ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ފައިލް ފޮޓޯ/ހުސައިން ސުނޭން)
މިދިޔަ ސަރުކާރުގައި ޕަބްލިކް ވޯކްސް ވަނީ ހަލާކުކޮށްފައި: މުއްތޮލިބު
މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޕަބްލިކް ވޯކް ސާވިސް އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއްތޮލިބު މިހެން ވިދާޅުވީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، މޫސުމީ މައްސަލަތަކާ ގުޅިގެން ރަށްރަށުގެ ކަނޑިންމަ ބެދި، ފަޅު ބޭނުންނުކުރެވޭ ހާލަތަށް ދިއުން ފަދަ މައްސަލަތައް ހައްލުކުރެވޭނެ ގޮތެއް އެބަ އޮތްތޯ އޭނާ ސުވާލުކުރެއްވި އެވެ.
ބުނީ ކީކޭ ؟ - މި ސުވާލަށް ޖަވާބު ދެއްވަމުން މުއްތޮލިބު ވިދާޅުވީ، 2018ގެ ކުރިން ފަޅު ފުންކުރުން ފަދަ ކަންކަން ކުރުމަށް ބޭނުންވާ ޑްރެޖަރު ފަދަ ހުރިހާ ސާމާނެއް، ޕަބްލިކް ވޯކްސް ސާވިސްގެ ތެރޭގައި ހުންނަ ކަަމަށެވެ. އެކަމަކު އެ ހުރިހާ އެއްޗެއް މިހާރު ނެތް ކަމަށާއި ބައެއް ތަކެތި ބާ ދަނގަޑަށް ވާން ދޫކޮށްލާފައި ވާއިރު، އަނެއް ބައި ތަކެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހުރީ ވިއްކާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"[ޕަބްލިކް ވޯކްސް ސާވިސް ތެރޭ ހުރި] އެއްވެސް މެޝިނަރީޒްއެއް މިހާރު ނެތް. އަޅުގަނޑުމެން ގެންގުޅުނު ބޭބީ ޑްރެޖަރު އެބައޮތް މިހާރު ވެސް ތިލަފުށީގައި ބާ ދަބަރަށް ވެފައި، ލޭންޑިން ކްރާފްޓްތަކާ އެއްޗެހިތައް ވިއްކާލާފައި ހުރީ. އެކްސްސަލަރޭޓަރުތަކާ އެއްޗެހި ރަށްރަށުގައި ހުރީ ހަލާކުވެފައި،" މުއްތޮލިބު ވިދާޅުވި އެވެ.
"އެހެންވީމާ މިދިޔަ ފަސް އަހަރުތެރޭގައި ހަގީގަތުގައި ޕަބްލިކް ވޯކް ސާވިސް އެއްކޮށް ހަލާކުކޮށްލާފައި ހުރީ."
މުއްތޮލިބު ވިދާޅުވި ގޮތުން، އެއްވެސް މަރާމާތުގެ މަސައްކަތެއް މިހާރު ކުރާ ނަމަ ދައުލަތުން ޖެހޭނީ އަނެއްކާވެސް މަޝްރޫއެއް ހަދައިގެން، ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާށެވެ. އެހެންކަމުން، ޕަބްލިކް ވޯކްސް ސާވިސް އަލުން އިއާދަކޮށް ރަނގަޅު ތަނަކަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ޕަބްލިކް ވޯކްސް ސާވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ފުރަތަމަ އުފެއްދީ، 21 ޖޫން 2012ގަ އެވެ. އޭގެ ކުރިން އެތަން ހިންގަމުންދިޔައީ، ވޯކްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއްގެ ގޮތުގަ އެވެ.
އެތަން ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ އިދާރާއަކަށް އޭރު ބަދަލުކުރީ، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ކުންފުންޏަކުން ކުރުމަށް ވުރެ ދައުލަތަށް ފައިދާ ހުރި ގޮތަކީ، ސަރުކާރުގެ އިދާރާއަކުން އެ މަސައްކަތްތައް ކުރުންކަމަށް އޭރުގެ ސަރުކާރަށް ގަބޫލުކުރެވިގެންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރު ޕަބްލިކް ވޯކްސް ހިންގަމުންދަނީ، އަލަށް އުފެއްދެވި ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިް ވޯކްސް' މިނިސްޓްރީގެ ދަށުންނެވެ.
ޕަބްލިކް ވޯކްސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
-
ރަށްރަށުގެ ބަނދަރާއި ފާލަމާއި ތޮށި މަރާމާތުކޮށް ބެލެހެއްޓުން
-
ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ އެލް ބްލޮކާއި ޓެޓްރާ ޕޮޑާއި ރިވެޓްމަންޓް ބްލޮކް ފަދަ ތަކެތި އެޅުމުގެ މަސައްކަތްކުރުން
-
ރަށްރަށުގެ ފުޓްބޯޅަ ދަނޑު ހެދުމާއި މަގު ހެދުމާއި ބިންގަނޑު އެއްވަރުކުރުން ފަދަ މަސައްކަތްތައް ކުރުން
-
ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާ ގުޅިގެން ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕަބްލިކް ވޯކްސްގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން
-
ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވޯކްޝޮޕްގެ ހިދުމަތް ފޯރުވައިދިނުން
-
ސަރުކާރުން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކަށް ޕަބްލިކް ވޯކްސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ދިނުން
ކޮމެންޓް (1)
ސިކުނޑި