައުންސިލުތަކަކުން ކުރާ ކަންކަމުގެ ސަބަބުން އެހެން ހުރިހާ ކައުންސިލުތަކަށް ދަތިވާނެ ގޮތަކަށް މުޅި ނިޒާމު ބަދަލުކޮށްލުމުގެ ބަދަލުގައި އިހުމާލުވާ ކައުންސިލުތަކާމެދު ފިޔަވަޅު އަޅައި ގާތުން ކައުންސިލުތަކުގެ މަސައްކަތްތައް ބެލުން ހަރުދަނާކުރުމަށް ޝުޖާއު އެދިވަޑައިގަތެވެ.

ޝުޖާއު ވިދާޅުވީ ރާއްޖެ ތަރައްގީކުރެވޭނީ އުފެދިފައިވާ ތަބީއަތުގައި ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ މާނާގައި ހިންގައިގެން ކަމަށެވެ. އެކަން ރައީސް މުއިއްޒު ގަބޫލުކުރައްވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ކައުންސިލުތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދެވުމަކީ އެމަގުން ކުރެއްވި ރަނގަޅު ކަމެއް 

  • އެ މިނިސްޓްރީން ރެއާ ދުވާލު ކައުންސިލުތަކާއެކު އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާ 

  • އެއީ މާލެއަށް ކައުންސިލުތަކުން ގޮސްގެން ކަންކަން ކުރަންޖެހުން ނިމުމަކަށް ގެނެވި ކަމެއް

އެކަމަށްޓަކައި ރައީސް އާއި ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. 

ބޮޑުފުޅަދޫ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރި އެވެ. ބައެއް ކައުންސިލްތަކުންނާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އެ ބިލު ރައީސް މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފައިވާއިރު، މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ވެސް އެ އިސްލާހުގެ ދިފާއުގައި ރައީސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލަރުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ އެކު ވެސް، އެ ނިޒާމަށް ކުރިއަށް އޮތް ތަނުގައި ވެސް ބަދަލު ގެންނާނެ ކަމަށް ރައީސް ރޭ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅު ކައުންސިލަކީ ވެސް "އެއްވެސް ބޭނުމެއް އޮތް ތަނެއް ނޫން" ކަމަށް ސިފަކުރައްވާ ރައީސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އަތޮޅު ކައުންސިލު އުވާލުމުގެ އިސްލާހުގެ އިތުރުން، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ހުށަހަޅާ އިސްލާހު ވެސް ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު، އަތޮޅު ކައުންސިލް ހޮވަން ވޯޓުލާކަށް ނުޖެހޭނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

20 އޯގަސްޓު 2025
އެހެން ރައީސް ކައިރީ ރައްޔިތުންނަށް ކަންކަމު އެދެވޭތަ؟ ރައީސަކީ ނުހަނު އިއްޒަތްތެރި މާތް މަތީ ބޭފުޅެއް. ރައްޔިތުންނަކީ ރައްޔިތުން. ރައީސް ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ހިތުލައި ނުވަތަ އިއުލާން ކުރީމާ ރައްޔިތުންނަށް އޮންނާނީ އެކަމަކާ ރުހި ގަބޫލުވެގެން ތިބުން. އެކަމަކާއި އިދިކޮޅު ހަދައި ރައީސް ކައިރީ އެކަމެއް ބަދަލުކުރަން އެދި އެހެން އުޅެވިގެން ނުވާނެ. ބޭންކު ބަގާވާތްފަދަ ސީރިއަސް މައްސަލައެއްގެ ގޮތަށް މިކަންވެސް ބަލަން ޖެހޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް