މަތިވެރި އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުން (ފޮޓޯ/ރައީސް އޮފީސް)
މަތިވެރި އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއަށް
އއ. މަތިވެރީގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކޮށް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ މަތިވެރި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެއާޕޯޓު މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
އެމްއޭސީއެލްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު
-
ފިނޭންސް މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު ހުސެން އިމްރާން އަބްދުލް މުހައިމިން
ތަފްސީލް - މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމަށް އިންވެސްޓު ކުރާނީ އެމްއޭސީއެލް އިންނެވެ.
މީގެ އިތުރުން:
-
އެއާޕޯޓު ޑިޒައިންކޮށް، ތަރައްގީކޮށް އޮޕަރޭޓު ކުރާނީ ވެސް އެ ކުންފުނިން
-
އެއާޕޯޓު ތަރައްގީ ކުރަން ބޭނުންވާ ބިމާއި މަތިވެރި ރައްޔިތުންނަށް ބޭނުންވާ ބިން ހިމެނޭހެން 26.5 ހެކްޓަރު ހިއްކާނެ
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަތިވެރީގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ އެ މަނިކުފާނުގެ ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.
މި އެއާޕޯޓަކީ %100 ފުރިހަމައަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް ކަމަށާއި އެއާޕޯޓުގެ ސަބަބުން މަތިވެރިއަށާއި މުޅި އަތޮޅަށް އަދި ޖުމުލަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ފައިދާ ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މަތިވެރި އެއާޕޯޓް މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވާނެކަމުގެ ޔަގީންކަން ވެސް މަތިވެރި ރައްޔިތުންނަށް ރޭ ދެއްވައިފައެވެ.
މިއަދު ހެނދުނު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފާހަގަ ކުރެވޭ - އއ. މަތިވެރީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ މެއި މަހު އިއުލާނު ކުރި އެވެ.