މުއުތަސިމަށް ނިޝާން އިއްޒަތުގެ ޝަރަފު އެރުވީ އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔާކުރައްވާފައި ހުންނަވަނިކޮށް

މުއުތަސިމަށް ނިޝާން އިއްޒަތުގެ ޝަރަފު ހައްގެއް ނޫން: ޔާމީން

ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮޑި ގެއްލުމާ ގުޅޭ ހައްސާސް މައްސަލައެއް ކުރިމަތީ އޮއްވާ އެ ކަމަށް ގޮތެއް ނުނިންމާ މަގާމުން ދުރަށް ވަޑައިގަތުމުން ނިޝާން އިއްޒަތުގެ ޝަރަފު ދޭން ހައްގެއް ނޫން ކަމަށް

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއަށް ހައްގު ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ތިން ބޭފުޅަކަށް މިފަހަރު މި ޝަރަފު ވަނީ އަރުވާފަ އެވެ. އެއީ:

  • މުއުތަސިމް އަދުނާން 

  • ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް 

  • ދައުލަތުގެ މާތީ ގިނަ މަގާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ހަސަން ސޯބިރު

ނިޝާން އިއްޒަތުގެ ޝަރަފުގައި އަރުވާ އިއްޒަތުގެ ފަށާއި ހާރުކޮޅު ރައީސް މުހައްމަދު މުއިއްޒު މި ތިން ބޭފުޅުންނަށް އެރުވީ މިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ބުނީ ކީކޭ؟ - މި ޝަރަފު މުއުތަސިމަށް ހައްގު ނުވާނެ ކަމަށް ވިދާޅުވެ، ޔާމީން އެކަމަށް ފާޑުވިދާޅުވީ ރޭ އޮތް ޕީއެންއެފްގެ ޖަލްސާގަ އެވެ. މުއުތަސިމަށް މި ޝަރަފު އެރުވީ އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވިތާ މާ ގިނަ ދުވަސް ނުވަނީހެވެ.

"[ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު] ޖަމީލު [އަހުމަދު] އެ ވިދާޅުވި ގޮތަށް މުއުތަސިމް ވެސް ހަމަ ފައްޓަރުބައި އަޅައިގެން ނުކުތީ. ކޮން ގޮތަކަށް ފައްޓަރުބައި ހައްގުވަނީ،" ޔާމީން ވިދާޅުވި އެވެ.

އެ ޝަރަފު ހައްގުނުވާނެ ސަބަބަކަށް ޔާމީން ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހައްސާސް މައްސަލައެއް އޮއްވައި އެ މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ހައިސިޔަތުން ބަހެއް ވިދާޅުނުވެ އަދި އެކަމާ ގޮތެއް ވެސް ނުނިންމަވާ ހުންނެވުމަށް ފަހު މަގާމުން ރިޓަޔާކުރެއްވުމުންނެވެ.

ޔާމީން ވިދާޅުވީ ނިޝާން އިއްޒަތުގެ ޝަރަފުގައި މުއުތަސިމުގެ ކަރުގައި އެޅުއްވި ހާރަކީ އެކަމަށް ރައީސް މުއިއްޒު ދެއްވި އިނާމެއް ކަމަށެވެ.

"އޭނާގެ ކުރިމަތީގައި އެ އޮތީ ދައުލަތަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ. ރައްޔިތުން ހޮވި ރައްޔިތުންގެ މަންދޫބުން، ގާނޫނުއަސާސީގައި އެބަ ބުނޭ އިސްލާމް ދީނާ ހިލާފު ނުވާ ގޮތަކަށް އެ މީހުންނަށް އަދަބެއް ނުދެވޭނެއޭ. އެކަމަކު ގޮޑި ގެއްލޭ ގޮތަށް މުއިއްޒު ހަދަން ބޭނުންވީ. އެ މައްސަލަ ފައިސަލާކުރަން އޭނާގެ މޭޒުމައްޗަށް އައިސްފައި އޮއްވާ ހަމަ މައްސަލަ ދަންމާލާފައި އެއަށް ގޮތެއް ނުނިންމާ ދުރަށް ގޮސްފައި ފައްޓަރުބައި އެޅީ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ކިހިނެއްތޯ، މިއީ ކުފޫ ހަމަވާ މީހުންތޯ؟ މިއީ ކޮރަޕްޓު މީހުން. އެއަށް ރިވޯޑެއް ދެންޏާ ދޭނީ އެއަށް ވުރެ ކްރޮޕްޓު މީހެއް ދެއްތޯ."

ކޮމެންޓް (6)

ސަރުކާނު

4 އޯގަސްޓު 2025
ވާހަކަދައްކާއިރު ދެއްތޯ ކިޔާފަ އަހަރުމެނަށް ދޯ ދީފަ ބުމަ އަރުވާނެކަމެއް ނެތް.
0 0

ސަރުކާނު

4 އޯގަސްޓު 2025
ހީކުރީ ޔާމިނަކީ ވަރަށް ބަރާބަރު މީހަކަށް ވާނެކަމަށް. ވެރިކަން ގެއްލުނީމަ ވަރަށް ދެރަވި. އެކަމަކު މިހާރު އެއުލޭގޮތުން އެގިއްޖެ ހަމައެކަނި ވެރިކަމާ އުޅޭމީހެއްކަ.
0 0

ސަރުކާނު

4 އޯގަސްޓު 2025
ވެރިކަން ކުރިމީހެއް މި ނޫނިއްޔާ ނުހުންނާނެ ހަސަދަވެރިއެއް
0 0

ސަރުކާނު

4 އޯގަސްޓު 2025
ޔާމީނަށް ޙައްޤުވާނީ ހުރިހާ އެއްޗެއްް.
0 0

ޖަމީލު

4 އޯގަސްޓު 2025
މަނިކުފާނުގެ ވެރިކަމުގައި ރިސޯޓްހަދަން ވިއްކި ކޮންމެ ރަށަކުން 1މިލިއަން ޑޮލަރު މަނިކުފާނަށް ހައްގު ވެގެންތޯ ނެގީ.
0 0

މަނީސާ

4 އޯގަސްޓު 2025
ތިބޭފުޅާއަށް ވެރިކަން ލިބުނީމާ އެފައްޓަރުބައި އަތުލައްވާ،އޭރުން އެކަން އެނިމުނީ މާބާރަށް އެވާހަކަ ނުދައްކާ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް