ނިޝާން އިއްޒަތުގެ ޝަރަފު އެރުވި ތިން ބޭފުޅުން؛ މުއުތަސިމް، ސޯބިރު އަދި ގާސިމް

މުއުތަސިމް، ސޯބިރު އަދި ގާސިމަށް ނިޝާން އިއްޒަތުގެ ޝަރަފު އަރުވައިފި

ނިޝާން އިއްޒަތުގެ ޝަރަފު ތިން ބޭފުޅުންނަށް އެރުވީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި

ދައުލަތަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މި ޝަރުފު އަރުވާފައިވަނީ:

  • ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 

  • ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް 

  • ދައުލަތުގެ މާތީ ގިނަ މަގާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ހަސަން ސޯބިރު

ތަފްސީލް - ނިޝާން އިއްޒަތުގެ ޝަރަފުގައި މި ތިން ބޭފުޅުންނަށް އަރުވާ އިއްޒަތުގެ ފަށާއި ހާރުކޮޅު އަޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

މުއުތަސިމަށް ނިޝާން އިއްޒަތުގެ ޝަރަފު އެރުވުމަށްފަހު ފޮޓޯއަކަށް އާއިލާއާއެކު ހުއްޓިލައިގެން(ފޮޓޯ/ ރައީސް އޮފީސް)

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ދާދި ފަހުން ރިޓަޔާކުރެއްވި މުއުތަސިމަށް މި އިއްޒަތް އަރުވާފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ގާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށާއި ޝަރުއީ ދާއިރާއިން މީހުން ތަމްރީން ކުރެއްވުމަށް ކުރައްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މުއުތަސިމު ދައުލަތުގެ ހިދުމަތް ފެއްޓެވީ 1983ގައި ފޮރިން މިނިސްޓްރީގެ ސެކެރެޓަރީގެ މަގާމުންނެވެ. އޭގެ ފަހުން:

  • ފޮރިން މިނިސްޓްރީގެ އިނގިރޭސި ސެކެރެޓަރީކަމާއި އެސިސްޓެންޓް އަންޑަ ޑިރެކްޓަރުގެ މަގާމުގެ އިތުރުން، ޑިރެކްޓާ ލީގަލް އެފެއާޒްގެ މަގާމާއި  ލީގަލް ޑިޕާޓުމަންޓުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި

  • ހާރިޖިއްޔާގައި ފުރަތަަމަ މަސައްކަތް ކުރައްވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ މުއުތަސިމަކީ 1992 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ލޯފާމެއް ރަޖިސްޓްރީ ކުރެއްވި ބޭފުޅާ 

  • 2008 ވަނަ އަހަރު ތަސްދީގުކުރެއްވި ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި 14 ޑިސެމްބަރު 2014ގެ ނިޔަލަށް މަސައްކަތް ކުރެއްވި

  • އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 8 ޑިސެމްބަރު 2019ގައި؛ އެންމެ ދިގު މުއްދަތަކަށް މި މަގާމު އަދާކުރެއްވި ބޭފުޅަކީ ވެސް އެއީ

ގާސިމަށް ނިޝާން އިއްޒަތުގެ ޝަރަފު އެރުވުމަށްފަހު ފޮޓޯއަކަށް އާއިލާއާއެކު ހުއްޓިލައިގެން(ފޮޓޯ/ ރައީސް އޮފީސް)

ގާސިމަށް މި ޝަރުފު އެރުވީ އެކިއެކި ދާއިރާތަކުން ދައުލަތަށާއި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. 

ގާސިމް އެންމެ ފުރަތަމަ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ސަރުކާރު ހޮސްޕިޓަލެއްގެ ކާތިބެއްގެ މަގާމުންނެވެ. އެ ވަޒީފާގައި އުޅުއްވަމުން ލިބިވަޑައިގެންނެވި ހުސްވަގުތުތަކުގައި ތަފާތު އެހެން މަސައްކަތްތައް ކުރައްވަން ފެއްޓެވުމަށް ފަހު، އެންމެ ފުރަތަމަ ވިޔަފާރީގެ ބިންގާ އެޅުއްވީ އަމިއްލަ ގޯތި މޯގޭޖުކުރައްވައިގެން ނެންގެވި ލޯނަކުންނެވެ. އޭގެ ފަހުން:

  • ރާއްޖޭގެ ޝިޕިން ދާއިރާގެ ވިޔަފާރީ ތެރެއަށް ވަންނަވައި ވިލާ ކުންފުނި އުފެއްދެވި

  • މުދާ އިމްޕޯޓް ކުރަން ބޭނުންވާ ފައިސާ ހޯދަން ބޮޑުފިނޮޅު ރިސޯޓު ގަނެ، ފަން އައިލެންޑް ރިސޯޓުގެ ނަމުގައި ރިސޯޓެއް އުފެއްދެވި ހިސާބުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވެންނެވި

  • ރިސޯޓުތަކަށް ޓޫރިސްޓުން ގެނައުމަށް ޓްރާންސް މޯލްޑިވިއަން އެއާލައިންސް (ޓީއެމްއޭ) އުފެއްދެވި

  • 1997 ވަނަ އަހަރު ވިލާ އެއާ ނަމުގައި އިތުރު ވިޔަފާރިއެއް ފެއްޓެވި

  • ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި

  • ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގައި ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި

  • މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި

  • 1990ގައި މަޖިލިސް މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ގާސިމް 17 ވަނަ މަޖިލީހުން ފެށިގެން މިހާރު ވެސް ހުންނެވި މާމިގިލީގެ މެމްބަރުކަން މެދުކެނޑުމެއްނެތި ހަތަރު ދައުރު އަދާކުރައްވާފައިވޭ

ގާސިމަށް މީގެ ކުރިން ވަނީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ވެސް 2013 ވަނަ އަހަރު އަރުވާފަ އެވެ. މިހާތަނަށް ދައުލަތަށް ހިދުމަތް ކުރެއްވުމުގެ ރޮގުން ގިނަ ޝަރަފުތަކެއް ގާސިމަށް ލިބިވަޑައިގެންފައިވެ އެވެ. އެގޮތުން:

  • ވިޔަފާރި ކުރިއެރުވުމުގެ ރޮގުންނާއި، ޓޫރިޒަމް ދާއިރާގެ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވޭ 

  • ޖަމާއަތަށް ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންނެވި 

  • މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން ވަނީ އިންސާނިއްޔަތަށްޓަކައި ހިދުމަތް ކުރުމުގެ ރޮގުން އިއްޒަތުގެ ލަގަބާއި އޮނަރަރީ ޕީއެޗްޑީ ވެސް އަރުވާފައިވޭ

ސޯބިިރު ދަރިކަނބަލުން ނިޝާން އިއްޒަތުގެ ޝަރަފާ ހަވާލުވަނީ (ފޮޓޯ/ ރައީސް އޮފީސް)

ހަސަން ސޯބިރު

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން މިހާތަނަށް 37 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް އެކިއެކި ރޮގުން ގިނަ ހިދުމަތްތަކެއް ސޯބިރު ކޮށްދެއްވާފައިވެ އެވެ. ސޯބިރަށް މި ޝަރަފު އަރުވާފައިވަނީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި އިގްތިސާދީ ދާއިރާއަށް، ހާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ މިނިސްޓަރެއްގެ ހައިސިއްޔަތުން އެ ދާއިރާތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކާއި ހާރިޖީ ދާއިރާއިން ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމަށެވެ.

ސޯބިރުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން މިއަދުގެ ޖަލްސާގައި އެ ޝަރަފާ ހަވާލުވެވަޑައިގެންނެވެން ނެތުމުން، އެ ޝަރަފާ ހަވާލުވެފައިވަނީ އޭނާގެ ދަރިކަނބަލެކެވެ.

ސޯބިރުގެ ގައުމީ ހިދުމަތް ފެއްޓެވީ މައުމޫން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އުފެއްދެވި ނެޝަނަލް ޕްލޭނިން އެޖެންސީގެ ސްޓެޓިސްޓިކް ސާވޭ އޮފިސަރުގެ މަގާމުންނެވެ. އެގޮތުން، 16 ޑިސެމްބަރު 1978ގައި އެ މަގާމަށް ވަޑައިގަތުމަށް ފަހު، އެ މަގާމުގައި ހުންނަވައިގެން ފެއްޓެވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ 1985 ވަނަ އަހަރުގެ ބޯހިމެނުމެވެ. އޭގެ ފަހުން:

  • ޕްލޭނިން އެޖެންސީ އުވާލައި 1982ގައި އުފެއްދި ޕްލޭނިން އެންޑް ޑިވިލޮމްންޓް މިނިސްޓްރީގެ ޒިންމާދާރު މަސައްކަތްތައް ވެސް ކުރެއްވީ ސޯބިރު 

  • މައުމޫން ރިޔާސީ ހަތަރުވަނަ ދައުރަށް ހުވާކުރެއްވުމަށް ފަހު އެކުލަވާލެއްވި ކެބިނެޓުގައި ފިޝަރީޒް މިނިސްޓްރުގެ މަގާމު ސޯބިރު އަދާކުރެއްވި

  • ފަސްވަނަ ދައުރުގެ އަދި ހަވަނަ ދައުރުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި؛ އެންމެ ގިނަ ދުވަހު އެ މަގާމު މިހާތަނަށް އަދާކުރައްވާފައި ވެސް ވަނީ އެ ބޭފުޅާ

  • ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެމްބަރުކަން 2000 އިން 2005އަށް ކުރެއްވި 

  • ސުނާމީ ކާރިސާއަށް ފަހު ރާއްޖެއަށް ބޭރުގެ އެހީ ހޯއްދުވުމަށް ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި 

  • ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމުގައި 2007 ވަނަ އަހަރު އަދާކުރެއްވި 

  • ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރެއްވި

  • މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވި؛ މި ސަރުކާރުގައި ވެސް އެ މަގާމު ފުރުއްވަނީ ސޯބިރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް