އެމްޑީޕީގެ ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަވަނީ. (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީގެ ސަރުކާރެއްގައި ކައުންސިލުތަކަށް އިތުރު ބާރުތައް ދޭނަން: ފައްޔާޒު

ކައުންސިލުތަކުގެ މާލީ ބާރު ހަނިވާ ގޮތަށް ލޯކަލް ކައުންްސިލުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފައި

ކައުންސިލުތަކުގެ މާލީ ބާރު ހަނިވާ ގޮތަށް ލޯކަލް ކައުންްސިލުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް އިދިކޮޅު އެމްޑީޕީން ރައީސް މުހައްމަދު މުއިއްޒަށް ރޭ ގޮވާލާފައިވާއިރު، އެ ބިލު ތަސްދީގުކުރެއްވިޔަސް އެމްޑީޕީގެ ސަރުކާރެއްގައި އެކަން ބަދަލުކޮށް، ކައުންސިލުތައް އިތުރު ބާރުތައް ދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުުވުމުގައި ފައްޔާޒު ވިދާޅުވީ މަޖިލީހުން އިއްޔެ ފާސްކުރި އެ ބިލާ މެދު 156 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ތަފްސީލް - ފައްޔާޒު ވިދާޅުވީ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިޔައީ އަވަސް އަރުވާލައިގެން، މާ ބޮޑު ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ރައީސްގެ އެންގެވުމާއި އިރުޝާދުގެ މަތިންކަން އެކަން މަޖިލީހުގައި އެ ވެގެން ދިޔައީ ބާރު ސްޕީޑުގައި،" ފައްޔާޒު ވިދާޅުވި އެވެ.

އެ ބިލު ތަސްދީގު ނުކުރެއްވުމަށް ފައްޔާޒު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.

"ގައުމަށްޓަކާ، ރައީސް މުއިއްޒަށް އަޅުގަނޑު ގޮވާލަން [ބިލު] ތަސްދީގު ނުކުރައްވާށޭ. އަލުން ވިސްނަވާށޭ. ތިކަން ހުއްޓާލައްވާށޭ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލު ތަސްދީގުކޮށް ގާނޫނަކަށް ހެދި ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި އެކަން ބަދަލުކޮށް، މިހާރަށް ވުރެ ގިނަ ބާރުތައް ކައުންސިލްތަކަށް ދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެނގުން މުހިއްމު - އިއްޔެ ފާސްކުރި ބިލާ އެކު ގާނޫނަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން

  • ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން

  • ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.

ސަރުކާރުގެ ފަރާތުން އެ ހުއްދަ ދޭނީ، ބިލުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް