އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
ސާފު ބޯފެނާއި ނަރުދަމާ ގާއިމުކުރުމުގެ ވައުދު 2023ގައި ފުއްދޭނެ: ރައީސް ސޯލިހު
މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ރަށަކަށް ސާފު ބޯފެން ފޯރުކޮށްދީ، ނަރުދަމާގެ ނިޒާމު ގާއިމުކޮށްދިނުމުގެ ވައުދު، އަންނަ 2023 ވަނަ އަހަރު ފުއްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސްގައި ހާއްސަ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ.
އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުކުރެވި ހުރި ރަށްރަށުގައި އެ ކަމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ރައީސްގެ ބަސް - އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައްދު ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ އެ ކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ވަރަށް ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން %70 ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ނެތް ކަމަށެވެ.
"އޭރު ސާފު ބޯފެނުގެ ހިދުމަތް ލިބެން ހުރީ އެންމެ 34 ރަށުގައި. ނަރުދަމާ ނިޒާމު ގާއިމުކޮށްފައި އޮތީ އެންމެ 66 ރަށުގައި،" ރައީސް ވިދާޅުވި އެވެ.
ތަފްސީލު - ފެނާއި ނަރުދަމާގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާ އިރު، ބައެއް މަޝްރޫއުތައް ހިންގަނީ އެމްޑަބްލިއުއެސްސީންނެވެ. ރައީސް ވިދާޅުވީ މިއީ އެމްޑަބްލިއުއެސްސީގެ 27 އަހަރުގެ ހަޔާތުގައި ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެންމެ ގިނައިން ހިންގާ އަހަރު ކަމަށެވެ.
"އެފަދަ މަޝްރޫއުތަކެއް މިހާރު ވެސް ރާއްޖޭގެ 31 ރަށެއްގައި މި ކުންފުނިން [އެމްޑަބްލިޔުއެސްސީން] ހިންގަމުން އެބަދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެ 31 ރަށުގެ މަޝްރޫއުތައް ވެސް، އިރާދަކުރެއްވިއްޔާ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުރިހަމަކޮށް ނިންމުމަކީ އަޅުގަނޑުމެންގެ އަމާޒެއް."
އެ މަޝްރޫއުތައް ނިމުމުން އަންނަ ބަދަލުތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވެވި ބަދަލުތަކަކީ:
-
ނަޖިހުން ތަގައްޔަރު ނުވާ ފެނުން ސާފުތާހިރުވުމުގެ ފުރުސަތު ލިބުމާ އެކު އާންމުންގެ ސިއްހީ ދުޅަހެޔޮކަމަށް އަންނާނެ ބަދަލު
-
ބަލިތަކު ން ދިފާއުކޮށްދޭނެ
-
ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ހައްލެއް
މަޝްރޫއުތައް ނިމުމުން ފެށޭނީ ތަރައްގީގެ އާ ފިޔަވައްސެއް
ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިމި، ދެން އަންނަ ބަދަލުތަކާ އެކު ރާއްޖެ ކުރިމަތިލާނީ ތަރައްގީގެ މުޅިން އާ ފިޔަވައްސަކާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރަމުން އަންނަ ބޮޑެތި ހަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރާކަށް ނުޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވިދާޅުވީ އެ މަޝްރޫއުތަކަށް ބަޖެޓު ކުރި ފައިސާ، ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހަމަޖެއްސޭނެ ކަމަށެވެ.
"މިދެންނެވީ ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތްތަކާ ގުޅިފައިވާ މަޝްރޫއުތައް، މިހާރަށް ވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ވާހަކަ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ސިއްހީ ކަންކަމަށާއި ތައުލީމީ ދާއިރާގެ ތަރައްގީއަށާއި ލުއިފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ދައުލަތުގެ ބަޖެޓުން އިތުރު ހަރަދުތައް ކުރެވޭނެ،"
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމްޑަބްލިއުއެސްސީން ހިދުމަތްތައް ދެމުން އަންނަނީ ރައްޔިތުން ބަލައިގަންނަ އަދި ހިތްހަމަޖެހޭ ފަދަ ގޮތަކަށް ކަން ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، މިފަދަ އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް އިލްތިމާސް ކުރެއްވި އެވެ.
"ކަރަންޓާއި ބޯފެނާއި ނަރުދަމާ ފަދަ ހިދުމަތްތަކަށް ބުރޫ އެރުމަކީ އާންމު ދިރިއުޅުމުގެ ކަންކަމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމެއް."
އެނގުން މުހިންމު - އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި އެކި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެކި ދާއިރާތަކުން މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ސްޕެޝަލް ރިކޮގްނިޝަން އެވޯޑު
-
މޮސްޓް ޕްރޮމިސިން އެމްޕްލޯއީ އެވޯޑު
-
މޮސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ އެވޯޑު
-
އެމްޕްލޯއީ ފޮ ޓީމްވޯކް އެވޯޑު
-
އެކްސްޕެޓްރިއޭޓް އެމްޕްލޯއީ އޮފް ދި އިޔާ އެވޯޑު
-
އެގްޒެކެޓިވް މެނޭޖްމަންޓް ޓީމްގެ ސްޕެޝަލް ރިކޮގްނިޝަން އެވޯޑު
-
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އެވޯޑް ފޮ އެކްސެޕްޝަނަލް ކޮލިޓީ މެނޭޖްމަންޓް
-
މެނޭޖިން ޑިރެކްޓާސް އެވޯޑު
-
ޔުނީކް ޕާފޯމާސް އެވޯޑު
-
ޗެއާމަންސް އެވޯޑް ފޮ އެކްސެލެންސް