ރޭ މަތިވެރީގައީ ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
މަޖިލިސް ހުޅުވުމުން އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީ އިސްލާހު ކުރަނީ
އިއްޔެ ޗުއްޓީއަށް ދިޔަ މަޖިލީހުގެ މި އަހަރު ފަހު ދައުރުގައި އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކޮށް، އަތޮޅު ކައުންސިލް އުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. މި ދެ ބަދަލާ ގުޅޭ ގޮތުން ރައީސް ފަހުގެ ތަފްސީލެއް ދެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރީގައި ރޭ ބެއްވި ޖަލްސާގަ އެވެ.
ތަފްސީލު - ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރި އެވެ. ބައެއް ކައުންސިލްތަކުންނާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އެ ބިލު ރައީސް މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފައިވާއިރު، ރޭ ވެސް ރައީސް ވަނީ އެ އިސްލާހުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަށް މި ގެންނަ ބަދަލުތަކަކީ ކައުންސިލްތައް ޒިންމާދާރުކަމާ އެކު މަސައްކަތްކޮށް، މި ނިޒާމު އިތުރަށް ވަރުގަދަ ކުރުމެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު އިސްލާހުތައް ގާނޫނަށް ގެންނާނަން، ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަ ކުރުމަށް. ސީދާ ރައްޔިތުންނަށް ފަށަލަތައް ނެތި، ބާރު ދިނުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެގޮތަށް އޮތް އެއް "ފަށަލައަކީ އަތޮޅު ކައުންސިލް" އެވެ.
"އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން، އެއްވެސް ބޭނުމެއް އޮތް އެއްްޗެއް ނޫން،" އެ ވާހަކައަށް ކޮންމެ ރަށެއްގެ ކައުންސިލަކުން ވެސް ހެކިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލް އުފެއްދީ ސީދާ ގާނޫނުއަސާސީގައި ލިޔެގެންނެވެ. އެހެންވެ، އެ ކައުންސިލްތައް އުވާލާ ނަމަ، ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭނެ އެވެ. ގާނޫނުއަސާސީއަށް ހުށަހަޅަން ޖެހޭ އެ އިސްލާހު ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާއިރު، އަތޮޅު ކައުންސިލް ހޮވާކަށް ވޯޓުލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލް އުވާލުމުގެ ބޭނުމަކީ ވެސް ރައްޔިތުން އިތުރަށް ބާރުވެރިކުރުވުން ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
-
އަތޮޅު ކައުންސިލް އުވާލުމުން، ރަށު ކައުންސިލްތަކުން ދެން މަސައްކަތް ކުރާނީ ކަމާ ގުޅުން ހުރި އިދާރާތަކާ ސީދާ ގުޅިގެން؛ މެދުގައި އިތުރު ފަށަލައެއް ދެން ނޯންނާނެ
-
ސަރުކާރުން މަސައްކަތް ކުރަނީ "ވަރަށް އިހުލާސްތެރިކަމާ އެކު، ރައްޔިތުންގެ ފަޅީގައި އޮވެގެން، ރައްޔިތުން ބާރުވެރިކުރުމަށް"
އަތޮޅު ކައުންސިލު އުވާލުމުގެ އިސްލާހުގެ އިތުރުން، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ހުށަހަޅާ އިސްލާހު ވެސް މަޖިލިސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް ރޭ ރައީސް ވިދާޅުވި އެވެ. އެ އިސްލާހާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ:
-
2،000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްތަކުގައި ފަސް ކައުންސިލަރުންގެ ބަދަލުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށް
-
2،000 މީހުންނަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގައި ހަތް ކައުންސިލަރުންގެ ބަދަލުގައި ތިބޭނީ ފަސް ކަންސިލަރުން
-
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑައިބްލިއުޑީސީ) ވެސް އެ އަދަދަށް ކުޑަކުރާނެ؛ އެ ކޮމިޓީގެ ރައީސަކީ ރައްޔިތުންގެ ވޯޓުން ހޮވާ ފުލްޓައިމް މުސާރަ ލިބޭ މެންބަރަކަށް ވާނެ
"ނަމަވެސް ސިޓީ ކައުންސިލް މިއަށް އެޕްލައި ނުވާނެ [އިސްތިސްނާ ވާނެ]. ގާތްގަނޑަކަށް މިހާރު މި އޮތް ނިޒާމް އޮންނާނީ. ބައެއް ސިޓީތަކަށް ބައެއް ކުދިކުދި ބަދަލު އަތުވެދާނެ،" ރައީސް އިތުރަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން އުޅެނީ އަތޮޅު ކައުންސިލް އުވާލައި "އަތޮޅުވެރިން" އައްޔަން ކުރާ ނިޒާމަކަށް މި ނިޒާމް ބަދަލު ކުރުމަށެވެ. ނަމަވެސް ރޭގެ ޖަލްސާގައި އެފަދަ ބަޔަކު އައްޔަން ކުރާ ވާހަކައެއް ރައީސް ނުދައްކަވަ އެވެ.
ކޮމެންޓް (3)
ދުރުމި
ދުރުމި
ރަސްކޮ