ޑްރަގު ނައްތާލުމަށް މިއަދު ބޭއްވި ހަރަކާތުގައި މިނިސްޓަރު އިމްރާން(ކ) އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އަހްމަދު ވެރިޔާ(މ) ޝާކިރުއާއެކު: އިމްރާން ވިދާޅުވީ، ޑްރަގު ވިޔަފާރީގައި އުޅޭ ސިޔާސީ މީހުން އެނގޭ ކަމަށް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އިމްރާން އެދެނީ ޑުރަގް ވިޔަފާރީގައި އުޅޭ ސިޔާސީ މީހުން އަމިއްލައަށް ދުރުވާން

ސީޕީ ހަމީދު ވިދާޅުވީ ޑުރަގް ވިޔަފާރި ހުއްޓުވަން ސަރުކާރުން ހުރަސް ނާޅާ ކަމަށް ބުނެވެން ނެތް ކަމަށް

މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ސިޔާސީ މީހުންނާއި އެކަމުގައި ޝާމިލްވާ ރާއްޖޭގެ ވިޔަފާރިވެރިންވެސް އެނގޭ ކަމަށާއި އެދެނީ އެ ބޭފުޅުން އަމިއްލައަށް އެ ވިޔަފާރިން ދުރުވާން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ފުލުހުންގެ މިފަހުން ހިންގި ޑްރަގު ބޮޑު ދެ އޮޕަރޭޝަނާއި މަސްތުވާތަކެތީގެ އެހެނިހެން މައްސަލަތަކުގައިވެސް އަތުލުގަނެވުނު 314 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ކ. ދޫނިދޫގައި ވަނީ ނައްތާލާފައި އެވެ. އެ ތަކެތި ނައްތާލުމަށް މިއަދު ހެނދުނު ބޭއްވި ހަރަކާތުގައި އިމްރާން ވަނީ، ޑްރަގު ވިޔަފާރި އާއި ސިޔާސީ މީހުންނާ ގުޅުވައި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި ސިޔާސީ މީހުންނާ އެއޮތް ގުޅުން ކަނޑުވާލެވެނީ ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

އެ ހަރަކާތައްފަހު، އެތަނަށް ދިޔަ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިމްރާން ވަނީ އޭނާގެ އެ ވާހަކަތައް އިތުރަށް ތަފްސީލުކޮށް ވިދާޅުވެފަ އެވެ. 

ބުނީ ކީކޭ؟ -  އިމްރާން ވިދާޅުވީ، ސިޔާސީ މީހުންނާއި ރާއްޖޭގެ ވިޔަފާރިވެރިން ޑްރަގު ވިޔަފާރީގެ އަޑީގައި ތިބޭކަން އެއީ ރައްޔިތުންނަށްވެސް އެނގޭ ކަމެއް ކަމަށާއި އެއި ސިއްރެއް ނޫން ކަަމަށެވެ. އަދި އެއީ ކޮން ބައެއްކަން ފުލުހުންނާއި އޭނާއަށްވެސް އެނގޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިއީ އެންމެނަށް އެނގޭ ކަމެއް. އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫން. [މަސްތުވާތަކެތީގެ ވިޔަފާރީގައި] ސިޔާސީ މީހުން ހިމެނެއޭ، ވިޔަފާރިވެރިން ހިމެނެއޭ. މި ފަރާތްތަކަށް ދޭ މެސެޖެއް މިއީ، އޭގެން ދުރަށް ދާށޭ،" ސިޔާސީ މީހުންގެ ފަަހަތުންން ޑްރަގު މައްސަލަތަކުގައި ނުދުވަނީ ކީއްވެގެންތޯ 'ދައުރު'އިން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ އިމްރާން ވިދާޅުވި އެވެ.

ޑްރަގު ނައްތާލަން ބޭއްވި ހަރަކާތުގައި އިމްރާން ވާހަކަ ދައްކަވަނީ: ޑްރަގު ވިޔަފާރީގައި ސިޔާސީ މީހުންގެ ބައިވެރިވުން އޮންނަ ކަމަށް އޭނާ ވިދާޅުވި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެެއީ ކޮން ބައެއްކަން ހާމަކުރެއްވުމަށް އެދި ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް އިމްރާން ވިދާޅުވީ، މިވަގުތު އެކަން ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެ ވިޔަފާރީގައި އުޅެނީ ހަމަ އެކަނި ސިޔާސީ މީހުން ކަމަށް ދައްކަން އުޅެނީ ނޫން ކަމަށްވެސް އޭނާ ވިދާޅުވިި އެވެ. އެނޫން ފަރާތްތައްވެސް އެކަމުގައި އުޅޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ހިތުން ފުލުހުންނަށްވެސް ރައްޔިތުންނަށްވެސް އެނގޭ. އައިޑެންޓިފައިވޭ، އަޅުގަނޑުމެން އެ ފަރާތްތަކުގެ ވާހަކަ ނުދައްކަނީ. ތިބޭފުޅުން [ނޫސްވެރިން] އެ ވާހަކަ ދައްކަވަންވީ. އަޅުގަނޑު މި ދެންނެވީ އެންމެ ފަހުން މި މައްސަލަތަކުގައި ގެންދެވިފައި ހުރި ފަރާތްތައް [ޑްރަގު ބޮޑެތި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި މީހުން] ބެއްލެވީމަ އެނގޭނެ އެއީ ކޮން ފަރާތްތަކެއްކަން. ނަންތައް ކިޔަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން މިވަގުތު،" އިމްރާން ވިދާޅުވި އެވެ.

'އަމިއްލަ މީހާއަށްވެސް ރިސްކު ބޮޑު'

ނަންތައް ހާމަ ކުރަން ދެކޮޅު ހެދުމުގެ ކުރިން އިމްރާން ވާހަކަ ދެއްކެވީ، އެ ވިޔަފާރި ކުރާ ފަރާތްތަކުގެ ނުފޫޒާއި ބާރުގެ ވާހަކަ އެވެ. އަދި އަމިއްލަ މީހާއަށްވެސް ރިސްކު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލި މައްސަލައަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ، "އެމީހުން ހައްޔަރު ކުރުމުން ފުލުހުން ގެންގޮސް ޖެއްސި ހިސާބު" ނޫސްވެރިންނަށްވެސް އެނގޭނެ ކަމަށެވެ.

"ތިބޭފުޅުންނަށް މި ދޭތެރެއިންވެސް ފެނިވަޑައިގެންފައި ވާނެ، މި ބޮޑެތި އަދަދުތަކުން ނެގުނު މަސްތުވާތަކެތީގެ ފަހަތުގައި ތިބި މީހުން ނުވަތަ އެކަން ކުރި ފަރާތްތައް ޝަރުއީ މަރުހަލާއަށް ގެންދިޔުމުން ފުލުހުން ގެންގޮސް ޖެއްސި ހިސާބު. އެ ފަރާތްތައް ދޫވެގެން ދިޔައިރު، އެފަރާތްތަކާ ގުޅުން ހުރި ފަރާތްތައް، އެ ފަރާތްތަކާ މުއާމަލާތްކުރާ ފަރާތްތައް، އެ ފަރާތްތަކާ އެކި އެކި ގޮތްގޮތުން އިންވޯލްވާ ފަރާތްތައް،" މައްސަލައިގެ މާ ބޮޑު ތަފްސީލަކަށް ވަޑައި ނުގަތް ފުލުހުން ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލައަށްވެސް މި ބުނަނީ، ހަމަ އަޅުގަނޑުގެ ނަފްސު ރިސްކަށްލާ ހިސާބުގައި އިނގޭތޯ މި[ޑްރަގު ނެޓްވޯކުގައި] ފަރާތްތަކާ ހިސާބަށް ނޫސްވެރިޔަކު ގޮސްފިއްޔާ އޭނައަށް ހުރަސް އާދޭ. އެ ފަރާތްތަކާ ހަމައަށް ދިޔުމަށްޓަކައި މުއައްސަސާއެއްގެ ތެރެއިން މަސައްކަތްކޮށްފިއްޔާ އެ މީހަކަށްވެސް ބައިވަރު ޗެލެންޖް ކުރިމަތިވޭ." އިމްރާން ވިދާޅުވި އެވެ.

100 ކިލޯ ޑްރަގް މައްސަލައިގައި ބަންދުކުރި އަށް މީހުން: އެ މައްސަލައިގައި ނުވަ މީހަކަށް ވަނީ ދޫކޮށްލާފައި (ފޮޓޯ/ ޕޮލިސް)

ވީ ކިހިނެއް؟ - އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާލޭގެ ބޮޑު ގެންގަކަށް ނިސްބަތްވާ މީހުންނެވެެ. އެކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހުރިހާ ދުވެހިން ކޯޓުން މިހާރު ވަނީ ދޫކޮށްލާފައި އެވެ. ފުލުހުން ވަނަވަރު ހާމަ ކުރިވެސް އެންމެ އަށް މީހެއްގެ މައްޗަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާރު ނުވަ މީހަކަށް ވަނީ ދައުވާ ކޮށްފައި އެވެ. ޝޯޝަލް މީޑިއާގައި ތަންތާގައި ސީޕީ މުހައްމަދު ހަމީދަށް ފާޑު ކިޔައި، އެމީހުން ދޫކޮށްލުމަށް އޭރު އެ ގޭންގަށް ނިސްބަތްވާ މީހުން އަޑު އުފުލި އެވެ.

"މި ފަރާތްތަކުގެ ކުރިމަތީގައި ނުނީ ފަހަތުގައި ތިބޭ ފަރާތްތަކަކީ، އަޅުގަނޑު ހިތުން މިއަދު ތިބޭފުޅުންނަށްވެސް އެކި އެކި ރިޕޯޓުތަކުންނާއި އެކި އެކި މަރުހަލާތަކުން އެނގިގެންދާ ކަންތައް. އެހެންވެ އަޅުގަނޑު ދެންނެވީ، ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާ މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ ގައުމަށްޓަކައި އަޅުގަނޑުމެން ހުއްޓުވަން ޖެހޭ ކަންތަކެއް،"އިމްރާން ވިދާޅުވި އެވެ.

ޑުރަގުު ވިޔަފާރި ހުއްޓުވަން ހުރަސްއަޅާ ބަޔަކު އެބަތިބި: ސީޕީ

ސީޕީ ހަމީދު ޑީއީޑީގެ ވެރިޔާ ޝާކިރުއާއެކު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އިމްރާންގެ ވާހަކަތަކާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މަގުމަތީގެ ޑްރަގު ވިޔަފާރި ކުރާ މީހުންނާއި ރާއްޖެއަށް ޑްރަގު އެތެރެ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުނަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް "އެތަށް ހުރަސްތަކެއް އެބަހުރި" ކަމަށެވެ. އެއް ނެޓްވޯކު އަތުލައިގަނެ، އެމީހުންނަށް ދައުވާކޮށް، ކޯޓުން ދޫވުމުން އަނެއްކާވެސް ހަމަ އެ ނެޓްވޯކުން އެ ވިޔަފާރު ފަށާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެމީހުން ދޫވުމުގައި އެ ނެޓް ވޯކުތަކުގެ ފަހަތުގައި ތިބި މީހުން "އިންޓެލިޖެންސަށް އެނގޭ" ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ކުރެވޭ ވަރަށް ތަހުގީގަށް އެނގިފައި ނުވާކަން އޭނާ ވިދާޅުވި އެވެ.

"މިވަގުތު ސަރުކާރު މުއައްސަސާތަކުން އަޅުގަނޑުމެން ކުރާ މަސައްކަތަށް ހުރަސް އަޅަން ތިބީ ކޮން ބައެއްތޯ ތިބީ، ކިހާ މީހުންނެއްތޯ ތިބީ، ކީއްތޯ އެމީހުން ކުރަނީ، އެއީ އަޅުގަނޑުމެން އަބަދުވެސް ބަލާނެ ކަންތައްތައް. އެކަމަކު ސާފުކޮށް އެކަން އެގޮތަށް ނެތެކޭވެސް އަޅުގަނޑު ނުދަންނަވާނަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަހުގީގުތަކުން ތިބޭފުޅުން [ނޫސްވެރިން] ތިކުރާ ސުވާލަށް ޖަވާބު އެރުވޭނެވަރަށް މައުލޫމާތެއް ނެތް،"

އިތުރު އާޓިކަލް

އިތުރު އާޓިކަލް