ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ފޮޓޯ/ މަޖިލީސް)

ކޮރަޕްޝަން

އޭސީސީން ބުނީ މިދިޔަ އަހަރުން ފެށިގެން ޝުޖާއުގެ މައްސަލަ އިސް ނަގައިގެން ބަލަމުންދާ ކަމަށް

މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މުއާމަލާތްތަކުގެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މުއާމަލާތްތަކުގެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ. 

ވީކިހިނެއް؟ - މި ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޝުޖާއުގެ ކުންފުނިތަކަކަށް ނަހަމަ ފައިދާތަކެއް ހޯދާފައިވާކަން ފާހަގަކޮށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ން ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ.

މިދިޔަ އަހަރު ތައްޔާރުކުރި އެ ރިޕޯޓް މި ފަހުން ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ 'ހަސަން ކުރުސީ' އެކައުންޓުންނެވެ.

ބުނީ ކީކޭ؟ - އޭސީސީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އެ ކޮމިޝަނުގެ ސަމާލުކަމަށް ރިޕޯޓް ލިބުނު އިރުން ފެށިގެން، ކޮމިޝަނުގެ އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލަ ބަލަމުންދާ ކަމަށެވެ.

"މިދިޔަ އަހަރުގެ ފަޅުކޮޅުން ފެށިގެން އެ މައްސަލަ ކޮމިޝަނުން އިސް ނަގައިގެން އަންނަނީ ތަހުގީގު ކުރަމުން،" އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައި އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ތަފްސީލް - ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެފްޔޫއައިގެ ރިޕޯޓާ ގުޅޭ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ބުނެފައިވާއިރު، ޝުޖާއު ވަނީ އެ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ރިޕޯޓް ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ  ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.

އޭގެ ތެެރޭގައި ހިމެނެނީ:

  • އޮފިޝަލް އިވެންޓްސް

  • ސްވޯން ފެމިލީ

  • ސްޓޯ ޕްރޯސް ޓްރޭޑިން

  • ކުއިކް ޝުއާ

  • ޑީކިއު ހޯލްޑިންސް

އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:

  • ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން

  • އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް

  • ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި

  • ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި

  • އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ

  • އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ

ގުޅުންހުރި ކަމެއް - އެ ރިޕޯޓު އާންމުވެފައިވަނިކޮށް އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓް (4)

ލޯބޭ

4 އޯގަސްޓު 2025
IS THIS , SAY NO TO CORRUPTION ?? HAHAHA . JOKE !!!!
1 0

އަދިމާއަވަސް

4 އޯގަސްޓު 2025
އޭސީސީގެ ސަމާލުކަމަށް ކަމެއް މިއަންނަނީވެސް "ރަށްގޮވަންފެށީމަ" ދޯ؟ އެހެންވީމާ އެފަރާތްތަކަށް މުސާރަދޭންވީ ވެސް އަތްމަތިދަތިވެ ނާށިގަޑުހިފައިގެން ނުކުތީމާ ދެން ތާ.
1 0

ޙަޤީޤަތް

4 އޯގަސްޓު 2025
ކުރުސީއަށް ގައުމު ގުޑަނީ.. އެއް އަހަރު ފަހުން ތިޔަ މައްސަލަ ލީކު ވީމައި ފުލުހުން ބަލާ ވާހަކަވެސް ބުނަން އެނގުނީ.. ސުޖާއު އާއި ސުވާލު ކުރަން ފުލުހަށް ގެންދަން ނުކެރޭނެ ދިވެހި ފުލުހުންނަށް. ޖެމް.ކިޔު އަޑީގަވެސް ހުރީ އޭނާ.
4 0

ތަފީތް

4 އޯގަސްޓު 2025
މައްސަލަ ބަލަނީތަ ނޫނީ ބަލަހައްޓައިގެން ތިބީތަ؟ ވަރަށް ތަފާތު ދެކަމެއް މިއީ.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް