ކާނުތައް ސާފުކުރުމުގެ މަސައްކަތުގައި ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަމުންދިޔައިރު މިނިސްޓަރު އާދަމް ޝަރީފް އެ މަސައްކަތް ބައްލަވާލައްވަނީ - (ފައިލް ފޮޓޯ/ ލޯކަލް ގަވަރުމަންޓް މިނިސްޓްރީ)

14 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތަކެއް ގާއިމުކުރަނީ

ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ އާންމު ހިދުމަތުގެ އެ ޔުނިޓުތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިވަނީ އަތޮޅު ކައުންސިލް ހުރި ރަށްތަކަށް ބަލައިގެން ކަމަށް

އަލަށް ގާއިމުކުރާ ޕަބްލިކް ވޯކްސް (އާންމު ހިދުމަތު)ގެ ޔުނިޓުތައް 14 ރަށެއްގައި ގާއިމުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ހިދުމަތް ދިނުމަށް، ކޮންމެ އަތޮޅެއްގައި ވެސް އާންމު ހިދުމަތުގެ ޔުނިޓުތަކެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ސިޓީސް އެންޑް ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނީ، އާންމު ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތް އަތޮޅުތަކުގެ ތެރެއިން މިހާތަނަށް އިއުލާނު ނުކުރެވޭ އަތޮޅުތަކުގައި އެ ޔުނިޓުތައް ގާއިމުކުރާނެ ރަށްތައް މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.

ތަފްސީލް - މިނިސްޓްރީން ބުނީ އަލަށް ގާއިމުކުރާ އެ ޔުނިޓުތަކުގެ ހިދުމަތްތައް ވެސް ހިންގާނީ މިހާރު ހުރި ޔުނިޓްތަކުން ވެސް މަސައްކަތް ކުރާ ގޮތަށް، ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.

އާންމު ހިދުމަތުގެ ޔުނިޓުތައް ގާއިމުކުރުމަށް އަލަށް މިއަދު ކަނޑައެޅި ރަށްތައް ކަނޑައެޅުމުގެ އާންމު މިންގަނޑަކަށް ބަލާފައިވަނީ އަތޮޅު ކައުންސިލްތައް ހިންގާ ރަށްރަށަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން ކަނޑައެޅި ރަށްތަކަކީ:

  • 1-

    ހއ. ދިއްދޫ

  • 2-

    ށ. ފުނަދޫ

  • 3-

    ނ. މަނަދޫ

  • 4-

    ބ. އޭދަފުށީ

  • 5-

    ޅ. ނައިފަރު

  • 6-

    ކ. ތުލުސްދޫ

  • 7-

    އއ. ރަސްދޫ

  • 8-

    އދ. މަހިބަދޫ

  • 9-

    ވ. ފެލިދޫ

  • 10-

    މ. މުލި

  • 11-

    ފ. ނިލަންދޫ

  • 12-

    ދ. ކުޑަހުވަދޫ

  • 13-

    ތ. ވޭމަންޑޫ

  • 14-

    ގއ. ވިިލިނގިލި

މި ރަށްތަކުގައި އާންމު ހިދުމަތުގެ ޔުނިޓުތަކެއް ގާއިމުކުރަން ނިންމުމާ އެކު، އެ ޔުނިޓުތައް ގާއިމުކުރުމަށް ބޭނުންވާ މީހުންނާ ވަސީލަތްތައް ހޯދުމުގެ އިދާރީ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

އެ ޔުނިޓުތަކުގެ ދަށުން:

  • ރަށްރަށުގެ މަގުތައް މަރާމާތުކުރާނެ 

  • ވެލިމަގު ހެދުމުގެ މަސައްކަތްކުރާނެ

  • އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުންފަދަ ކަންކަން ކުރާނެ

އެނގުން މުހިންމު - ޕަބްލިކް ވޯކްސް ސާވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ފުރަތަމަ އުފެއްދީ 21 ޖޫން 2012ގަ އެވެ. އޭގެ ކުރިން އެ ތަން ހިންގަމުންދިޔައީ ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއްގެ ގޮތުގަ އެވެ.

އެ ތަން ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ އިދާރާއަކަށް އޭރު ބަދަލުކުރީ، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ކުންފުންޏަކުން ކުރުމަށް ވުރެ ދައުލަތަށް ފައިދާ ހުރި ގޮތަކީ ސަރުކާރުގެ އިދާރާއަކުން އެ މަސައްކަތްތައް ކުރުންކަމަށް އޭރުގެ ސަރުކާރަށް ގަބޫލުކުރެވިގެންނެވެ. 

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިހާރު ޕަބްލިކް ވޯކްސް ހިންގަމުންދަނީ އަލަށް އުފެއްދެވި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުންނެވެ.

ޕަބްލިކް ވޯކްސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ރަށްރަށުގެ ބަނދަރާއި ފާލަމާއި ތޮށި މަރާމާތުކޮށް ބެލެހެއްޓުން 

  • ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ އެލް ބްލޮކާއި ޓެޓްރާ ޕޮޑާއި ރިވެޓްމަންޓް ބްލޮކް ފަދަ ތަކެތި އެޅުމުގެ މަސައްކަތްކުރުން 

  • ރަށްރަށުގެ ފުޓްބޯޅަ ދަނޑު ހެދުމާއި މަގު ހެދުމާއި ބިންގަނޑު އެއްވަރުކުރުން ފަދަ މަސައްކަތްތައް ކުރުން

  • ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާ ގުޅިގެން ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕަބްލިކް ވޯކްސްގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން 

  • ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވޯކްޝޮޕްގެ ހިދުމަތް ފޯރުވައިދިނުން 

  • ސަރުކާރުން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކަށް ޕަބްލިކް ވޯކްސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ދިނުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް