މާޅޮހުގައި ދުވަސްވީ މީހާ މަރާލާފައި އޮތް ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި (ދައުރު ފޮޓޯ)
ފެނުނީ ބިރުވެރި މަންޒަރެއް؛ މުޅި ތަން އޮތީ ލެއިން ކަޅިވެފައި
އއ. މާޅޮހު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަދީމަށް ރޭ ދަންވަރު ލިބިވަޑައިގެންނެވީ ކައުންސިލްގެ ރައީސްގެ ފޯނުކޯލެކެވެ. އެދިވަޑައިގެންނެވީ، ވީ އެންމެ އަވަހަކަށް ރަށުގެ ސިއްހީ މަރުކަޒަށް ގޮސްދިނުމަށެވެ.
ދަންވަރު 2 ޖެހުމާ ކައިރިވެފައި ވަނިކޮށް، އެ ފަދަ ކޯލެއް އަންނާނީ ކަމެއް ވަރަށް ގޯސްވީމާ ކަމަށް އޭނާއަށް އެނގިވަޑައިގެންނެވި އެވެ. އެކަމަކު ސައިކަލުގައި ބާރު ސްޕީޑުގައި ގޮސް، ސިއްހީ މަރުކަޒަށް ވަދެވުމާއެކު އޭނާއަށް ފެނިވަޑައިގަތީ، އުއްމީދު ވެސް ނުކުރާ ފަދަ ބިރުވެރި މަންޒަރެކެވެ.
"އޭރު އޭނާ އޮތީ [މަރުކަޒު]ގެ އެނދެއްގެ މަތީގައި ބާއްވާފައި. ނިތްކުރިމަތި ފަޅައިގެން ގޮސް ހޯސްލާފައި ލޭ އާދޭ. ލޯމަތި ކަޅުވެ، ލޯ އެއްކޮށް ނުވެސް ފެނޭ. ކަންފަތުން ވެސް ލޭ އަންނަމުން ދިޔައިއިރު ބޮލުގެ ފުއްކިބައިން ވެސް އެއްޗެހިތަކެއް ފައިބަމުންދޭ،" ފެނުނު މަންޒަރު ސިފަކޮށްދެއްވަމުން ނަދީމު ވިދާޅުވި އެވެ.
"އެނދުމަތީ ބާއްވާފައި އޮތްއިރު، މުޅި ތަން އެއްކޮށް އޮތީ ލެއިން ކަޅިވެފައި."
އިންޒާރެއް ނުދޭ، އެކަމަކު ސިހުރު ހަދާކަމުގެ ތުހުމަތު ކުރޭ
އަބްދުއްރަހްމާން އާދަމް، 65، އޯކިޑުމާގޭ/މާޅޮހާ ގުޅޭ ގޮތުން އެ ރަށުގެ އެކި މީހުން ދައްކާ ވާހަކަތައް ތަފާތެވެ. 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުންގެ ނަޒަރުގައި އެއީ މީހުންނާ ގުޅޭ، ހީސަމާސާކޮށް އުޅޭ މަސްވެރިއެކެވެ. ރުޅިވެރިކަމެއް އޮވެގެން، މީހަކާ ޒުވާބުކުރި ކަމެއް އެނގޭކަށް ނެތެވެ. ގެއްލުމެއް ދޭނެ ކަމަށް ބުނެ މީހަކު އޭނާއަށް އިންޒާރެއް ނުދެ އެވެ. އެކަމަކު މާޅޮހަށް މިއަދު އިރު އަރައިގެން އައީ، އާއްމުކޮށް ރަށުގެ ބަނދަރުމަތީގައި އެ އުމުރުގެ މީހުންނާ އެކު ތާސްބައި ކުޅެން އިންނަ ތަން ފެންނަ އަބްދުއްރަހްމާނަށް ރަހުމުކުޑަ އަނިޔާތަކެއްދީ އަދި އެ އަނިޔާތަކުގައި އޭނާ މަރުވި ކަމުގެ ހަބަރާ އެކު އެވެ.
ހިބަރުގެ މަސްވެރިކަމުގައި އއ. އުކުޅަހުގައި އުޅެފައި އަބްދުއްރަހުމާނު މާޅޮހަށް ދިޔަތާ އަދިވީ ދެ ދުވަހެވެ. އޭނާއަށް ހަމަލާދީފައިވަނީ ރޭ ދަންވަރު 1:15ހާއިރު ގޭގައި ނިދާފައި އޮއްވަ އެވެ. ތިން ދަރިން ތިބި ނަމަވެސް އެއިން އެކަކު ވެސް ރަށުގައި ދިރިނޫޅޭތީ، އެ ގޭގައި އުޅެނީ އެ ދެމަފިރިން އެކަންޏެވެ. އެރޭ އެ މީހުން ނިދާފައި ތިބީ ވެސް ދެ ކޮޓަރިއެއްގަ އެވެ.
ނަދީމް ވިދާޅުވި ގޮތުގައި، އަބްދުއްރަހްމާނަށް ހަމަލާދިންކަން އެނގުނީ މީހަކު ކުކުރާ ކަހަލަ އަޑެއް އިވިގެން އޭނާގެ އަންހެނުންނަށް އެ ވަގުތު ހޭލެވުމުންނެވެ. އެ ކޮޓަރިއަށް ދިޔައިރު އޭނާއަށް ފެނުނީ، ފިރިމީހާ އެނދުމަތީގައި ލެއިން ފޯވެފައި އޮއްވަ އެވެ.
އިތުރަށް ކިޔާލަން
ދަގަނޑުގަނޑެއް ކަހަލަ އެއްޗަކުން ޖަހައި ބޮލުގެ ފުއްކިބައާ އެކު ތިން ތަނެއް ފަޅާލާފައި ހުރި އިރު، އެ ތަންތަނުން ހޯސްލާފައި ލޭ އަންނަނީ އެވެ.
"ދެން އޭނާ އަވަހަށް ގުޅީ ދަރިއަކަށް. ސިއްހީ މަރުކަޒަށް އެކަން އެންގީ ދަރިފުޅު. އެމްބިއުލާންސްގައި އެ ތަނަށް ގެންދިޔައީ ވެސް،" ނަދީމް ވިދާޅުވި އެވެ.
އަބްދުއްރަހްމާން މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން، ފަތިހު އެވެ. އޭރު އޭނާ ދިޔައީ މާލެ ފޮނުވާލެވޭތޯ ބަލަމުންނެވެ.
ނަދީމް ވިދާޅުވީ އަބްދުއްރަހްމާންގެ މަރުން މުޅި މާޅޮހަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ. އެއީ މާރާމާރީ އެއްގޮތަކަށް ވެސް ނުހިނގާ ރަށަކަށް ވެފައި، ކުއްލިއަކަށް މީހަކަށް މި ފަދަ ރަހުމު ކުޑަކޮށް ހަމަލާއެއްދިނުން އެކަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.
އެ މީހުން އެންމެ ހައިރާން ވަނީ އެފަދަ އަނިޔާއެއް ދިނުމުގެ ސަބަބެއް ނުވިސްނޭތީ އެވެ. 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން އެކަމާ ގުޅުވާލީ އޭނާއަކީ ސިހުރުވެރިއެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އެކަމަކު އެފަދަ އަނިޔާވެރިކަމެއް ރަށުން ފެނިދާނެ ކަމަކަށް އެ މީހުންނަކަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.
"ހަމަ އެއްގޮތަކަށް ވެސް އަދި ބުނާކަށް ނޭނގެ ކީއްވެ ދިން ހަމަލާއެއް ކަމެއް މިއީ. އަޅުގަނޑުމެން މި ތިބީ އަދިވެސް ވަރަށް ބޮޑު ޝޮކެއްގައި،" ނަދީމް ވިދާޅުވި އެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ކައިރި ރަށްރަށުގައި ތިބޭ ފުލުހުންނާއި މާލޭން ފުލުހުންގެ ޓީމެއް މިހާރު އެ ރަށުގައި އެބަ ހަރަކާތްތެރިވެ އެވެ.