ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު. (ފޮޓޯ/މަޖިލިސް)

މައްސަލަ ބަލަނިކޮށް ޝުޖާއު މާލިއްޔަތު ކޮމެޓީން ވަކިކޮށްފި

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ން ތައްޔާރުކުރި ރިޕޯޓާ ގުޅޭ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ން ތައްޔާރުކުރި ރިޕޯޓާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން އަންނަނިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ، މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން އިއުލާނު ކުރައްވައިފަ އެވެ.

ތަފްސީލް  - މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށް، ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމެޓީއަށް ޕީއެންސީ ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ޝުޖާއު ހަމަޖެއްސިކަން ވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ޝުޖާއަކީ ޕީއެންސީގެ ނައިބު ރައީސްގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިޔުޓީ ލީޑަރު ވެސްމެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެފްޔޫއައިގެ ރިޕޯޓާ ގުޅޭ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ބުނެފައިވާއިރު، ޝުޖާއު ވަނީ އެ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ  ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.

އޭގެ ތެެރޭގައި ހިމެނެނީ:

  • އޮފިޝަލް އިވެންޓްސް

  • ސްވޯން ފެމިލީ

  • ސްޓޯ ޕްރޯސް ޓްރޭޑިން

  • ކުއިކް ޝުއާ

  • ޑީކިއު ހޯލްޑިންސް

އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:

  • ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން

  • އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް

  • ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި

  • ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި

  • އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ

  • އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ

ގުޅުންހުރި ކަމެއް - އެ ރިޕޯޓު އާންމުވެފައިވަނިކޮށް އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓް (4)

އިރުތިށާން ހަމަދީ

5 އޯގަސްޓު 2025
ކޮމިޓީއަކުން ވަކިކޮށްގެން ތިކަމެއް ނުހުއްޓޭނެ. މިއީ ވައްކަމުގެ ފިކުރުގެ ވެރިކަމެއް. އެއީ އެމްއެމްޕީއާރުސީ ބޮޑުވައްކަން ކުރި ފިކުރު. އެމްއެމްޓީވީ ސްޓޭޝަން ހަދަން އާސަންދަ އެންސްޕާއިން ކުލިދައްކާ ފިކުރު. އެޗްޑީސީ ތެރެއިން ހުޅުމާލެ ގޯތި ވަގަށް ކޮއްކޮއަށް ރަޖިސްޓްރީކުރި ފިކުރު. އެސްޓިއޯއިން ވަގަށް ލަންކާއަށް ތެޔޮބެރުކުރި ފިކުރު. އެފްއެސްއެމްއިން ތެޔޮ ވަގަށްނަގާ ފިކުރު. ލިސްޓް ވ ދިގު. ކޮމެންޓް ޖާގަ ކުޑަ. ވައްކަމުގެ ފިކުރަށް ވެރިކަންލިބޭ ކޮންމެ ފަހަރަކު ދައުލަތުން ޖެހުނު ގޮތަކަށް އެއްޗެއް ހޯދުމުގެ ވިސްނުން އިތުރުވެ. ދިރާސާކޮށްފަ ހަގީގަތްމި
0 0

ހުވަދޫ އަހައްމަދޭ

4 އޯގަސްޓު 2025
ދީނީ ތާކިހާ އަޅައިގެން ހުރި ދަންނަ ބޭކަލެއް ވެރިކަމުގަ ހުރެ ރޯމާ ދުވާލު ވައްކަން ފަޅާއަރުވާ މީހާ ވަޒީފާއިން ވަކިކޮށް ވަގު ކަލޭގެ ގާތު ބައިންދައިގެން ސަނާ އަޑުއަހާފަ އަތްތިލަބަޑި ތަޅަނީ.
5 0

ޖަމީލާ

4 އޯގަސްޓު 2025
މީހުންގެ ބޮލުގަ އަނދުން އަޅުވަން ކުރާ ކަންތައްއް
3 1

ޖަމީލާގެ ޓީޗަރު

4 އޯގަސްޓު 2025
@ޖަމީލާ ލޮލުގަ. ތިއިހްސާސްތައް ހަމަޖެހޭ ކޮންމެ ދިވެއްސެއްގެ ވެސް އޮތީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް