އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އެމްޑީޕީ ވެރިކަމަށް އައިއިރު ޕަބްލިކް ވޯކްސް އޮތީ އުވާލާފައި: އަކުރަމް
ޕަބްލިކް ވޯކްސް ހަލާކުކޮށްލީ އެމްޑީޕީއިން ކަމަށް މި ސަރުކާރުން ބުނާ ވާހަކަތައް ދޮގުކުރައްވައި ޕަބްލިކް ވޯކްސް އުވާލުމަށް ފަހު އެ ތަނުގެ މެޝިނަރީތައް އުކައިލީ ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކަމަށް މިދިޔަ ސަރުކާރުގެ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަކުރަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
"2018ގެ ކުރިން މެޝިނަރީޒްއާ ހުރިހާ އެއްޗެއް ހުންނާނެ، ފަޅުފުން ކުރުމާއި ކަންކަން ކުރުމަށް، ޕަބްލިކް ވޯކްސް ތެރޭގައި،" މުއްތަލިބު ވިދާޅުވެފައިވެ އެވެ.
"ނަމަވެސް އެ ހުރިހާ އެއްޗެއް މިހާރު ނުވެސް ނެތް. އަޅުގަނޑުމެން ގެންގުޅުނު ބޭބީ ޑްރެޖަރު އެބައޮތް ތިލަފުށީގައި ބާ ދަގަނޑަށް ވެފައި. ލޭންޑިން ކްރާފްޓުތަކާ އެއްޗެހި ވިއްކާލާފައި ހުރީ. އެސްކެވޭޓަރުތަކާ އެއްޗެހި ރަށްރަށުގައި ހަލާކުވެފައި ހުރީ. މިދިޔަ ފަސް އަހަރު ތެރޭގައި ހަގީގަތުގައި ޕަބްލިކް ވޯކްސް އެއްކޮށް ހަލާކުކޮށްލާފައި ހުރީ."
ތަފްސީލު - މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަކުރަމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއްތަލިބު މަޖިލީހުގައި ހެއްދެވީ ދޮގު ކަމަށެވެ.
އެމްޑީޕީގެ ވެރިކަން 2018ގައި ފެށިއިރު ޑްރެޖަރު އޮތީ، އަކުރަމް ވިދާޅުވި ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވިއިރު މިފްކޯ މެދުވެރިކޮށް އެ ކުންފުނިން ފައިސާ ދޭ ގޮތަށް އަމިއްލަ ކުންފުންޏަކަށް މަރާމާތުކުރަން ހަވާލުކޮށްފަ އެވެ.
ނަމަވެސް އިތުރަށް ބެލިއިރު އެކަމާ ގުޅޭ އެއްވެސް މުއާމާލާތެއް ހިންގާފައިވާކަން ލިޔެކިޔުމުން ފެންނަން ނެތް ކަމަށާއި އެ ޑްރެޖަރު މަރާމާތު ކުރުމަށް ވުރެ އާ ޑްރެޖަރެއް ގަތުން ވެސް މާ ހަރަދު ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން ޕަބްލިކް ވޯކްސް ހަލާކުކޮށްލި ކަމަށް މުއްތަލިބު ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި އަކުރަމް ވިދާޅުވީ ޕަބްލިކް ވޯކްސްގައި ހުރި މެޝިނަރީތައް އެ ތަން އުވާލުމަށް ފަހު ރޯޑް ކޯޕަރޭޝަން އުފައްދައި އެތަނަށް ބަދަލުކުރީ ވެސް ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި ރޯޑް ކޯޕަރޭޝަން އުވާލުމަށް ފަހު ޕަބްލިކް ވޯކްސް އަލުން އުފެއްދީ އެމްޑީޕީ ސަރުކާރުން ކަމަށް އަކުރަމް ވިދާޅުވި އެވެ.
"އޭގެ ތިން މަސް ފަހުން ރަށްރަށަށް މިނިސްޓްރީގެ މުވައްޒަފުން ޒިޔާރަތް ކުރަން ދިޔަދިއުމުގައި މުވައްޒަފުންނަށް ފާހަގަވީ ރަށްރަށުގައި ވަލުތެރެއަށް އުކާލާފައި މެޝިނަރީޒްތައް،" އަކުރަމް ވިދާޅުވި އެވެ.
އެގޮތަށް އުކާލާފައި ހުރި ބައެއް ތަކެތީގެ ފޮޓޯ ވެސް އަކުރަމްގެ ޕޯސްޓުގައި ހިމެނުއްވި އެވެ.
އަކުރަމް ވިދާޅުވީ އެ ތަކެތީގެ އޮޑިޓެއް ހަދަން ފެށި ނަމަވެސް ރޯޑް ކޯޕަރޭޝަންގައި ފުރިހަމަ އިންވެންޓްރީއެއް ނެތުމުން ބަލަން ޖެހުނީ އެ ކޯޕަރޭޝަން އުވާލަން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ލިސްޓަކަށް ކަމަށެވެ. އެ ލިސްޓު ބަލައިގެން ކޮޮންމެވެސް ވަރަކަށް އެކަން ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮޑިޓުން ފާހަގަ ކުރެވުނު ތަކެތިން:
-
ގިނަ އެއްޗެހި ހުރީ ދަބަރު ޖަހައި އުކާލާފައި
-
ބައެއް ތަކެތި ރަށްރަށުން ގެނެއުމަށްފަހު މަރާމާތުކޮށް ބޭނުންކުރަން ފެށި
-
އަނެއް ބައި ތަކެތި ރަށްރަށުގައި ބަހައްޓައިގެން މަރާމާތުކޮށް އެކި މަސައްކަތްތަކުގައި ބޭނުންކުރަން އެ ރަށްރަށުގައި ބެހެއްޓި
-
ބަޖެޓު ނެތިގެން މަރާމާތު ނުކުރެވުނު ބައެއް ތަކެތި ހަވާލުކުރީ އެމްޓީސީސީ އާއި އާރުޑީސީއާ؛ އެއީ އެ ކުންފުނިތަކުން އެ ތަކެތި މަރާމާތު ކުރުމަށް ފަހު ވަކި މުއްދަތަކަށް ބޭނުންކުރަން ދޭ ގޮތަށް
މިނިސްޓަރ @muththo އަށް ވެދުން ސަލާމަށްފަހު މައާފާއެކު ދަންނަވާލަން ޖެހެނީ މަނިކުފާނު ތި ހެއްދެވީ ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް ނޫނީ މަނިކުފާނަށް މައޫލޫމާތް ދިންފަރާތް ތައް މަނިކުފާނަށް އޮޅުވާލީ. ރައްޔިތުން މަޖިލިހުގައި ހެޔޮނުވާނެ މިހާ ބޮޑެތި ދޮގު ހަދާ އޮޅުވާލަން .
— Akram Kamaludeen (@Akramkdeen) July 31, 2024
1- 2018… pic.twitter.com/VG4zSbxtho
ކޮޅުވެއްޓީގެ ވާހަކައިގައި އަކުރަމް ވިދާޅުވީ އެމްޑީޕީ ވެރިކަމާ ހަވާލުވީއިރު އޮތީ ބާ ދަގަނޑަށް ވެފައި އޮތް ދެ ކޮޅުވެއްޓި ކަމަށާއި ކުޑަކޮށް ބޭނުންކުރެވޭ އެންމެ އެއްޗެއް ކަމަށެވެ. ނަމަވެސް އެ ވެސް ބޭނުންކުރެވުނީ ކުޑަ ދުވަސްކޮޅަކު ކަމަށާއި މަރާމާތުކޮށްގެން ވެސް ބޭނުންނުކުރެވުނު ކަމަށް އަކުރަމް ވިދާޅުވި އެވެ.
"ވީމާ އެއްޗެހި ވިއްކާލީކީ ނޫން. މި ކަންކަން ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މަނިކުފާނުގެ ޑެޕިއުޓީ މިނިސްޓަރަކަށް މިހާރު ހުންނެވި އަލީ ސަލީމްއަށާއި އެހެން ދެ މިނިސްޓްރީއެއްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ހަތަރު ބޭފުޅަކަށް،" އަކުރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މެޝިނަރީޒްއާ ބެހޭ ވަރަށް ތަފްސީލީ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ވެސް ފޮނުވި ކަމަށެވެ.
"މިކަހަލަ ބޮޑެތި އިތުރުފުޅު ހައްދަވާ ނުވަތަ ރަނގަޅު މައުލޫމާތު ނެތި ވާހަކަ ދެއްކެވުމުން މަނިކުފާނާއި މަނިކުފާނުގެ ސަރުކާރުގެ ދޯދިޔާ ކަމާއި [ރައީސް މުހައްމަދު] މުއިއްޒު މިނިސްޓްރީ ހިންގެވި ގޮތުގެ ދޯދިޔާކަން ފާހަގަވެގެންދަނީ،" އަކުރަމް ވިދާޅުވި އެވެ.
"ވީމާ ތިހެން ކަންތައް ކުރެއްވުން ހުއްޓަވާލައްވާ. ވީހާ ވެސް އަވަހަށް މަޖިލީހަށް އަލުން ވަޑައިގެން، އާންމު ޖަލްސާއެއްގައި މިކަމަށް މެމްބަރުންގެ އަރިހުން މައާފަށް އެދިވަޑައިގެން މަނިކުފާނުގެ ރެކޯޑު ރަނގަޅުކޮށްލައްވާ."