ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

ރަށްތަކުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ލާޒިމް ކުރާ މުއްދަތު 2027އަށް ދަންމާލަން ފާސްކޮށްފި

އެމްޑީޕީ ސަރުކާރުގައި އަލަށް ވުޖޫދު ކުރި ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ލާޒިމްކޮށްފައިވާ މުއްދަތު މިދިޔަ އަންގާރައަށް ވަނީ ހަމަވެފައި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވެ، އެ މުއްދަތު 2027އަށް ދަންމާލަން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު 22ގައި ސަރުކާރުގެ ފަރާތުން ފެނާއި ނަރުދަމާގެ ގާނޫނަށް މި އިސްލާހު މަޖިލިހަށް ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލު ދިރާސާ ކުރި އެންވަޔަރަމަންޓް ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅާފަ އެވެ. ކޮމީޓީން މި ބިލަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ތަފްސީލު - ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނީ 61 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑިޕީގެ ހަތް މެންބަރުންނެވެ.

މި ބިލުގައި އެންމެ ބޮޑު ބަދަލަކަށް އޮތީ ގާނޫނުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ދީފައިވާ ސުންގަޑި އިތުރު ދެ އަހަރެއްހާ ދުވަހަށް ދަންމާލުމެވެ. އެގޮތުން:

  • ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޮގަސްޓް 2020ގައި އަލަށް ތަސްދީގު ކުރި މި ގާނޫނުގައިވާ ގޮތުން، ގާނޫނަށް ކުރަން ފަށާތާ ފަސް އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއް އެންވަޔަރަމަންޓް މިނިސްޓްރީން ގާއިމް ކުރަން ވާނެ

  • އެ ސުންގަޑި މިދިޔަ އަންގާރަ ދުވަހަށް ވަނީ ހަމަވެފައި

ސަރުކާރުން ހުށަހެޅި އިސްލާހުގައި އޮތީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރަން 2027ގެ ނިޔަލަށް ލާޒިމްވާ ގޮތަށް ހެދުމަށެވެ. އެހެންކަމުން، މި އިސްލާހާ އެކު ނުނިމި ހުރި ރަށްތަކުގެ ފެނާއި ނަރުދަމާ ނިންމަން އިތުރު ދެ އަހަރާއި ފަސް މަސް ލިބޭނެ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވި ދިއްދޫ ދާއިރާގެ މެންބަރު ލަތީފް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

މި ގާނޫނުގެ 8 ވަނަ މާއްދާގެ (ފ)ގައިވާ ގޮތުން އާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެން ތަހުލީލު ކުރާ ލެބޯޓަރީތައް ގާއިމްކުރުމަކީ ވެސް އެންވަޔަމަންޓް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ނަމަވެސް މި ބިލުގައި ގާނޫނުން އެ އަކުރު އުނިކުރިމަށް ހިމަނާފައިވެ އެވެ.

އިތުރު ޖޫރިމަނާތަކެއް

މި ބިލުން ދެން ގެންނަ ބޮޑު ބަދަލަކީ، މިހާރު ގާނޫނުގައި ޖޫރިމަނާ ކަނޑައަޅާފައި ނުވާ ބައެއް އަދަބުތަކަށް ޖޫރިމަނާ ކުރާނެ އަދަދުތައް ކަނޑައެޅުމެވެ. އެގޮތުން:

  • ބިމުގެ ފެންފަށަލަ ތަގައްޔަރުވާ ފަދަ އަމަލެއްކޮށްފި ނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ 100،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން

  • މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެހެން ނަމަވެސް ވަކި އަދަބެއް ބަޔާންކޮށްފައި ނުވާ ކަމެއްގެ އަދަބަކީ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 5،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން

މި އިސްލާހުތަކަށް އަމަލު ކުރަން ފަށަން އޮތީ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

ގުޅުން ހުރި - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 2018ގައި ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ ވައުދާ އެކު އެވެ. އެ ވައުދު 2023ގައި ފުއްދަވާނެ ކަމަށް އެ މަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ވިދާޅުވެފައިވެ އެވެ.

އެ ވައުދު ފުއްދުމަށްޓަކައި ގިނަ ރަށްތަކެއްގެ އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް، ވެރިކަން ނިމިގެން ދިޔައީ އެ ވައުދު ނުފުއްދި އެވެ. އަދި ބައެއް ރަށްތަކުގެ މަޝްރޫއޫތައް ވެސް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި އެ ސަރުކާރުން ދެއްކީ ކޮވިޑްގެ ބަލިމަޑުކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް